އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި ހައްޔަރުކުރި އައިޝަތު ވެލެޒިނީ ދޫކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގޮވާލައްވައިފިއެވެ.
ވެލެޒިނީ ދޫކޮށްލުމަށް އީވާ ގޮވާލެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
މިރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ވެލެޒިނީ ހައްޔަރުކުރީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ގިނަ ދުވަސްތަކަކަށްފަހު މިއަދު ވެލެޒިނީ ރާއްޖެ އައިސްފައިވާ އިރު، ވެލެޒިނީ ބުނާގޮތުން މީގެކުރިން އޭނާ ދިރިއުޅެމުންދިޔައީ ރެފިއުޖީއެއްގެ ގޮތުގައި ނެދަލޭންޑްސްގައެވެ.
އިސްލާމް ދީނާ ޚިލާފު ވާހަކަތައް ދެއްކުމުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން ވަނީ ވެލެޒިނީ އަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅައިފައެވެ.
ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފައެވެ. އެ ވާހަކަތަކުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފައެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު ވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ހައްގަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުސޫލުތަކުން ކަނޑައަޅައިދީފައިވާ ކަމަށެވެ.
މީގެއިތުރުން 23 މެއި 2017 ގައި ފުލުހުން ވަނީ ވެލެޒިނީއަށް އެ އިދާރާއަށް ހާޒިރުވުމަށް އަންގައިފައެވެ. އެގޮތުން 14 ދުވަސްތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވެލިޒިނީއަށް އަންގާފައި ވެއެވެ.