ޔޫއެފާ ޗެމްޕިއަންސް ލީގު

ރެއާލަށް ގަލަތަސަރާއީ އަތުން ފަސޭހަ މޮޅެއް، އެޓަލާންޓާ އަތުން ސިޓީއަށް ޕޮއިންޓެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން ގަލަތަސަރާއީ ކޮޅަށް ހަ ލަނޑު ޖަހައި ފަސޭހަ މޮޅެއް ހޯދި އިރު، އިޓަލީގެ އެޓަލާންޓާ އިން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިފަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި ގަލަތަސަރާއީ އަތުން ރެއާލް މޮޅުވީ 6-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ރެއާލަށް 18 އަހަރުގެ ބްރެޒިލް ފޯވަޑް ރޮޑްރީގޯ ލީޑު ހޯދައިދިން އިރު، އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް ތިން ލަނޑުގެ ލީޑެއް ހޯދައިދިނީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އަދި ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ރެއާލުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއެވެ.

މެޗުގައި ރެއާލުން ޖެހި ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައެވެ. މެޗުގެ 81 ވަނަ މިނެޓުގައި ރެއާލުގެ ފަސްވަނަ ލަނޑު ބެންޒެމާ ކާމިޔާބުކޮށްދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރެއާލްގެ ހަވަނަ ލަނޑު ޖަހައި ރޮޑްރީގޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

"ގްރޫޕު އޭ"ގެ އެއްވަނައިގައި އަދިވެސް އޮތީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އެވެ. ކުޅުނު ހަތަރު މެޗުން ޕީއެސްޖީއަށް 12 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ކްލަބު ބުރޫޖަށް ހަތަރު މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގަލަތަސަރާއީއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ރަށުން ބޭރުގައި ރޭ އެޓަލާންޓާއާ ދެކޮޅަށް ސިޓީ ކުޅުނު "ގްރޫޕު ސީ"ގެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗުގެ ހަތްވަނަ މިނެޓުގައި ރަހީމް ސްޓާލިން ވަނީ ސިޓީއަށް ލީޑު ހޯދައިދީފައެވެ. ލީޑުގައި އޮވެ ސިޓީން ފުރަތަމަ ހާފު ނިންމާލި ނަމަވެސް، މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުގެ ތެރޭ އެޓަލާންޓާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓަލާންޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ.

އެ މެޗުގެ ދެވަނަ ހާފު ސިޓީން ފެށީ ކީޕަރު އެޑަސަންގެ ބަދަލުގައި ކްލައުޑިއޯ ބްރާވޯ ކުޅެން އަރުވައިގެންނެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި ބްރާވޯއަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. ބްރާވޯއަށް އެ ރަތް ކާޑު ދެއްކީ އެޓަލާންޓާގެ އެލެސެންޑްރޯ ގޮމޭސް ހުސްކޮށް ހުރެ ބޯޅަ ހިފައިގެން ދަނިކޮށް، ޕެނަލްޓީ އޭރިއާ ބޭރަށް ނުކުމެ އޭނާއަށް ބްރާވޯ ކުރި ފައުލާ ގުޅިގެންނެވެ. ސިޓީގެ ބެންޗުގައި އިތުރު ކީޕަރެއް ނެތުމުން އެޓީމުގެ ގޯލު ބެލެހެއްޓުމަށް ނުކުތީ ޑިފެންޑަރު ކައިލް ވޯކާއެވެ.

އެ ނަތީޖާއާއެކު ވެސް "ގްރޫޕު ސީ"ގެ އެއްވަނައިގައި އޮތީ ސިޓީއެވެ. ކުޅުނު ހަތަރު މެޗުން ސިޓީއަށް ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޝަޚްތާރު ޑޮނެސްކް އާއި ތިންވަނައިގައި އޮތް ޑައިނަމޯ ޒަގްރެބްއަށް ހަތަރު މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް އެޓަލާންޓާއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.