ފުރާނަދަންދެން

ފުރާނަދަންދެން - 50

2

"އެމަންޖެގެ ފިރިއެއް ނުހުރޭ. ލިބުނު ދަރިފުޅުވެސް ދުނިޔޭގައި ނެތް. ނޭނގޭތަ ދަރިފުޅަށް" އިނާޝާ ބުނި ޖުމްލައާއެކު ނާހިދަށް އިނާޝާގެ މޫނަށް ބަލައިލެވުނީ ކުއްލިއަކަށެވެ.

"ވަޓް...؟؟" ނާހިދަށް ބުނެވުނީ އެވަރަށެވެ. އޭނާއަށް އޮޅިއްޖެއެވެ. ހިތުގެ ކޮންމެސް ހިސާބަކުން ހިތްހަމަޖެހުމެއްވެސް ލިބިއްޖެއެވެ.

"ނޭނގޭދޯ އެހެންވީމަ. އެމަންޖެ ނުބުނޭދޯ" އިނާޝާ އަހައިލިއެވެ.

"އެކަމަކު.... އަޒްއެއް ތިކަހަލަ އެއްވެސް އެއްޗެއް ނުބުނޭ" ނާހިދް ބުނެލިއެވެ.

"އެހެންވީމަ އަހައިގެން އޮޅުންފިލުވާ..." ހީލަމުން އިނާޝާ ބުނެލިއެވެ.

ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން އިންއިރު ނާހިދް ވިސްނަމުން ދިޔައެވެ. އަޒްކާއާ ބެހޭގޮތުން ހަގީގަތުގައި ވެސް އޭނާއަށް އެއްޗެއް ނޭނގުނެވެ. މަންމަ އެބުނީ ތެދަކަށްވަންޏާ އަޒްކާ ކިޔައިނުދެނީ ކީއްވެގެން ހެއްޔެވެ؟ ޔަގީނެވެ. ނިރާޝް އެބުނާ ހިތްދަތި ދުވަސްތަކަކީ އަޒްކާގެ ކުޑަދަރިފުޅު ނިޔާވުމުން ތަޙައްމަލްކުރި ހިތްދަތި ދުވަސްތަކުގެ ވާހަކައެވެ. އެހާލުގައި އިންދާ އޭނާ އިންމީހާ ވެސް ދޫކޮށްލީ ހެއްޔެވެ؟

ބޮލެއްގައި ރިއްސާތީ މާހިލް ވަޒީފާއަށް ނުދާ ދުވަހެކެވެ. އޭނާ ހޭލައިގެން ކޮފީއެއް ބުއިމުގެ ބަދަލުގައި ވަނީ ފާހާނާއަށެވެ. ފެންވަރައިގެން ނިކުމެ ކޮޓަރީގައި ޟުހާ ނަމާދުކުރިއެވެ. ދެއަތް އުފުލާ ދުޢާ ކުރިއެވެ. މުސައްލަ އޮޅާލުމަށްފަހު ޑްރސިންގްޓޭބަލް މަތީގައި އޮތް ފޯނު ނެގިއެވެ. ނައިޝީގެ ހައިޑްކޮށްފައިވާ ފޮޓޯތަކަށް ބަލައިލަން އުޅެފައިވެސް އޭނާ ފޯނު ޖީބަށް ކޮށްޕާލިއެވެ. ނައިޝީގެ ހަބަރެއް ނުވާތާ އެތައް ދުވަހެކެވެ. ވީތަނެއްވެސް އުޅޭ ހާލެއްވެސް ނޭނގެއެވެ. އިނގޭ އެއްޗަކީ ބޮޑު ކަންތައްގަނޑެއް ހިނގައިފިކަމެވެ. އެހެންނޫނީ ނައިޝީގެ އެހާ ކުރު މެސެޖެއް އޭނާއަށް ނުލިބޭނެއެވެ. "ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެ" ނައިޝީގެ އެންމެފަހުން ލިބުނު މެސެޖް އޭނާ ކިޔާލިއެވެ. އޭގެއިން އޭނާ ނަގަންވީ ކޮން މާނައެއް ހެއްޔެވެ؟ ނިމުން އައީ އޭނާ އާ ނާހިދްގެ ގުޅުމަށް ހެއްޔެވެ؟ ނޫނީ އޭނާއަށްޓަކައި މާހިލް ކުރަމުންދާ އިންތިޒާރަށް ހެއްޔެވެ؟ ނުވަތަ އޭނާ މާހިލްއަށްޓަކައި ކުރަމުންދިޔަ އިންތިޒާރަށް ހެއްޔެވެ؟ އޭނާއަށް ވިސްނާ ވިސްނާވެސް ޖަވާބެއް ނުލިބުނެވެ. ނަމަވެސް އޭނާ ހިތާހިތުން ނައިޝީ ވީތަނެއްގައި ސަލާމަތުން ލެއްވުމަށް އެދި ދުޢާކޮށްލިއެވެ. އޭނާއަށް ދުވަހަކުވެސް ނައިޝީ ނުލިބޭނެކަން މިހާރު އޭނާއަށް އިހުސާސް ވެއްޖެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ނައިޝީ އާ އެތައް މޭލެއް ދުރަށްދާނެއެވެ. އޭނާ ދެން ނައިޝީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާނެއެވެ. އެއް އަތުން ކިތަންމެ ވަރަކަށް ތެޅިއަސް އަޑެއް ނުކިޔާނެކަން އެއީ ޔަގީން ކަމެކެވެ. ހަމަ އެގޮތަށް ލޯބިވަނީ އޭނާއެވެ. ނައިޝީގެ ހިތުގައި އޭނާ އާ މެދު ކުޑަވެސް ޝައުގުވެރިކަމެއް ނެތެވެ. ނައިޝީ ގޮވައިގެން އޭނާއަށް ކުރެވުނީ ކޮށްގެންވާނެ ކަންތައްތަކެއް ނޫނެވެ. ހަމަ އެގޮތަށް ނައިޝީވެސް ބޭނުންވީ ހަމަ އެކަނި އޭނާގެ ހިތް އެދި ގޮވަމުން ގެންދިޔަ އުފާތަކެއް މާހިލްގެ ފުށުން ލިބިގަންނާށެވެ. ހިނދުކޮޅަކަށް މާހިލްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެހިނދު ނޭނގި އޭނގެ ލޯ މައްޗަށް ފަޒާގެ ސޫރަ ސިފަވެއްޖެއެވެ. އޭނާ ބޭނުންވަނީ އޭނާ ލޯބިވާ މީހެއް ނޫނެވެ. އޭނާދެކެ ލޯބިވާ މީހެކެވެ. އޭނާ ދެލޯ މަރާ ބާރުކޮށްލިއެވެ. އަގުބޮޑު ޖަވާހިރެއް އޭނާގެ މުށު ތެރޭގައި އޮތް ދުވަސްތަކެއް އައެވެ. އޭގެއަށް އޭނާ އެއްވެސް ގަދަރެއް ނުކުރިއެވެ.

ކޮޓަރިން ނިކުމެފައި މާހިލް މިސްރާބު ޖެހީ ބަދިގެއާ ދިމާލަށެވެ. ބުރުހާނުއްދީން ވާނީ އޮފީހުގައި އިނގޭތީ އޭނާ އެހާ ރަނގަޅަށް ސައި ނަގަން ބޭނުންނުވިއެވެ. ނަމަވެސް ބަދިގޭ ދޮރަށް އެރުމާއެކު އޭނާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ގޭތެރޭގައި ލައި އުޅޭކަހަލަ ޓީޝާޓަކާ ސޯޓެއްގައި ބުރުހާނުއްދީން ހުރީ އުނދުން ކައިރީގައެވެ. އޭނާ ބިސްގަނޑު އަޅަން ފިޔާ މިރުސް ކޮށަމުންދިޔައިރު ދޮރުމަތީގައި މާހިލް ހުރި ކަމެއް ނޭނގެއެވެ. ނަމަވެސް އޭނާ އެއްލި ކަޅިއަކުން މާހިލް ފެނުމުން ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން ބަލައިލިއެވެ.

"ދަރިފުޅުތަ...! މިއަދު ވަޒީފާއަށް ނުދާ ދުވަހެއްތަ؟" ބުރުހާނުއްދީން އަހައިލިއެވެ.

"ކުޑަކޮށް ބޮލުގައި ރިއްސާތީ. ބައްޕަ ކީއްވެ؟" މާހިލް އަހައިލިއެވެ.

"ބައްޕަ ބޮލުގަ ރިއްސާވަރުން ރޭގައި ނުވެސްނިދޭ. ބަނޑުހައިވީމަ ހިތަށް އެރީ ރަނގަޅު އެއްޗެއް ހަދާލައިގެން ސައިބޯލަން" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"މާ ރަނގަޅަކަށްނު މިވީ. ކޯޗެއް ހަދާލަނީ ތި" މާހިލް ބުނެލިއެވެ.

"މާބޮޑު އެއްޗެއްނޫން. އޮމްލެޓެއް. ހަސަންވެސް ބަލިކޮށް އުޅޭތީ ރެސްޓްކުރަން ބާއްވާފަ އޮންނާނީ... ދެން އާދޭ ދެބަފައިން އެކީގަ ސައިބޯލަން" މޭޒު މައްޗަށް ސައި ހަދައިލަމުން ބުރުހާނުއްދީން ބުނެލިއެވެ.

ދެބަފައިން ސައިބޮމުން ދިޔައިރު އެދެމެދުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ. މާހިލްގެ ހިތުގައި ވަނީ ބައްޕަ އާމެދު ހެޔޮދުޢާއެވެ. އޭނާ ބޭނުންވަނީ ބުރުހާނުއްދީނަށް ހެޔޮލަފާ ހަޔާތުގެ ބައިވެރިއެއް ލިބުމަށެވެ.

"މާހިލް ތައްޔާރުތަ ފުރަން. ދަރިފުޅަށް އެއްވެސް މަޖުބޫރުކަމެއްނެތް" ބުރުހާނުއްދީން އަހައިލިއެވެ.

"ތައްޔާރު. މިފަހަރު އަޅުގަނޑު ބައްޕަ ހިތުގައި ނުޖައްސާނަން. ބައްޕަގެ އުންމީދުތަކުގައި ކޮޅުފައިން ނުޖަހާނަން" މާހިލް ބުނެލިއެވެ.

"އޭގެކުރިން ބައްޕަ ބޭނުން ގެއަަކަށް ގޮސް ބައްޕަގެ އަނެއް ދަރިފުޅާ ބައްދަލުކުރަން. ދެން ހީނުވޭ ދުވަހަކުވެސް އެސޮރު ފެނިދާނެހެން" ބުރުހާނުއްދީން ބުނެލިއެވެ.

"ބައްޕަ އާއެކު އެގެއަށް ދާން ތައްޔާރުވާންވީ ދޯ. އަންނަ މަގުމަތީގައި ބައްޕަވެސް އަޅުގަނޑާއެކު ގެއަކަށް ވަންނަންޖެހޭނެ" މާހިލް ބުނެލިއެވެ. ބުރުހާނުއްދީން ބޯޖަހައިލަމުން ހީލިއެވެ.

ނަތާޝާގެ ކައިވެންޏަށްޓަކައި ރާއިދުގެ ގެ ވަނީ ޒީނަތްތެރިކޮށްލާފައެވެ. ކައިވެނި ކުރެވޭ ވަގުތަކީ ނުވައެއް ޖަހާއިރެވެ. ގާޒީއާ އެހެނިހެން މެހެމާނުން މޭޒުތައް ފުރާލާފައިވާއިރު ނަތާޝާގެ އިންތިޒާރުގައި މޭޒު ކައިރީގައި ރާއިދު އިނެވެ. ނަތާޝާ އަންނަން ބުނި ގަޑި ފަހަނއަޅަމުން ދާއިރު ރާއިދު އިނީ މެސެޖްކުރާށެވެ. އިރުކޮޅަކުން ފެނުނީ ހުޅުވާލާފައިވާ ދޮރުން އެތެރެއަށް ވަން ނަތާޝާއެވެ. ހުދުކުލައިގެ ދިގު ވެޑިންގ ޑްރެސްގައި ނަތާޝާ ބުރުގާ އަޅާފަައި ހުރުމުން ރާއިދުއަށް ނޭނގުނެވެ. އެ ހެދުމުގައި ނަތާޝާ ފެންނަލެއް ލޯބިކަމުން އޭނާ އިނީ އިހުސާސްތައް ހިފަހައްޓައިލައިގެންނެވެ. ނަތާޝާގެ އެއްފަރާތުގައި ހުރި ހެދިލައިގެން ހުރި އަޒްކާ ފެނުމާއެކު ރާއިދު ކައިރީގައި ކޮޅަށް ހުރި އިމްރާންގެ ހިނިތުންވުން ފަނޑުވިއެވެ. ނަތާޝާގެ އެކުވެރިޔަކީ ކުރިން އަޒްކާ ކަމެއް އޭނާއަށް އިނގިފައެއްނެތެވެ.

އަމާނާތެއްގެ ގޮތުގައި ރާއިދުއަށް ނަތާޝާ އަނބިކޮށްދިން ވަގުތު އެއީ ނަތާޝާގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. އޭނާ ކައިރީގައި ހުރި ނުޝައިބާގެ މޫނަށް ބަލައިލާފައި ހީލިއެވެ. އެއްފަރާތުގައި އިން ޔޫސުފްގެ ކޮނޑުގައި ބޯއަޅައިލިއެވެ. އީވްއާއި އެކުގައި ބޭރުން އައިސްވަން ނައިޝީއަށް އަޒްކާ ފެނުމާއެކު ދަތްކުނޑި ވިކައިލެވުނެވެ. އޭނާ ސިއްރުން އީވް ކައިރީގައި އެއްޗެއް ބުނެލިއެވެ. ވަގުތުން އީވް ގެ ނަޒަރު އަޒްކާގެ މޫނަށް ހުއްޓުނެވެ. އަޒްކާއަށް ބަލައިލެވުނު އިރު އީވްއާއި ނައިޝީ ބަލަހައްޓައިގެން ހުރި ގޮތުން އަޒްކާގެ މެއަށް ފިނިވެލައިގެން ދިޔައެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ތަނަށް ޖަމާވެގެންދިޔަ ދެފަރާތުގެ އާއިލާ މެންބަރުން މުޅި ތަން ފުރައިލިއެވެ. އަޒްކާއަށް ނަތާޝާ ގެއްލުނެވެ. ރާއިދުގެ ތިމާގެ މީހުން ނަތާޝާ ގޮވައިގެން ދިޔައެވެ. ފޮޓޯ ނެގުމާއި ކެއުމުގައި އެންމެން ވަގުތު ގުނަން ފެށިއެވެ. އެކަނިވެރިކަމާ ބީރައްޓެހިކަން އަޒްކާ ވަށައިލިއެވެ. އޭނާ ފަހަތް ބަލައިލިއިރު އޭނާގެ އާއިލާއާއި ނަތާޝާގެ އާއިލާ ވަކިން މޭޒެއް ކައިރީގައި ތިއްބެވެ. އެދިމާލަށް ދާން އުޅުުނު ވަގުތު ސިހުނީ ދާދި ކައިރީގައި އައިސް ހުއްޓުނު ނާހިދް ފެނިފައެވެ. ރާއިދު ލައިގެން ހުރި ކުލައިގެ ގަމީހެއް ނާހިދް ލައިގެން ހުރިއިރު ހިތްގައިމެވެ. ދެ ދުވަހު ބަލިވެ އުޅުމުގެ ސަބަބުން ހަށިގަނޑު ހުރީ ދެމިލާފައެވެ.

"ޔޫ ލުކް ބިއުޓިފުލް..." ދުރަށް ޖެހިލުމަށްފަހު އަޒްކާގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލަމުން ނާހިދް ބުނެލިއެވެ. އަޒްކާ އިސްޖަހައިލަމުން ދެފަރާތް ބަލައިލިއެވެ. ނާހިދް އެހެން ބުނި އަޑުއިވޭ ހިސާބުގައި މީހަކު ހުރިތޯއެވެ.

"އަސްލުވެސް ވަރަށް ލޯބި" ނާހިދް ބުނެލިއެވެ. ތެދެކެވެ. ރޫބީ ކުލައިގެ ދިގު ހެދުން ހުރީ އަޒްކާގެ ހަށިގަނޑަށް ހިފާލާފައެވެ. ތިރިއަށް ފުޅާކޮށް ހުރިއިރު އަރައިގެން ހުރި ހައި ހީލްސް ގައި އޭނާ އިތުރަށް ހިކިކަމަށް ދައްކައެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައިވާއިރު ގިނަ ބައެއްގެ ނަޒަރު އަޒްކާއަށް ހުއްޓެމުން ދިޔައެވެ.

ދުރުގައި ހުރި އީވްއާއި ނައިޝީ ކައިރީގައި ހުއްޓިގެން ހުރި އިމްރާން އެދިމާލަށް އަންނަތަން ފެނުމުން އަޒްކާ އަވަސް ހިނގުމުގައި އޭނާގެ މައިންބަފައިން ތިބި މޭޒާއި ދިމާލަށް ދިޔައެވެ. ނާހިދަށް އިމްރާން ފެނުނީ ދާދި ކައިރީގައި ހުއްޓައެވެ.

"އިނގޭތަ މި ޕާޓީގަ ނައިޝީ ހުރިކަން" އިމްރާން އަހައިލިއެވެ. އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ.

އިމްރާނަށް ޖަވާބެއް ނުދީ ހުސްކޮށް ހުރި މޭޒެއް ހޯދައިލުމަށްފަހު ނާހިދް އެދިމާލަށް ދިޔައެވެ. އޭނާގެ ފަހަތުން އިމްރާންވެސް ދިޔައެވެ. މިފަހަރު އިމްރާން ހުރީ ނާހިދްގެ ފަރާތުން ޖަވާބު ހޯދުމަށް ނިންމައިގެންނެވެ.

"އިންމަ ހާދަ ރުޅިގަދަވެގެން ތިއުޅެނީ" އިމްރާން އިށީނުމާއެކު ނާހިދް ބުނެލިއެވެ.

"ކީއްވެގެން ނިންމި ނިންމުމެއް އެއީ؟ ރުޅިއައިއްސަ ހުންނަ ވަގުތުތަކުގައި ގޮތް ނިންމާކަށް ނުވާނެ" އިމްރާނު ބުނެލިއެވެ.

"ވީގޮތް އަހަރެން ކިޔައިދީފާނަން. އިންމަ އަޑުއަހާނަންތަ؟" ނާހިދް ވާހަކަދެއްކިއެވެ. އިމްރާން ބޯޖަހައިލިއެވެ.

ނިރާޝްއާއި އެކީގައި ކޮފީގައި އިނދެފައި އޭނާ އެހާ އަވަހަށް ގެއަށް އައީ ނިރާޝް ޑިއުޓީ ވަގުތުޖެހޭތީ ގެއަށް ދިޔުމުންނެވެ. ކޮޓަރިއަށް ވަދެގެން ގޮސް އޭނާ އަނބުރައިގަނެގެން ވެއްޓުމާއި ހަމައަށް ވާހަކަދެކެވުނުއިރު އަނެއްކާވެސް އޭނާގެ ލޭ ކެކެން ފަށައިފިއެވެ. ނަމަވެސް ކުރިމަތީގައި ހުރި ފެންތަށި އެއް ނޭވައިން ދަމާލުމަށްފަހު އޭނާ ހަމަޖެހިލިއެވެ. އިމްރާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނާހިދްގެ ފަރާތުން ދާދި ދެންމެއަކުން އޭނާއަށް އިވިގެން އެދިޔައީ ހަމަ ރަނގަޅު ވާހަކަތަކެއްބާއެވެ؟

"ނާހަމަ އެއްވެސް ގުޅުމެއް މިއަދާ ހަމައަށްވެސް އަހަރެންނާ އަޒްކާ އާ މެދުގައެއް ނެތް. އަހަރެން މީހެއްގެ ފިރިއެއްގެ މަގާމުގައި ހުރިހާ ދުވަހަކު އަހަރެންނާ ގުޅުމުގެ އެއްވެސް ވިސްނުމެއް އަޒްކާގެ ނެތް" ނާހިދް ބުނެލިއެވެ.

ނާހިދް ދެއްކި ވާހަކަތައް ގަބޫލުނުކުރެވިފައި އިން އިމްރާން އީވް ކައިރީގައި ދުރުގައި ހުރި ނައިޝީއަށް ބަލައިލިއެވެ. އެ މޫނުމަތީގައި ވަނީ މައުސޫމްކަމެވެ. އެވަރުގެ ކަމެއް އޭނާ ކޮށްފާނެކަމަކަށް އެއްވެސް މީހަކަށް ހީކޮށްފާނެ ހެއްޔެވެ؟ އިމްރާންގެ ހިތުގައި ނައިޝީ އާ މެދު ފޫހިކަމެއް އުފެދިއްޖެއެވެ.

"އަޒްކާ ބުނި އިންމަ އޭނަދެކެ ރުޅިއައިއްސަ ހުރި ވާހަކަ" ނާހިދް ބުނެލިއެވެ.

"ވަރަށް ބޮޑަށް ސޮރީ. ތިއީ ހަގީގަތެއް ކަމުގައި ވަންޏާ ތިކަންތައްކުރީ އަހަރެންވެސް ކަންތައްކުރާނެ ގޮތަށް. އޭނަ ތިގެއަށް ނުދާންވެގެން ކަންނޭނގެ އީވް ކައިރީގަ ބުނެފި ވަރި ސާބިތުކުރެވެންދެން މިގޭގަ ބަހައްޓާށޭ. އަހަރެން މިރޭ އީވް އާ ވާހަކަދައްކާނަން" އިމްރާން ބުނެލިއެވެ.

"އަހަރެން އެދުވަހުވެސް އިންމަ ކައިރީގައި ބުނަން މަސައްކަތްކުރިން. މާބޮޑަށް ރުޅިގަދަވެފަ ވިއްޔާހުރީ" ނާހިދް ބުނެލިއެވެ.

"ސީރިޔަސްކޮށްތަ؟ ނާހިދް އޭނައަށް ނުކޮށްދެންތަ؟ އައި ކާންޓް ބްލީވް..." އިމްރާން އިނީ އަދިވެސް ގަބޫލުނުކުރެވިފައެވެ.

"ތެދެއް ބުނަންތަ؟ އަހަރެންނާ ނައިޝީގެ ގުޅުން ވަރަށް ސްޓްރޯންގް ދުވަސްކޮޅެއް ދިޔަ. އޭރުވެސް ފާޑަކަށް އުޅެނީ. އަހަރެން ޓްރައި ކުރިން ބޭބީއަކަށްވެސް. މިހާރު މި ވިސްނެންފެށީ. އޭނަ މާހިލް ކައިރިއަށް ދަންޏާ ޕްރެގްވިޔަސް ނޭނގޭނެތާ ޕްރެގްވީ ކާކަށް ކަމެއް. އަހަރެން ކައިރިއަށް އެންމެ ރުޅިއައީ އެފިރިހެނާ އަކީ މާހިލްއަށްވީމަ. އަޒްކާ ޖަހައިގަތީވެސް އޭނަ. އޭނަ ނައިޝީ އާ ގުޅުމެއް އުފެއްދީވެސް ހަމަ ނުބައި ނުލަފާކަމުން" ނާހިދް ވާހަކަދެއްކިއެވެ.

"ދެން ވަރަށް ފޮނިވެފަ ދޯ މިހާރު ތީނީ. އަޒްކާ ކައިރިއަށްދާން ޓިކެޓް ލިބުނީނު" އިމްރާން ދިމާކޮށްލިއެވެ.

"މިހާރު ނެތް އެއްވެސް ހުރަހެއް. އަހަރެންގެ އެތެރެހަށީގައި ވިންދު ހުރިއްޔާ އަހަރެންގެ އަންބަކަށް އަޒްކާ ހަދާނަން. އިންޝާﷲ" ނާހިދް އަޒުމެއްގައި ބުނެލިއެވެ.

"ދޭބަލަ އޭނީ އެކަނި. އަދިވެސް ހުންނަނީ އެހާ މަޑުމަޑުން ދޯ" ދެފަރާތް ހޯދާ ބަލައިލުމަށްފަހު މީހުންތަކާ ވަކިން ހުރި މޭޒެއްގައި އަޒްކާއާއި އިތުރު މީހަކު އިނެވެ. ނާހިދް އެދިމާލަށް ހިނގައިގަތީ އަޒްކާ ކައިރީގައި އިން މީހާ ތެދުވީމައެވެ.

ކުރިމަތިން ހިނގާފައި އަންނަ ނާހިދަށް ބަލަހައްޓައިގެން އަޒްކާ އިނެވެ. ދުރުގައި ބަލަން ހުރި ނައިޝީއަށް މާބޮޑު ސަމާލުކަމެއް ނުދީ ނާހިދް ގޮސް ގޮނޑީގައި އިށީނެވެ. އެންމެންގެ ތެރޭގައި ނާހިދް އެގޮތަށް ކަންތައް ކުރުމުން އުނދަގުވީ އަޒްކާއަށެވެ. އޭނާ ވަގު ލޮލުން ބަލައިލިއިރު ދެފަރާތުގެ އާއިލާ މެންބަރުންގެ ކަޅިތައް ހުރީ އެދެމީހުންނަށް އަމާޒުވެފައެވެ.

"ނާހިދް... ޔޫގެ ވައިފް... އެހެރީ ބަލަން. މިތަނުންދޭ..." އަޒްކާ ބުނެލިއެވެ. ނާހިދް ބަލައިލިއެވެ. ތެދެކެވެ. ނައިޝީ ހުރީ ބުޅާ މަސްގަނޑަށް ބަލާ ފަދައަކުން އެދެމީހުންނަށް ބަލަހައްޓައިގެންނެވެ.

"ހިއެއްނުވޭ އޭނައަށް އަޒް ދިރުވާލެވިދާނެހެނެއް. ދެން ކީއްވެ ތިހާ ހާސްވަނީ" ސީރިޔަސްކަމާއެކު ނާހިދް އެހެން ބުނުމުން އަޒްކާއަށް ހެވުނެވެ.

"އެއީ ނާހިދްގެ އަންހެނުންނެއްނު. ޕްލީޒް ދޭ.." އަޒްކާ ބުނެލިއެވެ. އަޒްކާގެ މޫނަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ނާހިދް ތެދުވިއެވެ. ދުރުގައި ހުރި ނައިޝީއަށް ބަލައިލުމަށްފަހު ގޮނޑި ހިފައިގެން ގޮސް ބެހެއްޓީ އަޒްކާއާއި ޖެހިގެންނެވެ. އޭނާ އިށިންއިރު ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. އަޒްކާ ވަރަށް ކަންތައްބޮޑުވިއެވެ. ނާހިދް މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ؟ ތެދުވެގެން ދާން އުޅުނު ވަގުތު ނާހިދް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

"ނުއެއްދެވޭނެ އެހާ ފަސޭހައިން" ނާހިދް ބުނެލިއެވެ.

"ހެޔޮނުވާނެ ދޫކޮށްލާ. އަހަރެން ވަރަށް ލަދުގަނޭ" އަޒްކާ ބުނެލިއެވެ.

"އެހެންވިއްޔާ އިށީނދެބަލަ މިތާ. ކޮބާތަ މައްސަލައަކީ؟ އެހެންމީހުންވެސް އެތިބީނު. ނުއިށިންނަންޏާ ހަމަ ހުވާކޮށްފަ މިބުނީ އެންމެންގެ ތެރޭގައި އުރާލައިގެން ނިކުމެގެންދާނީ" ނާހިދް ބުނެލިއެވެ. އަޒްކާ އަވަސް އަވަހަށް އިށީނެވެ. ނާހިދް ކައިރިއަށް އައީ ހިންޏެވެ.

"ނާހިދް އަޅެ ކުޑަކޮށްވެސް ޖެހިލުމެެއް ނުވޭތަ؟ އެއީވެސް ހަމަ އަހަރެން ކަހަލަ އަންހެނެއް. އޭނާގެވެސް އިހުސާސްތަކެއްވޭ. ޔޫ ޝުޑް ރެސްޕެކްޓް ހަރ ފީލިންގްސް" ހަގީގަތް ނޭނގި ހުރެ އަޒްކާ އޭނާގެ ކަންބޮޑުވުންތައް ފާޅުކުރަމުން ދިޔައެވެ.

"އެއީ ކާކު؟ އެއްވެސް މީހެއް ނޫން. އައި ހޭޓް ހަރ" ނާހިދް ބުނެލިއެވެ.

"ނާހިދް!! އެއީ ތިމާގެ އަނބިމީހާއެއްނޫންތަ؟" އަޒްކާ ބުނެލިއެވެ.

"އެއީ އަހަރެންގެ އަންބެއްނޫން. މިދުނިޔޭގެ އެއްވެސް ތަނެއްގައި މިވަގުތު އަހަރެންގެ އަންބެއް ނުހުންނާނެ" ނާހިދް ބުނެލިއެވެ. އަޒްކާގެ ދެލޯ ބޮޑުވެ ޚައިރާންކަމާއެކު ނާހިދްގެ މޫނަށް ބަލައިލިއެވެ.

"އާނ... އަހަރެން އޭނަ މިނިވަންކޮށްފިން. ބޭވަފާތެރިންނަށް އަހަރެންގެ ހަޔާތުން ޖާގައެއްނެތް" ނާހިދް ބުނެލިއެވެ.

"ކް...ކިހިނެއްވީ...؟" ބޭއިޚްތިޔާރުގައި އަޒްކާއަށް ނާހިދްގެ އަތުގައި ހިފާލެވުނެވެ.

"އިނގޭތަ އަހަރެންނަށް ސިއްރުން އޭނަ ގުޅުމެއް އުފެއްދީ ކާކާ ކަން. މާހިލް.... އެދެމީހުން ސިއްރުން ރައްޓެހިވެގެން އުޅޭތާ ކޮންދުވަހެއް. ދެމީހުން ކުރަމުންއައި މުޑުދާރު ކަންތަކުގެ ވާހަކަ އޭނަ މާހިލް ކައިރީގައި ދައްކަނިކޮށް އަހަރެންގެ ކަންފަތުން އެހީ. މީހަކު އައިސް ބުނީކީ ނޫން" ނާހިދް އަޒްކާއަށް އޮޅުންފިލުވައިދެމުން ދިޔައެވެ. އެވާހަކަތަކުގެ ތެރެއިން އެއްފަހަރު އަޒްކާއަށް ނައިޝީ އާ ދިމާލަށް ބަލައިލެވުނެވެ.

"ސޯ ސޮރީ... އެއްދުވަހަކު އަހަރެންނަށްވެސް ތިކަހަލަ މަންޒަރެއް ފެނިއްޖެ" އަޒްކާ ބުނެލިއެވެ.

"ކޮން މަންޒަރެއް؟" ނާހިދް އަހައިލިއެވެ.

"އަހަރެން މަގުމަތިން ހިނގާފައި ދަނިކޮށް ލައި ހޫރެމުން އަތުން ފޭރިގަނެގެން އައި ޕާޓޭއަކު އަހަރެންނާ މުޑިއެރީ. ބަލައިލިއިރު މާހިލް. އަހަރެން ފެނުމުން ފާޑުފާޑުގެ ވާހަކަތަކެއް ދައްކަން ފަށައިފި. ކައިރިއަށް އަންނަން ފެށީމަ އަހަރެން އޭނާ ކޮށްޕާލިތަނާ ހިފެހެއްޓީ ނައިޝީ. އަހަރެންނާ ދިމާލަށް ވަރަށް އެއްޗެހި ގޮވާފަ އޭނަ މާހިލް ގޮވައިގެން ގޮއްސި. އެގަޑީގަވެސް ހިތަށް އެރި އަނެއްކާ އަހަރެން ކަހަލަ އެެހެން އަންހެންކުއްޖެއްގެ ލައިފާ ކުޅެލަނީއޭ. އެދުވަހު އަހަރެންނަށް އެއީ ނައިޝީ ފެނުނު ފުރަތަމަ ދުވަސް" އަޒްކާ ކިޔައިދިނެވެ.

"ތިވާހަކަތައް ކީއްވެ ކުރިން އަހަރެން ކައިރީގައި ނުބުނީ. އިނގުނުނަމަ އަހަރެންގެ ހަޔާތުން އޭނަ ބޭރުކުރާނީ މިއަދަކުނޫން" ނާހިދް ބުނެލިއެވެ. ހަގީގަތުގައިވެސް އޭނާގެ ހިތުގައި ނައިޝީ އާ މެދު އިންތިހާއަށް ފޫހިކަން އުފެދިއްޖެއެވެ.

"ކިހިނެއް އަހަރެން ބުނާނީ. އެއީ ނާހިދްގެ ވައިފްކަން އިނގުނީ މަންމަމެން ގޮވައިގެން ތިގެއަށް ދިޔަ ދުވަހު. އެހެންނޫނަސް ދެމަފިރިއަކު ދުރުކުރަން އަހަރެން އެދެމެދަށް ދުވަހަކުވެސް ނުވަންނާނަން" އަޒްކާ ބުނެލިއެވެ.

މާގިނަ އިރު ނާހިދް ކައިރީގައި އަޒްކާއަށް ނީނދެވުނެވެ. ނަތާޝާ އައިސް އަޒްކާ ގޮވައިގެން ދިޔައެވެ. އަޒްކާއާއެކު އެކި ގޮތްގޮތަށް ފޮޓޯ ނެގިއެވެ. އެހުރިހާއިރު އަޒްކާގެ ފަރި ހަރަކާތްތަކަށް ބަލަން ނާހިދް އިނެވެ. އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އަޒްކާ އިން ނައްޓައިގެން ނުދޭއެވެ. ދެފަރާތުގެ އާއިލާ އިން ވެސް އެކަން ފާހަގަކުރިއެވެ.

ފާހާނާއަށް ދާން ޖެހިގެން އަޒްކާ ތިރިއަށް ފޭބީ ނަތާޝާ ކައިރީގައި ބުނެފައެވެ. އެމަންޒަރު ބަލަން އިން ނާހިދް އަޒްކާގެ ފަހަތުން ހިނގައިގަތެވެ. އަޒްކާ ވަނީ އީވްގެ ކޮޓަރީ ފާހާނާއަށެވެ. އޭނާ ނިތްއިރު ސޯފާ ގޮނޑީގައި ހީލައިގެން އިން ނާހިދް ފެނުމުން ހިނިއައެވެ.

"އަހަރެންގެ ހިޔަނިތަ؟" ހީލަމުން އަޒްކާ އަހައިލިއެވެ.

"އަބަދުވެސް ހުންނާނަން ހިޔަނިހެން ގާތުގަ. އަހަރެން ބަހައްޓާނަންތަ؟" ނާހިދް އަހައިލިއެވެ.

"ނޭނގެ... ހިނގާދާން. އެންމެން ހޯދާނެ" އަޒްކާ ހިނގައިގަތް ވަގުތު ނާހިދް އައިސް ކައިރީގައި ހުއްޓުނެވެ.

ކުއްލިއަކަށް ދޮރު ހުޅުވިގެން ދިޔުމާއެކު ދެމީހުންނަށް އެއްފަހަރާ އެދިމާއަށް ބަލައިލެވުނެވެ. ދޮރުމަތީގައި އަޒްކާއަށް ދެލޯ އަޅައިގެން ހުރި ނައިޝީ ފެނުމުން އަޒްކާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ޖެހިލުންވީ ވަރުން އޭނާއަށް ނާހިދާއި އިތުރަށް ގާތަށް ޖެހެވުނެވެ. އަޒްކާ އައި ބަދަލު ނާހިދަށް ފާހަގަކުރެވުނެވެ.

"ލަދެއްވެސް ނުގަނޭތަ؟ މީހެއްގެ ފިރިއެކޭ އަތުއަޅުވާލަން ތިއުޅެނީ" އަޒްކާ އާ ދާދި ގާތުގައި ހުއްޓެމުން ނައިޝީ ވާހަކަދެއްކިއެވެ.

"އަހަ.....އަހަރެން.... ނާހިދް..." އަޒްކާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

"ތީކީ އަހަރެންގެ އަންބެއްނޫން. ކިހިނެއްވެގެންތަ ތިއުޅެނީ؟ ހަމަ މިހާރު މިވަގުތު އަހަރެންގެ ކުރިމަތިން ދުރަށްދޭ... އެހެންނޫނީ..." ނާހިދް ދަތްކުނޑި ވިކައިލަމުން ވާހަކަދެއްކިއެވެ.

"އެހެންނޫނީ.... ކީއްކުރެވޭނީ؟ އެއްކަމެއްވެސް ނުކުރެވޭނެ... ނޭނގޭތަ އަދިވެސް އަހަރެމެން ދެމަފިރިން ދޭތެރޭގައި އަނބިފިރިކަމުގެ ހުކުމް ހިނގާނެކަން. އަހަރެން މިއިނީ ނާހިދްގެ އިއްދައިގަ ކަމެއް ނޭނގޭތަ؟ އިސްލާމީ ނަޒަރަކުން ބެލި ނަމަވެސް އިތުރު އެއްވެސް މީހަކާ ގުޅުމެއް އަހަރެމެން ދެމީހުންނަކަށް ނުބޭއްވޭނެ" ނައިޝީ ޖަވާބުދިނެވެ.

"ހެހެހެ... ޖޯކް އޮފް ދަ ޑޭ... އަހަރެންނާ އިނދެގެން ހުރެ ހިލޭ ފިރިހެނަކާއެކު ޒިނޭގެ ތަންމަތީގައި އަލިފާން ޖަހަމުން ދިޔައިރު ކަމަނާގެ ތި 'އީމާންތެރިކަން' ހުރީ ކިހާ ހިސާބަކުބާ....؟ އޭރުގަ ހިލޭ ފިރިހެނަކާ ގުޅުމެއް އުފެއްދީ އިސްލާމްދީން އެކަމަށް ތަރުހީބް ދޭތީތަ....؟" ނާހިދް ވާހަކަދައްކަމުން ދިޔައެވެ. އެވާހަކަތަކުގެ ތެރެއިން ނާހިދް އަޒްކާގެ ދެކޮނޑުގައި ހިފާ ނައިޝީ އާ ކުޑަކޮށް ދުރުކޮށްލިއެވެ. ނައިޝީ ފޮނުވާލާފާނެ ހަމަލާއަކުން އަޒްކާ ސަލާމަތްކުރުމުގެ ބޭނުމުގައެވެ. އެ ހަށިގަނޑުގައި ޒައްރެއްގެ މިންވަރަށްވެސް ވޭނެއް އަޅަން އޭނާއަށް ނޭދެވެއެވެ.

"އަ...އަހަރެން.... ބުނީމެއްނު މަޢާފް..." ނައިޝީ އެއްޗެއް ބުނަން އުޅުނެވެ.

"ކަލޭތގެ ތި 'މަޢާފް' ކަލޭ އަތުގަ ބާއްވާ.... ދުވަހަކުވެސް ޙައްގު ކަނޑައެއްނުދޭނަން" ނާހިދް ނައިޝީ އާ ގާތަށް ޖެހިލަމުން ނައިޝީގެ ކަންފަތާ މޫނު ކައިރިކޮށްލާފައި ބުނެލިއެވެ.

"އަދި އެއްވާހަކަ. ކޯޓު މަރުހަލާ ނިމެންދެން ކަލެއަށް އަހަރެން އުޅޭ ގޭގައި އުޅުމަށް އެއްވެސް ހުރަހެއްނެތް. އެކަމަކު ހަނދާންކުރާތި! ކޯޓުގަ ނޫނީ އަހަރެން ފެންނަ ހިސާބަށް ދުވަހަކުވެސް އައިސްގެން ނުވާނެ. އަހަރެން ކަލެއަށް ނަފްރަތުކުރަން" ނައިޝީއަށް އިންޒާރެއް ދިނުމަށްފަހު ނާހިދް ގޮސް ހިފީ ދުރުގައި ހުރި އަޒްކާގެ އަތުގައެވެ.

"އަހަރެން އަބަދުވެސް ލޯބިވަނީ މި އަންހެންކުއްޖާ ދެކެ. މަރުވެދާނީވެސް ހަމަ މިލޯތްބަށްޓަކައި. ހެއްދެވިފަރާތް ނޫން އެހެން އެއްވެސް ބާރަކަށް މި ހިތަކުން މި ލޯތްބެއް ފިލުވައެއްނުލެވޭނެ" އަޒްކާގެ އަތުގައި ހިފައިގެން އައިސް ނައިޝީ ގެ ގާތުގައި ހުއްޓުމަށްފަހު އަޒްކާގެ އަތް ތިލައިގައި ހިފާ އުފުލާލުމަށްފަހު ބޮސްދިނެވެ. އަޒްކާގެ އަތުގައި ހިފައިގެން އެކޮޓަރިން ނިކުތްއިރު ނައިޝީ ހުރީ ގަނޑުވެފައެވެ. ދާދި ދެންމެއަކުން އޭނާގެ ކުރިމަތީގައި ތަމްސީލުވެގެން އެދިޔައީ ޑްރާމާއެއް ނޫނެވެ. އެއީ ހަމަ ޙަގީގަތެވެ. އޭނާއަށް ވިސްނާނުލާ ކުރެވުނު ފާފަތަކެއްގެ ސަބަބުން ލޯބި އަތުން ބީވެއްޖެއެވެ.

"އަހަރެން ކައިރީގައި އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ނާހާތި. ވަރަށް މޫޑު ހަރާބުވެއްޖެ" ލިފްޓުގައި ހުރި އަޒްކާ ބަލަން ހުރިކަން އިނގުމުން ނާހިދް ބުނެލިއެވެ. އަޒްކާ ބޯޖަހައިލިއެވެ.

ޕާޓީއަށް ކަނޑައެޅިފައިވާ ވަގުތު ނިމި މީހުން މަދުވާން ފެށުމުން އަޒްކާގެ އާއިލާ ގެއަށް ދިޔުމުގެ ތައްޔާރީތައް ވާން ފެށިއެވެ. ދިޔުމުގެ ކުރިން އަޒްކާގެ އާއިލާގެ ފަރާތުން ނަތާޝާއަށް ގެނައި ފައިސާގެ ހަދިޔާ ހަވާލުކުރަން ރާއިދުގެ އާއިލާ ކައިރީގައި ހުރި ނަތާޝާ ކައިރިއަށް ދިޔައެވެ. ނަތާޝާގެ ބޮލުގައި ފިރުމާލި ހީނާގެ ނަޒަރު ޙައްވައާ ބައްދަލުވި ވަގުތެވެ. ދެމީހުންގެ ސިކުނޑިއަށް ތާޒާކަމާއެކު މީގެ އެތައް އަހަރެން ކުރިން ހިނގާފައިވާ ހަނދާނެއް އައެވެ. ހީނާ ކައިރީގައި ހިނިތުންވުމަކާއެކު ހުއްޓުނު ތަޢުފީގް ފެނި ޙައްވައަށް އެކަން ޔަގީންކުރަން މާބޮޑުކަމެއް ކުރަން ނުޖެހުނެވެ. އުމުރުން ދުވަސްވެފައި ވިޔަސް އޭނާގެ ހަނދާން ބައްޔެއްނޫނެވެ.

ހިނދުކޮޅަކަށް ހުއްޓުން އަރާފައި ތިބި ހީނާއާއި ތަޢުފީގަށް އިސްޖަހައިލަން ޖެހުނީ ޙައްވަ ކައިރީގައި ހުއްޓުނު ޙަމީދާ އަޒްކާ ފެނިފައެވެ.

"މާމާ...! މިއީ ރާއިދުގެ ޕޭރެންޓުން. އަޅުގަނޑު އެއްދުވަހު މިގެއަށް އައި ނަތާއާއެކު" އަޒްކާ ބުނެލިއެވެ.

"މާބޮޑަށްވެސް މިއީ ކޮންބައެއްކަން މާމައަށް އިނގިއްޖެ" އަމީޒާ ޚައިރާންކަމާއެކު ޙައްވަގެ މޫނަށް ބަލައިލިއެވެ.

"ދަރިފުޅު ބުނީމެއްނުން ކުޑަކުދިންގެހިޔާގައި ދުވަސްތައް ހޭދަކުރަން ޖެހުނު ސަބަބު އިނގެން ބޭނުމޭ. މިދެމަފިރިން ކައިރީގައި އަހައިގެން ދަރިފުޅުގެ ސުވާލުތަކުގެ ޖަވާބު ހޯދާ" ޙައްވަ އެހެން ބުނުމާއެކު އަމީޒާއާއި އަޒްކާގެ ނަޒަރު ހީނާއަށް ހުއްޓުނެވެ. ނަތާޝާއާއި ރާއިދު އަދި އިމްރާނާ އީވް ވެސް ޚައިރާންކަން އެކުލެވިގެންވި ނަޒަރަކުން ހީނާއަށް ބަލައިލިއެވެ. ބޮޑު ކަންތައްގަނޑެއް ފެން މައްޗަށް އަރަން އުޅޭ ކަހަލަ އިހުސާސެއް އިމްރާނަށް ކުރެވުނެވެ. އެކަން އޭނާއަށް އިހުސާސްވީ މަންމަ ހީނާ އޮބައިލައިގެން ހުރި އިސް އުފުލާ ނުލީމައެވެ. އެހެންކަމުން ވެގެން އުޅޭ ކަމަކުން ދެފަރާތުން ވާހަކަދައްކައިގެން ހައްލުކުރަން އެންމެ ރަނގަޅުގޮތް އިމްރާމް ޚިޔާރުކުރިއެވެ.

(ނުނިމޭ)