ޚަބަރު

އިންޑިއާގެ ހޯދުންތައް އަވަށްޓެރި ގައުމުތަކާ ހިއްސާކުރުމަށް މަލީހު ގޮވާލައްވައިފި

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާގެ ހޯދުންތައް އަވަށްޓެރި ގައުމުތަކާ ހިއްސާކުރުމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ގޮވާލައްވައިފިއެވެ.

މަލީހު މިގޮތަށް ގޮވާލެއްވީ އިންޑިއާގެ ކޮލްކަތާގައި މިހާރު ކުރިއަށްދާ އިންޑިއާ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުންނެވެ.

އިންޑިއާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޑރ. ހާޝް ވަރުދާންގެ އިތުރުން ބޫޓާ،ް އަފްޣާނިސްތާން، މިޔަންމާގެ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވި އެ ފެސްޓިވަލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވަނީ އިންޑިއާއިން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުން އަލިއަޅުއްވާލައިފައެވެ.

އެގޮތުން ސައިންސް އާއި ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާގެ ހޯދުންތައް އަވަށްޓެރި ގައުމުތަކަށް ވާސިލުކޮށްދިނުމަށާއި އިލްމު ޓްރާންސްފާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަމަށް މަލީހު ގޮވާލެއްވިއެވެ.

މީގެ އިތުރުން އިންޑިއާގެ އިންސްޓިޓިއުޝަންތަކާއި ރާއްޖެއާ އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށާއި ސައިންސާއި ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާ ރާއްޖޭގެ ތައުލީމީ މަންހަޖުގައި ހިމެނުމަށް ކުރެވޭ މަސައްކަތަށް އިންޑިއާއިން ވެދެވޭނެ އެހީތެރިކަމުގެ މައްޗަށް އަދި މި ސަރަހައްދަކީ ދުނިޔޭގެ ޓެކްނޮލޮޖީގެ ހަބަކަށް ހެދުމަށް ސާކުގެ ގައުމުތަކުގެ ތެރެއިން މިކަން ކުރެވޭނެ ގޮތްތަކުގެ މައްޗަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާ އެ ފެސްޓިވަލަކީ އިންޑިއާގެ ތަރައްގީއަށް ސައިންސް އެންޑް ޓެކްނޮލޮޖީގެ ސަބަބުން ކުރުމުއްދަތެއްގެ ތެރޭގައި އައިސްފައިވާ ކުރިއެރުން ފާހަގަކޮށް ސައިންސާއި ޓެކްނޮލޮޖީއަށް ހިތްވަރުދީ ޕްރޮމޯޓް ކުރުމަށް 2015 ވަނަ އަހަރުން ފެށިގެން ބާއްވަން އަންނަ ފެއާއެކެވެ. އިންޑިއާގެ އެކި ސްޓޭޓުތަކުގައި ބާއްވާ މި ފެސްޓިވަލަކީ އެގޮތުން ބާއްވާ ފަސް ވަނަ ސައިންސް ފެއާއެވެ.

މި ފެއާގެ ތެރެއިން މިނިސްޓަރު މަލީހު ވަނީ މުސްތަގުބަލުގައި އިންޑިއާގައި ބާއްވާ މިފަދަ ބައިނަލްއަގުވާމީ ސައިންސް ފެސްޓިވަލުތަކުގައި ރާއްޖޭގެ ސައިންސް ދާއިރާއިން ކިޔަވާކުދިންނަށް އަދި ޝައުގުވެރިވާ ކުދިންނަށް ބައިވެރިވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވައިފައެވެ.

އޭގެ އިތުރުން އެސްއެންބޯސް އިންސްޓިޓިއުޓަށް ވަޑައިގެން މަލީހު ވަނީ އެ އިންސްޓިޓިއުޓާއި މިނިސްޓްރީ އާއި ދޭތެރޭގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި މުސްތަގުބަލުގައި ރާއްޖޭގައި ސައިންސްގެ ދާއިރާއިން ކުރިއަށް ދާންބޭނުންވާ ކުދިންނަށް އެ ސެންޓަރު މެދުވެރިކޮށް ތައުލީމާއި ތަމްރީނު ފުރުސަތުތައް ހޯދުމާއި އަދި ރާއްޖެއިން ސައިންސްގެ ދާއިރާއިންކުރާ އެކިއެކި ދިރާސާތަކުގައި ފަންނީ އަދި އިލްމީ އެހީތެރިކަން ހޯދުމާ ގުޅެގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މި ދަތުރުގައި މިނިސްޓަރު މަލީހު މިއަދު ވަނީ އިންޑިއާގެ ސައިންސް ސެންޓަރަށް ވެސް ޒިޔާރަތް ކުރައްވައިފައެވެ. އަދި އިންޑިއާ އައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ސައިންސްގެ ދާއިރާއިން މިވަގުތު ކުރިިއަށްދާ ބޮޑެތި މެގަ ސައިންސް ޕްރޮޖެކްޓުތަކާއި އެއާބެހޭ ތަފުސީލު މިނިސްޓަރު ވަނީ ހޯއްދަވައިފައެވެ.