ބޮލީވުޑް

ޕީޓީ އުޝާގެ ބައޯޕިކް ކުޅުމުގެ ޝައުގުވެރިކަން އުރްވަޝީ ފާޅުކޮށްފި

މިދުވަސްވަރަކީ ގިނަ ބައޯޕިކްތަކެއް ބޮލީވުޑްގައި އުފައްދާ ދުވަސްވަރެކެވެ. ބީޓައުންގައި ބައޯޕިކް ޓްރެންޑަކަށް ވެފައިވާއިރު މަޝްހޫރު އޮލިންޕިއަން ޕީޓީ އުޝާގެ ބައޯޕިކް ފިލްމު ކުޅުމަށް ބޭނުންވާ ކަމަށް ބަތަލާ އުރްވަޝީ ރައުޓެއްލާ ބުނެފިއެވެ.

"އަހަރެންމީ އެތްލީޓެއް ކަމެއް ގިނަ މީހުންނަކަށް ނޭނގެ. އަހަރެންނަކީ ގައުމީ ބާސްކެޓްބޯލް ޗެންޕިއަނެއް. އަންހެން ޓީމުގެ ކެޕްޓަން އަހަންނަކީ. އަހަންނަކީ ކުޅިވަރުކުޅުންތެރިއެއް، އެހެންކަމުން ޕީޓީ އުޝާގެ ރޯލު ކުޅުމަށް އަހަރެންނަށްވުރެ އެކަށީގެންވާ އެހެން މީހެއް ނެތް." އުރްވަޝީ ބުންޏެވެ.

މީގެ އިތުރުން އުރްވަޝީ ބުނީ އޭނާ ވަނީ މީގެ ކުރިން ރޭސްވެސް ކޮށްފައި ކަމަށާއި ގިނަ ރޭސްތަކުން ވަނަވެސް ހޯދާފައިވާ ކަމަށެވެ. އެހެންކަމުން ފިލްމު އުފައްދާ ފަރާތުން އޭނާ ޓްރެއިން ކުރުމަށް ވަގުތާއި ފައިިސާ ހޭދަކުރަން ނުޖެހޭނެ ކަމަށް އުރްވަޝީ ބުންޏެވެ.

ޕީޓީ އުޝާގެ ބައޯޕިކްއަށް ޕްރިޔަންކާ ޗޯޕްރާ އަދި ކެޓްރީނާ ކައިފްގެ ނަން ވަނީ މީގެ ކުރިން ދައުރު ވެފައެވެ. ނަމަވެސް ރަސްމީކޮށް އަދި އެފިލްމު ކުޅޭ ބަތަލާ ހާމަކޮށްފައެއް ނުވެއެވެ.

އުރްވަޝީ މިދުވަސްވަރު އުޅެނީ ފިލްމު "ޕާގަލްޕަންތީ"ގެ ޕްރޮމޯޝަންގައި އަވަދިނެތިއެވެ. އެ ފިލްމަކީ ކޮމެޑީ ފިލްމެކެވެ. ފިލްމު ރިލީސްކުރަނީ މިމަހު 22ގައެވެ.