ކާނަލް މުހައްމަދު ނާޒިމް

ގާސިމްގެ އެޑްވައިޒަރުކަމުގެ މަގާމުން ނާޒިމް އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރުކަމުގެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޖޭޕީ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާދެއްވިކަން އެންގުމަށް ނާޒިމް ވަނީ ގާސިމަށް ސިޓީއެއް ފޮނުއްވައިފައެވެ. ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ނާޒިމް އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ގާސިމަށް ނާޒިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މަސައްކަތް ހުރި ގޮތުން ޕާޓީގެ މަސައްކަތްތަކަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން ޖޭޕީ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާދެއްވާ ކަމަށެވެ.

ޖޭޕީ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުން ނާޒިމް އިސްތިއުފާދެއްވި ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ޕާޓީއަށް ސޮއިކުރެއްވި ނާޒިމް ޖޭޕީގެ މެމްބަރުކަމުން އިސްތިއުފާދެއްވާފައެއް ނުވެއެވެ. ޖޭޕީގެ ޓިކެޓުގައި ދަނގެތި ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި ނާޒިމަކީ ޖޭޕީގެ ޕާލަމަންޓް ގްރޫޕުގެ ޑެޕިއުޓީ ލީޑަރެވެ.

ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވަރަށް ގާތްކޮށް މަސައްކަތްކުރެއްވި ބޭފުޅުންތަކެއް ވަނީ ދާދި ފަހުން ޖޭޕީއާ ގުޅިވަޑައިގެންފައެވެ. އެބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް އަދި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވައެވެ. އެބޭފުޅުން ސޮއިކުރެއްވި ފަހުން ޖޭޕީގެ ޖަލްސާތަކުން ނާޒިމް ފެނިވަޑައިގެންފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމް ދިރިއުޅޭ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި 2015 ވަނަ އަހަރު ކާނަލް ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ނާޒިމް މިނިވަންވީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ހުކުމް ބާތިލުކުރުމުންނެވެ.