ނެކްސްޓް 100

"ނެކްސްޓް 100" އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޯޕަރޭޓް މޯލްޑިވްސްއިން ބާއްވާ "ނެކްސްޓް 100"އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަހަރަކު އެއްފަހަރު ދޭ އެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 31ގެ ނިޔަލަށެވެ. އެ އެވޯޑަށް ކުންފުނިތައް ނޮމިނޭޓް ކުރުމަށް ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓުން އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ.

ނެކްސްޓް 100 އަށް ކުރިމަތިލެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އެއީ ދިވެހި ވިޔަފާރިއަކަށްވުމާއި 31 ޑިސެމްބަރު 2018ގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށްވުމާއި އާމްދަނީގެ ގޮތުގައި އަހަރަކު އެއް ލައްކަ ރުފިޔާ އާއި 15 މިލިއަން ރުފިޔާއާ ދެމެދު އަދަދެއް ލިބޭ ކުންފުންޏަކަށްވުމެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި އެވޯޑު ދިނުމުގައި ވިޔަފާރި ކުރިއަރާފައިވާ މިންވަރާއި ވިޔަފާރި ހިންގުމުގެ ފުޅާމިނާއި އައު އުފެއްދުންތައް މާކެޓަށް ނެރޭ މިންވަރާއި ސީއެސްއާރު ހަރަކާތްތައް ހިންގާ މިންވަރަށް ބެލުމަށް ހަމަޖެހިފައިވެއެވެ.

ނެކްސްޓް 100 އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.