ވިޔަފާރި

ސަޕްލައި ޑޮޓް އެމްވީ ލޯންޗުކޮށްފި

އާނިފާ ހުސެއިން ސިރާޖް

އުރީދޫގެ "ނިރު" އެކްސެލެރޭޓާ ގެ ދަށުން އޮޕަރޭޓްކުރާ، ސަޕްލައި ޑޮޓް އެމްވީ ލޯންޗުކޮށްފިއެވެ.

ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަޕްލައި ޑޮޓް އެމްވީ ލޯންޗުކުރުމަށްފަހު، އެ އެޕްލީކޭޝަނާ ބެހޭގޮތުން މައުލޫމާތުދެއްވަމުން ސަޕްލައި ޑޮޓް އެމްވީގެ މެނޭޖިން ޑިރެކްޓަރު ރާއިދު ވަލީދު ވިދާޅުވީ، ސަޕްލައި ޑޮޓް އެމްވީ އަކީ ބީޓޫބީ ނުވަތަ ބަލްކް ޕާޗޭސްތަކަށް ހާއްސަކޮށްގެން އުފެއްދި އޮންލައިން މާކެޓް ޕްލޭސެއް ކަމަށެވެ. އެގޮތުން ސަޕްލައި ޑޮޓް އެމްވީގެ ބޭނުމަކީ ރާއްޖެތެރޭ ރަށްރަށުގައި ހުންނަ ވިޔަފާރިވެރިންނަށްވެސް މާލޭގައި ހުންނަ ބޮޑެތި ސަޕްލަޔަރުންގެ މުދާތައް ގަނެ ބަލައިލެވޭނެ ސިސްޓަމެއް ގާއިމްކުރުން ކަމަށް ރާއިދު ވިދާޅުވިއެވެ.

އެގޮތުން މި ޕްލެޓްފޯމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ހުންނަ ފިހާރައިގައި ހުންނަ މީހާއަށްވެސް މާލޭގައި ހުރި ބޮޑެތި ސަޕްލަޔަރުންގެ މުދާތައް ބަލައިލައި، ޕްލެޓްފޯމް ތެރެއިން އެ ސަޕްލަޔަރުންނަށް އީމެއިލެއް ނުވަތަ ކޮޓޭޝަނެއް ނުވަތަ އޯޑަރެއް ސިންގަލް ޓެޕުން ފޮނުވޭނެ ކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ މި އެޕްލީކޭޝަން ލޯންޗުކުރުމަށް ފުރަތަމަ ބިޒްނަސް އައިޑިއާއިން ފެށިގެން، ޑިޒައިނިން އާއި ޑިވޮލޮޕްމަންޓާއި ފަންޑުކުރުމާއި ހުރިހާ ސަޕޯޓެއް ކުރީ އޫރިދޫން ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ތިބޭމެ 36 ސަޕްލަޔަރުން، ގާތްގަނޑަކަށް 80 ވަރަކަށް ސަޕްލަޔަރުން މިހާރު ތިބީ ލިސްޓިން އަށް އެޕްރޫވްކޮށްފަ. އަޅުގަނޑުމެންނަށް ވާވަރަކުން ސަޕްލައި އެޑްކުރަމުން މިގެންދަނީ" ރާއިދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ސަޕްލަޔަރުންނާއި، ފަރުނީޗަރު ސަޕްލަޔަރުންގެ އިތުރުން އިލެކްޓްރޯނިކް ސަޕްލަޔަރުންގެ ހިދުމަތްވެސް ލިބޭނެކަމަށް ރާއިދު އިތުރަށް ވިދާޅުވިއެވެ.

ސަޕްލައި ޑޮޓް އެމްވީގެ ވެބްސައިޓެއްގެ އިތުރުން އެޕުވެސް ހިމެނޭނެ ކަމަށް ފަރާތުން މައުލޫމާތުދެއެވެ.

"2300 ނޫނީ 2600 ވަރަކަށް ޕްރޮޑަކްޓްސް އުޅޭނެ. އަދި ޕްރޮޑަކްޓްސް ހުންނާނީ އެކި ވެރައިޓީތައް ސެލެކްޓް ކުރެވޭ ގޮތަށް. އަގުތައްވެސް އަޕްޑޭޓް ކުރަމުން މި އަންނަނީ. މިއަަހަރު ނިމޭއިރު އަމާޒަކީ 5000 ނޫނީ 10،000 ޕްރޮޑަކްޓްސް ހިމެނުން" ރާއިދު ވިދާޅުވިއެވެ.

ސަޕްލައި ޑޯޓް އެމްވީ ފަދަ އިތުރު އޮންލައިން މާކެޓް ޕްލޭސްތައް ރާއްޖޭގައި އެބަހުރި ކަމާއި ކޮމްޕެޓިޝަންގެ ވާހަކަ ފާހަގަކޮށް ރާއިދު ވިދާޅުވީ، އެ މީހުންގެ އަމާޒު ތަފާތު ކަމަށެވެ. އެގޮތުން ސިންގަލް ޕީސް ނުވަތަ މުދާ ވަކިވަކިން ނުވިއްކާ ކަމާއި، ސަޕްލައި ޑޮޓް އެމްވީގެ ފަރާތުން ވަކި ކުއާންޓީޓީއެއް ހަމަޖައްސާފައިވާނެ ކަމަށް ރާއިދު ވިދާޅުވިއެވެ.