ބޮލީވުޑް

އަރްޖުން 14 ވަނަ ފިލްމަށް ތައްޔާރުވެފައި، ފިލްމަށް އަދި ނަމެއް ނެތް

އަރްޖުން ކަޕޫރު، ސަންޖޭ ދަތު އަދި ކްރީތީ ސާނޮން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޕަނިޕަތު" ގެ ޓްރެއިލާ ރިލީސް ކުރުމާއެކު މީސް މީޑިއާގައި ފިލްމު ބެލުމުގެ ޝައުގުވެރިކަން ދަނީ ގިނަ ބަޔަކު ފާޅުކުރަމުންނެވެ. އަދި ފިލްމުގެ ކާސްޓުންނަށްވެސް ދަނީ ތައުރީފު އޮހޮރުވަމުންނެވެ.

އަރްޖުންގެ އެ ޓްރެއިލާ ރިލީސްވުމާއެކު ފިލްމު "ބަތުލާ ހައުސް" ގެ އުފެއްދުންތެރިން ވަނީ އަރްޖުން ކަޕޫރާއި ރާކުލް ޕްރީތު އާއެކު ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިއުލާންކޮށްފައެވެ.

އިއްޔެ އަރްޖުން ވަނީ އޭނާގެ އިންސްޓަގްރާމުގައިވެސް ރާކުލް އާއެކު ހުރި ފޮޓޯއެއް ހިއްސާކޮށް އޭނާގެ 14 ވަނަ ފިލްމު އިއުލާންކޮށްފައެވެ. ފޮޓޯ ކެޕްޝަނުގައި މި ފަށަން އުޅޭ އާދާސްތާއަށް އިންތިޒާރު ކުރާ ކަމަށާއި 14 ވަނަ ފިލްމުގެ މަސައްކަތް ކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައިވެއެވެ.

"ސްކްރިޕްޓް އެބައޮތް، ފިލްމަށް ނަމެއްނެތް. ކާސްޓުންނާއި ކްރޫއިންވެސް އެބަތިބި، ޝެޑިއުލްވެސް އެބައޮތް އެކަމަކު ރިލީސްކުރާ ތާރީހެއް ނޭނގެ. ވަރަށް އަވަހަށް ހުރިހާ ކަމެއް އެނގޭނެ. އަހަރެންގެ 14 ވަނަ ފިލްމުގެ މަސައްކަތަށް ތައްޔާރަށް މިހުރީ،" އަރްޖުންގެ ކެޕްޝަނުގައި ބުނެފައިވެއެވެ.

މިއީ އަރްޖުން އާއި ރާކުލް އެކީގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމުގެ ޝޫޓިން މިމަހު ފަށާނެއެވެ.