ސަލާމަތީ އެއްވެސް ވަސީލަތެއް ނެތި ފިނޭންސް މިނިސްޓްރީގެ ހަތް ވަނަ ބުރީގައި މީހަކު މަސައްކަތް ކުރާ ފޮޓޯއެއް އާންމުވެއްޖެ އެވެ.
މި ފޮޓޯ ފޭސްބުކަށް ލާފައި ވަނީ އިސްމާއީލް ޝާހު ނަމަކަށް ކިޔާ މީހަކު ދާދި ދެންމެ އެވެ.
"ގަޑިން 10:27، ވެލްކަމް ޓު މާލެ ސިޓީ!" ޝާހު ފޭސްބުކަށް ލީ ފޮޓޯއާ އެކު ހިމަނާފައިވާ ލިޔުންކޮޅުގައި ބުނެފައިވެ އެވެ.
އެ ފޮޓޯއިން ފެންނަނީ ފިނޭންސް މިނިސްޓްރީގެ އެންމެ މަތީ ބުރީގެ ކުޑަދޮރުގެ ބޭރުން ނިކުމެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެވެ. އެއް އަތުން ކުޑަދޮރުގެ އަރިމަތީ ކަނީގައި ހިފަހައްޓައިގެން އަނެއް އަތުން ބިއްލޫރި ސާފުކުރަމުންދިޔަ އިރު، ކުޑަދޮރުގެ ބޯޑަރުގެ ތިރީ ކައިރީގައި ގްލާސް ކްލީނާ ފުޅިއެއްވެސް ބަހައްޓާފައި ހުރެ އެވެ.
ބެލެވޭ ގޮތުގައި އެ މަސައްކަތް ކުރަން ހުރީ ބިދޭސީ އެކެވެ. އޭނާ މަސައްކަތް ކުރަމުން ދިޔަ އިރު ކުޑަދޮރުގެ އެތެރެ ކައިރީގައި އެ މިނިސްޓްރީގެ މުވައްޒަފެއް ކަމަށް ބެލެވޭ މީހަކު ހުއްޓިގެން ހުންނަތަން ވެސް ފޮޓޯއިން ފެނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހަތް ވަނަ ބުރީގައި ސަލާމަތީ ގޮތުން އެއްވެސް ރައްކާތެރިކަމެއް ނެތި މަސައްކަތް ކުރާ މީހެއްގެ ފޮޓޯއެއް އާންމުވި އިރު، މި ގޮތަށް މަސައްކަތް ކުރުމުގެ ސަބަބުން މި ފަހަކަށް އައިސް ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގައި ބައެއް މީހުން މަރުވެފައިވެ އެވެ. އަދި ރައީސް ސޯލިހު ވަނީ އިމާރާތް ކުރުމާއި އިމާރާތް ތަކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ހަރުދަނާ އުސޫލުތަކެއް އެކުލަވައިލައްވައި ތަންފީޒުކުރުމަށް ވެސް ސަރާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަންގަވައިފަ އެވެ.