ކޮލަމް

ކެޔޮނިރު ކޮލަމް: މެންބަރު ޖާބިރާއި ނަޝީދުގެ ސިއްރު އެޖެންޑާ: ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް!

މުހައްމަދު ބުޝްރީ

3

ޖައްވަށް ބޭރުވާ ވިހަ ގޭސް މަދު ކުރުމުން ނުވަތަ ކާބަން ނިއުޓްރަލް ކުރުމުގެ ޤަރާރަށް ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖުލިހުގައި ކުރެވުނު ބަހުސެއްގައި، މަޖުލިހުގެ ތަޅުމުގައި، ހުށަހެޅިފައިވާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ގޮތަށް، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް "ވަގަށް" ގޮވައި ހުތުރު ބަހުރުވައިން މުއާމަލާތް ކުރުމުގެ ފުރުސަތު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދެއްވައިގެން މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވި އިންނެވުމުން ޔަޤީންވެގެން ދަނީ މިއަދު މިޤައުމުގެ ވެރިކަން ވައްޓާލަން އެއްވެސް މީހަކު ފޫގަޅައިގެން ހުރިނަމަ އެމީހަކީ މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ކަމެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު 26 އަހަރު އިންނެވުމަށްފަހު، އެމްޑީޕީއަށް ލިބުނު ވެރިކަން "މަކަރާއި ހީލަތުން ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުން ފޭރިގެންފައިވާ" ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މި މަޖިލީހުގައި އިންވައިގެން، އޭނާ ވެރިކަމަށް އަންނަން ވެގެން ވަރަށް މަކަރާއި ހީލާތުން ރައީސް ނަޝީދުގެ އަރިހުގައި އިންނަވައިގެން، ކަޓުވާލައިގެން ވެރިކަން ހޯދައިގެން އޭނާ އައި ގޮތް ވަރަށް ސާފު. މި އެމްޑީޕީ މީހުންނާ ނުލައި މި ރާއްޖޭގެ ވެރިކަމެއް ގާއިމު ނުކުރެވޭނެ ކަން ޔަގީންވީމާ އެމްޑީޕީ ތެރެއިން ވެރިކަމަށް އައިސް އަދާލާތު ޕާޓީއަށާއި ޖުމްހޫރީ ޕާޓީއަށް ވެރިކަން ފުރޮޅާލައިގެން އުޅޭ މައްސަލަ އެއީ އެކަން ސާފުވާ ހިސާބު." ޖާބިރު ވިދާޅުވިއެވެ. ރައީސް ސޯލިހަށާއި ނައިބު ރައީސް ފައިސަލް ނަސީމަށް "ވަގަށް" ގޮވައި، ވަރަށް ބޭއަދަބީ ބަހުރުވައިން ފާޑުވިދާޅުވަމުން ޖާބިރުވަނީ ރައީސް ނަޝީދަށް ތައުރީފު ކުރައްވައި، ނަޝީދަށް ހަޤީގަތުގައި މުހާތަބު ކުރަން ޖެހޭނީ "ރައީސުލް ޖުމްހޫރިއްޔާ" ގެ ލަގަބުން ކަމަށްވެސް ވިދާޅުވެފައެވެ. ނަޝީދަށް ތައުރީފު ކުރައްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ބައްޕަ އަކީ ނަޝީދު ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އިހުތިޔާރު ރައްޔިތުންގެ މަޖުލިހަށް ލިބިފައިވާކަން ފާހަގަ ކޮށް ޖާބިރު އެމް.ޑީ.ޕީ ގެ މެމްބަރުންނަށް ގޮވާލެއްވީ ނުކުމެ ބައާވާތެއް ކުރުމަށެވެ.

"ވަގުތުން ވަގުތަށް އިބްރާހިމް މުހައްމަދު ޞާލިހް މަގާމުން ދުރުކުރަން އެމްޑީޕީ ހުރިހާ އެކްޓިވިސްޓުން ނުކުންނާށޭ. އޮޕަރޭޝަންސް ޖައްސާށޭ. އޭނާ ވަގުތުން މަގާމުން ދުރުކުރާށޭ. ވައްކަން ކޮށްފިއޭ. އޭނައަކީ ވަގެއްކަން ސީދާ އަޅުގަނޑޭ މިބުނަނީ. އަޅުގަނޑަށް އިނގޭތީ" ޖާބިރު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިޔަސް އަދި އެހެން ރައްޔިތަކު ވިޔަސް ވައްކަމެއް ނޫން އެހެން ކުށެއް ކުރިއަސް ހައްޤު އަދަބު ލިބެން ޖެހޭނެކަން އެންމެނަށް ވެސް އެނގެއެވެ. ނަމަވެސް އެއްވެސް ހެއްކެއް، ގަރީނާއެއް ނެތި، މަޖުލިހުގެ ތަޅުމުގެ ހިމާޔަތުގައި ހުންނަވައިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި މިވަރުގެ ބޮޑު އިލްޒާމެއް ޖާބިރު އެޅުއްވިއިރު ރައީސް ސޯލިހުގެ އެންމެ އަރިސް ކަމަށް ވަކާލާތު ކުރައްވާ "ރަހުމަތްތެރިޔާ" އިންނެވީ މަޖުލިހުގެ ރިޔާސަތުގައެވެ. ހިނގަމުންދާ ބަހުސާ ގުޅުމެއް ނެތް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ ޖާބިރުގެ ވާހަކަ ހުއްޓުވުމުގެ ފުރިހަމަ ބާރު ނަޝީދަށް އެވަގުތު އޮތެވެ. ނަމަވެސް ނަޝީދު ގަސްތު ކުރެއްވީ ޖާބިރު ގޮވާނެހާ ހުތުރު އެއްޗެއް ގޮވުމުގެ ފުރުސަތު ދެއްވުމަށެވެ. އަދި ބަހުސާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، ރައީސް ސޯލިހަށް ބަހުގެ ހަމަލާ ދެއްވުމަށް ފުރުސަތު ދެއްވުމަށެވެ.

މެމްބަރު ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ނުލިބޭ ގޮތަށް ރައްޔިތުންގެ މަޖުލީހުން ދާދި ފަހުން ނިންމި ނިންމުމަކީ ރައީސް ސޯލިހުއަށް ތާއިދު ކުރައްވާ މެމްބަރުން އިސްވެ ނިންމެވި ނިންމުމެއް ކަން ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި ދިޔާނާ އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދޭން ނަޝީދު ތާއިދު ކުރެއްވި ކަމަށް ވެސް ބެލެވެއެވެ. އެހެން ކަމުން ޖާބިރުގެ މި ހޫނު ބަހުގެ ހަމަލާ އަކީ އަނބިކަނބަލުން ދިޔާނާ ސައީދަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ނުލިބުމުން އެކަމުގެ "ރުޅި ބޭލުން" ކަމަށް ބެލެވިދާނެއެވެ.

ދާދި ފަހުން މެމްބަރު އަބްދުﷲ ޖާބިރު އިޓަލީ ވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި އިޓާލީ ވިލާތުގެ ބައެއް ވިޔަފާރިވެރީން އަރިހު، ދިވެހި ރާއްޖެއަށް ވަރަށް އަވަހަށް ބަރުލަމާނީ ނިޒާމް އަންނާނެކަމަށް ވިދާޅުވި ކަމަށް ސިޔާސީ މަސްދަރުތަކުން މައުލޫމާތު ލިބިފައި ވެއެވެ. އަދި މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖުލިސްތެރޭގައި އަނބުރުއްވަން ބޭނުންފުޅުވާ ބައެއް "ގޭސް" ގަނޑު ގަނޑު އަނބުރުއްވަނީ ޖާބިރުލައްވާ ކަމަށް ވެސް ބެލެވެއެވެ. އެގޮތުން ރާއްޖޭގައި މަރިޖުއާނާ ޑްރަގް ހުއްދަކުރަން ޖެހޭ ކަމަށާއި، ކެސިނޯ ހަދަން ހުއްދަ ދޭންޖެހޭ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވެސް މަޖުލިހުގެ ތަޅުމުގައި މިއަހަރުތެރޭ ޖާބިރު ވަކާލާތު ކުރައްވާފައި ވެއެވެ.

ސިޔާސީ ބައެއް މުފައްކިރުން ދެކޭގޮތުގައި ރައީސް ނަޝީދާއި މެމްބަރު ޖާބިރު ވަކި "ޑީލެއް" ގެ ދަށުން މަސައްކަތް ކުރައްވަނީ ރައީސް ސޯލިހަށް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި، މަޖުލިހުގެ މެޖޯރިޓީ ނަޝީދާ އެއްކޮޅަށް ގަނެލައި، ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ އިތުބާރު ނެތްކަމަށް މަޖުލިހުން ފާސްކޮށް، މަޖުލިހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ރައީސް ކަމަށް މުހައްމަދު ނަޝީދު ގެނައުމަށެވެ. އަދި އެއަށް ފަހު ބަރުލަމާނީ ނިޒާމު ތައާރަފު ކޮށް، ރާއްޖެ ސެކިއުލަރ ޑިމޮކްރެސީ އަކަށް ބަދަލު ކޮށް، ދީނީ މިނިވަންކަން ދީ، ފައްޅި އަޅައި، މީހުން އުޅޭ ރަށްރަށުގައި ރާ ވިއްކުމުގެ ހުއްދަދީ، ރިސޯޓް ތަކުގައި ކެސިނޯ އެޅުމުގެ ހުއްދަދީ، ބާރުދަށް ޑްރަގެއް ކަމަށް ބުނެވޭ މެރިޖުއާނާ ހުއްދަކޮށް، އިންޑިއާގެ ބާރު ދިވެހި ރާއްޖޭގައި މިހާރަށް ވުރެ ވެސް ވަރުގަދަ ކުރުމަށެވެ.

ރަޢިސް ނަޝީދު އަޑީގައި ހުންނަވައިގެން މެމްބަރު އަބްދުﷲ ޖާބިރު ލައްވާ ހުރިހާ "ޑާރޓީ" ގޭމެއް މި ކުޅުއްވަނީ ނަޝީދު މިކަމުން ބަރީއަ ވެ ހުންނަވައިގެން ކަމަށް ބެލެވެ އެވެ. ނަމަވެސް މިގޭމް މިހާރު މިކުރިއަށް ދާ ގޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަން ޔަޤީނެވެ.

ސަރުކާރު ވައްޓާލަން މަސައްކަތް ކުރަނީ ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް ކަމަށް އެމް.ޑީ.ޕީ ގެ ނަޝީދު ފެކްޝަނުގެ މީހުން ބުނަމުން ދާ ބުނުމަށް ރައްދު ދެއްވައި ޤާސިމް އިބްރާހިމް ދާދިފަހުން ވިދާޅުވެފައިވަނީ ރައީސުލް ޖުމުހޫރިއްޔާގެ މަގާމަށް "ރާއްޖެތެރޭ" ބޭފުޅަކު ވަޑައިގަތުމުން އެމަނިކުފާނު ބޭރުކުރުމަށް މަސައްކަތް ކުރަނީ ޚުދު އެމް.ޑީ.ޕީ ތެރެއިން ކަމަށެވެ. ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ޤާސިމް އިޝާރާތް ކުރެއްވީ ރައީސް ސޯލިހުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރަނީ މަޖުލިހުގެ ތެރެއިން ސީދާ މުހައްމަދު ނަޝީދު ކަމަށެވެ. އެގޮތުން 40 ބިލިއަން ރުފިޔާގެ ތަރައްޤީގެ ބަޖެޓަށްވެސް ހުރަސް އަޅައި، އެބަޖެޓަށް ފާޑު ކިޔައި، ނަޝީދަށް ތާއީދު ކުރާ މެމްބަރުން މަޖުލިސް ތެރެއިން ބަޣާވާތެއް ގެންނަން މަސައްކަތް ކުރާ ކަމަށް ޤާސިމް އިޝާރާތް ކުރެއްވިއެވެ.

ރައީސް ނަޝީދު ރައްޔިތުންގެ މަޖުލިހުގެ ބާރުތައް ނަންނަގަވައި، ޖޭ.އެސް.ސީ މެދުވެރިކޮށް ފަނޑިޔާރުގޭގެ ބާރުތައް ނަންގަވައި، މަޖުލިހުގެ ކޮމިޓީތައް މެދުވެރިކޮށް ވަކިވަކި މިނިސްޓްރީ ތަކުގެ ބާރުތައް މުށުތެރެއަށް ލައްވައި، މަޖުލިސް މިހިންގަވަނީ ވަކި ސަރުކާރެއްގެ ގޮތުގައެވެ. ރައީސް ސޯލިހު މިކަމާ މެދު ފިޔަވަޅެއް ނާޅުއްވައި ހުންނަވައިފިނަމަ ނަޝީދާއި ޖާބިރުގެ "އެޖެންޑާ" ކާމިޔާބުވެ، މުޅި ސަރުކާރާއި ދައުލަތާއި ޤައުމު ފުން އަނދަވަޅަކަށް ވެއްޓިގެން ދިއުން އޮތި ދުރަކު ނޫނެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެ ފުއްދައިލެވޭކަށް ނެތެވެ. ދިވެހި ރައްޔިތުން ނިދީން ހޭލަން އެބަޖެހެއެވެ. ރައީސް ސޯލިހުވެސް އަވަސް ނިންމެވުން ތަކެއް ނިންމަވަން އެބަ ޖެހެއެވެ. މުހިއްމީ ގާތް ރަހްމަތްތެރިޔާއެއް ނޫނެވެ. އެއަށް ވުރެ މި ޤައުމާއި މި ޤައުމުގެ ދީން މާ މުހިއްމެވެ. ރައްކާވެ ތިބިއްޔާ ހަމަ ދަތުރެވެ!