ޚަބަރު

ރައުދާގެ މަރުގެ ތަހުގީގު ރިޕޯޓުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި

އާނިފާ ހުސެއިން ސިރާޖް

ބަންގްލަދޭޝްގައި މަރުވި ދިވެހިރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލައި ނިންމުމަށްފަހު އެކުލަވާލި ތަހުގީގު ރިޕޯޓުވެސް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

މަރުތަކާބެހޭ ރިޔާސީ ކޮމިޝަނުން ވަނީ، 2012 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައި އޮއްވައި ފެނުނު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުވެސް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވާފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައުދާގެ މައްސަލަ އެ ކޮމިޝަނުން ބަލައި ނިންމުމަށްފަހު އެކަލަވާލި ރިޕޯޓު މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ރާޖްޝާހީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ، އުމުރުން 21 އަހަރުގެ ރައުދާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިންނެވެ. އެކޮޓަރީގައި ހުރި ފަންކާއެއްގައި ޝޯލެއް ބޭނުންކޮށްގެން ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނު މައްސަލަ ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުންވެސް ތަހުގީގު ކުރިއެވެ.

ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަދޭޝްގެ ސަރުކާރުން އެންމެ ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. އެހެންނަމަވެސް، އެކަން ގަބޫލު ނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އޭނާގެ ބައްޕަ މުހައްމަދު އާތިފު އެދުނެވެ.

ރައުދާގެ ބައްޕަގެ އެދުމަށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ މަރުގެ ތަހުގީގު އަލުން ފަށައި، ވަޅުލިތާ 27 ދުވަސް ފަހުން ރައުދާ ހަށިގަނޑު ނެގިއެވެ. އެ ފަހަރު ރައުދާގެ މަރާ މެދު ސީއައިޑީން ތައްޔާރުކޮށް ރާޖްޝާހީ މެޓްރޮޕޮލިޓޭން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓަށް ވެސް އާތިފު ވަނީ ދެކޮޅު ހަދާފަ އެވެ. އެހެން ނަމަވެސް ދެވަނަ ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް އައީ އަމިއްލައަށް މަރުވި ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލައިގެ ރިޕޯޓް ބަންގްލަދޭޝް ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ހާމަކުރިއެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރައުދާ އެކަން ކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ.