ތިމާވެށި

ބީއެމްއެލް ކޮމިއުނިޓީ ފަންޑް: ފޭދޫގެ ކޮންމެ ގެޔަކަށް ބިއްލޫރި ފުޅިއެއް ހަދިޔާކޮށްފި

އާނިފާ ހުސެއިން ސިރާޖް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ހަރަކާތުގެ ދަށުން ށ. ފޭދޫގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އެ ރަށުގެ ކޮންމެ ގެޔަކަށް ބިއްލޫރި ފުޅިއެއް ހަދިޔާ ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މިއީ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރު ގައި އިފުތިތާހު ކުރި ފުރަތަމަ ޕްރޮޖެކްޓް ކަމަށެވެ. އެގޮތުން ފޭދޫގައި މިކަން ރަސްމީކޮން އިފްތިތާހު ކުރުމުގެ ގޮތުން އެރަށުގެ ކޮންމެ ގެޔަކަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްފައިވާކަމަށް ބީއެއެމްއެލް އިން މައުލޫމާތުދެއެވެ. އެ ގޮތުން ފޭދޫގައި ޖުމުލަ 1000 ފުޅި ވަނީ ބަހާފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖައްސައިގެން ހިންގާ ޕްރޮގްރާމެކެވެ.

"ތިމާވެށި ހިމާޔަތްކުރުމާއި ތިމާވެއްޓާ ރައްޓެހި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެން. އަޅުގަނޑުމެންގެ އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގާ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށްގޮސް މިރަށަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިޔުން." ކޮމިއުނިޓީ ފަންޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

"ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރިޔަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް ރަނުގެ ފުރުސަތެއް. މިގޮތުން ކޮމިއުނީ ފަންޑު އިއުލާނު ކުރުމުން ޖަމިއްޔާއިން ވިސްނީ މިރަށަށް މިވަގުތު އެންމެ މުހިންމު ކަން. ފަންޑުގެ އެހީގައި މިރަށުގެ ކޮންމެ ގެޔަކަށް މިއަދު މި ވަނީ ބިއްލޫރި ފުޅިއެއް ހަދިޔާ ކޮށްފަ. މިއީ، މި ރަށުގެ ހުރިހާ ރައްޔިތުންވެސް ޕްލާސްޓިކް ނޫން ގޮތެއް ހިޔާރު ކުރުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއް." ފޭދޫގެ ކޮންމެ ގެޔަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޕްރޮޕޯސަލް ކާމިޔާބު ކުރި ފޭދޫ އެންވަޔަރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ގެ ފަރާތުން އިސްމާއީލް ފަޒީލް ވިދާޅުވިއެވެ.

މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމުލަ 110 ޕްރޮޖެކްޓަކަށް ބީއެމްއެލް އިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.