ބޮލީވުޑް

އަމީތާބް ބަޗަން: ބޮލީވުޑްގައި 50 އަހަރު

ނޮވެމްބަރު ހަތެއް 1969ގައި ނެރުނު ފިލްމު "ސާތު ހިންދުސްތާނީ" އިން ބޮލީވުޑަށް ލިބިގެންދިޔައީ ހުނަރުވެރި، ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިއެކެވެ. ގިނަ ހިޓް ފިލްމުތަކެއް ބޮލީވުޑަށް ނެރެދީފައިވާ މި ތަރިއަކީ ދެވަނަ މީހެއް ނޫނެވެ. ބޮލީވުޑްގެ ޝެހެންޝާހް އަމީތާބް ބަޗަންއެވެ.

ކެމެރާ ކުރިމަތީ ގޯލްޑަން ޖުބްލީ ފާހަގަވެގެންދާއިރުވެސް އަމީތާބަކީ އަދިވެސް މި އިންޑަސްޓްރީގައި އެންމެ ނަން ހިނގާ އެއް ތަރިއެވެ.

އަމީތާބުގެ މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އޭނާގެ ދަރި، ބަތަލު އަބީޝެކް ބަޗަން ވަނީ އިންސްޓަގްރާމުގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. އޭގައި އަބީޝެކް ވަނީ ދަރިއެއްގެ ގޮތުންނާއި ބަތަލެއްގެ ގޮތުން އަދި ފޭނެއްގެ ގޮތުންވެސް މިހާ ފަހުރުވެރިކަމެއް ފެނިގެންދާތީ އުފާވާ ކަމަށެވެ.

"އެތައް ޒަމާނެއްގެ ސިނަމާއަށް ލޯބިކުރާ މީހުންނަށް ބުނެވޭނެ، އަހަރުމެން ބަޗަންގެ ވަގުތުގައި އުޅުނީމޭ." އަބީޝެކްގެ ޕޯސްޓުގައި ބުނެފައިވެއެވެ. އަދި ފުރިގެން މިދިޔަ 50 އަހަރަށް މަރުހަބާ ކިޔަމުން އިތުރު 50 އަހަރަކަށް އިންތިޒާރު ކުރާކަމަށް ވެސް އަބީޝެކް ވަނީ ޕޯސްޓުގައި ލިޔެފައެވެ.

ފިލްމު އިންޑަސްޓްރީގައި އަމީތާބަށް 50 އަަހަރު ފުރުމުން އިންޑަސްޓްރީގެ ގިނަ މީހުންނާއި އަމީތާބުގެ ފޭނުންވެސް އަންނަނީ މީސް މީޑިއާ މެދުވެރިކޮށް އަމީތާބަށް މަރުހަބާ ކިޔަމުންނެވެ.

77 އަހަރުގެ އަމީތާބް އަދިވެސް އޭނާގެ ޗާމާއެކު މިވަގުތުވެސް ފިލްމުތަކެއްގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިމްރާން ހަޝްމީއާއެކު ފިލްމު "ޗެހްރޭ" އަދި އަޔުޝްމަން ކުރާނާ އާއެކު ފެނިގެންދާނެ ފިލްމު "ގުލާބޯ ސިތާބޯ" ހިމެނެއެވެ.

މީގެ އިތުރުން ރަންބީރު ކަޕޫރުގެ ސުޕާ ހީރޯ ފިލްމު "ބްރާމަސްތުރާ" އިންވެސް އަމީތާބު ފެނިގެންދާ އިރު، އިންޑިއާގެ ގައުމީ އެވޯޑު ލިބިފައިވާ ޑައިރެކްޓަރެއް ކަމަށްވާ ނަގްރާޖް މަންޖޫލްގެ ފިލްމު "ޖުންދް" ގައި މުހިންމު ރޯލުން އަމީތާބު ފެނިގެންދާނެއެވެ.