ކުއްލި ޚަބަރު

އެކްސްކްލޫސިވް: ވަޒަން އެރީ ސަފާރީގެ ސަން ޑެގުގައި ސެލްފީ ނަގަން ހުރި ފަތުރުވެރިޔެއްގެ ކަރަށް

މިއަދު މެންދުރު ފަހު ގިރިފުށީގައި ޓްރޭނިން ހަދަމުން ދިޔަ އިރު ޖެހި ބަޑީގެ ވަޒަނެއް އަރާފައި ވަނީ، އެ ސަރަހައްދުގައި އޮތް "އީގަލް ރޭ" ނަމަކަށް ކިޔާ ސަފާރީގެ ޑެގު މަތީގައި ސެލްފީ ނަގަން ތިބި ފަތުރުވެރީންތަކެއް ތެރެއިން އެކެއްގެ ކަރަށްކަން އެނގިއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އެ މީހުން ސަފާރީއަށް އެރިތާ ގަޑިއެއްހާއިރު ތެރޭގަ އެވެ. ޒަހަމްވި މީހާއާ އެކު ސަފާރީއަށް އިތުރު ހަތް މީހުން އެރި ކަމަށް ވެސް އެނގިފައިވެ އެވެ. ވަޒަން އެރުމުގެ ސަބަބުން ޒަހަމްވި ޖަރުމަނު ފިރިހެން މީހާގެ ކަރުން ގިނަ އަދަދަކަށް ލޭ ފޭބި ކަމަށާއި ވަޒަން އަރާފައި ވަނީ ކަރުގެ އެއް އަރިމައްޗަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ފަތުރުވެރިޔާގެ ކަރަށް އެރި ވަޒަން ވެއްޓިފައި އޮތީ ވެސް ސަފާރީގެ ސަން ޑެގުމަތީގަ އެވެ. ފަތުރުވެރީން އެވަގުތު ތިބީ ސަފާރީގެ ތިންވަނަ ބުރީގައި އޮންނަ ސަން ޑެގު މަތީގަ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޒަހަމަވި ފަތުރުވެރިޔާއާ އެކު، ސަފާރީއަށް އެރި ހަތް މީހުންގެ ތެރޭގައި ދެ ޑޮކްޓަރުން ވެސް ހިމެނެ އެވެ. ވަޒަން އެރި ތަނުން އިތުރަށް ލޭ އަޔަ ނުދީ ފުރަތަމަ އެހީ ދިނީ އެ ދެ ޑޮކްޓަރުންނެވެ.

މި ހާދިސާ ހިނގި ވަގުތު ސަފާރީ އޮތީ ގިރިފުށީގެ ހުޅަނދު ދެކުނު ފަޅީގަ އެވެ. އަދި ވަޒަން އައީ މަތީން ކަމަށާއި އެ ވަގުތު ގިރިފުށީގައި، ބަޑި ޖަހައިގެން ހިންގާ ތަމްރީނުތައް ހިންގާ އިރު ނަގާ ދިދަ ވެސް ނަގާފައި ހުރި ކަމަށް އެނގިފައިވެ އެވެ.

މި ފަތުރުވެރިޔާ ސީ އެމްބިޔުލެންސްގައި މާލެ ގެނެސް، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.