ވިޔަފާރި

ބޯޓިން އެވޯޑްސް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް ބޯޓިން އެވޯޑްސް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ބޯޓިން އެވޯޑަކީ، ބޯޓިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑެކެވެ.

އެންބީއެމްއޭއިން ބުނީ ބޯޓިން އެވޯޑްސް އަށް ކުރިމަތިލެވޭނީ ހަމައެކަނި އެ އެސޯސިއޭޝަންގެ މެންބަރުންނަށް ކަމަށެވެ. އަދި އެސޯސިއޭޝަންގެ މެންބަރަކަށް ވުމުގެ ފުރުސަތު ބޯޓިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަދި އެ އިންޑަސްޓްރީއާ ގުޅުންހުރި ކޮންމެ ފަރާތަކަށް ލިބިގެންވާކަމަށް އެންބީއޭއެމްގެ ފަރާތުން މައުލޫމާތުދެއެވެ.

އެގޮތުން ބޯޓިން އެވޯޑްސް އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން http://www.boatingawards.mv/ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ނޮމިނޭޝަން ފޯމު ފުރޭމެ ކަމަށާއި ނުވަތަ ފުރާފައިވާ ނޮމިނޭޝަން ފޯމުގެ ސްކޭން ކޮޕީ [email protected]، [email protected] އަށް ފޮނުވުމުންވެސް ބައިވެރިވެވޭނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

ބޯޓިން އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އަންގާރަ ދުވަހު ހުޅުވާލާފައިވާއިރު، އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 15 ވަނަ ދުވަހުގެ 12:00 އެވެ.

މިއަހަރުގެ ބޯޓިން އެވޯޑްސް އަށް ކުރިމަތިލުމަށް ޖުމުލަ 29 ކެޓެގަރީއަކުން ހުޅުވާލާފައިވާކަމަށް އެންބީއޭއެމް އިން މައުލޫމާތުދެއެވެ.

އެވޯޑު ދޭނީ މިކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލުންދޭ 70 އިންސައްތަ މާކްސް އާއި، އޮންލައިން އަދި އެސްއެމްއެސް ވޯޓުން ލިބޭ 30 މާކްސްއަށް ބަލައިގެން ކަމަށް އެންބީއޭއެމް އިން މައުލޫމާތުދެއެވެ.

މި އެވޯޑްސް އަށް ކުރިމަތިލުމުގެ ޝަރުތުތަކާއި، ޖަޖް ކުރުން ކުރިއަށްދާނެ ގޮތް އަދި މުހިންމު މައުލޫމާތުތައް http://www.boatingawards.mv/ އިން ލިބެން ހުންނާނެ ކަމަށް އެންބީއޭއެމް އިން މައުލޫމާތު ދެއެވެ.

މޯލްޑިވްސް ބޯޓިން އެވޯޑްސް 2019 ގެ "ގަލާ ނައިޓް" އޮންނާނީ މިއަންނަ މަހުގެ 19 ވަނަ ދުވަހު ދަރުބާރުގޭގައެވެ.