ރައްޔިތުންގެ މަޖިލިސް

އައްޑޫގައި ގާއިމްކުރާ ފުލުހުންގެ ޓްރެއިނިން ސްކޫލާ ގުޅޭގޮތުން މިނިސްޓަރު އިމްރާންއާ މަޖިލީހުން ސުވާލު ކުރަނީ

މަރިޔަމް ޝަހުދާ

އައްޑޫ ސިޓީގައި ހަދަމުންގެންދާ ފުލުހުންގެ ޓްރެއިނިންގް ސްކޫލާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މަޖިލީހުން ސުވާލު ކުރަން ހުށަހަޅައިފިއެވެ.

އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް އަޑު ފެތުރިފައިވާ މި ޓްރެއިނިންގް ސްކޫލާ ގުޅޭގޮތުން ހޯމް މިނިސްޓަރާ ސުވާލު ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެވެ.

މިދިޔަ ހަފުތާ ތެރޭ މިނިސްޓަރު އިމްރާން އާއި ސުވާލު ކުރެއްވުމަށް ނިހާދު މަޖިލީހަށް ހުށަހަޅާފައިވާއިރު، މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު އިމްރާންއަށް ނޯޓިސް ފޮނުއްވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ''ވަން އޮންލައިން'' އަށް މައުލޫމާތު ދިނެވެ.

''ވަން'' އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅިގެން ޖަވާބުދާރީ ވުމަށް އަދި މަޖިލީހަށް ހާޒިރުވާނެ ތާރީހެއް އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު މިދިޔަ ހަފުތާގައި ސުވާލުތައް ލިބިފައިވާ ކަމަށެވެ.

އައްޑޫގައި ހަދަމުންދާ ފުލުހުންގެ ޓްރެއިނިންގް ސްކޫލަކީ އިންޑިއާގެ އަސްކަރީ ބޭސްއެއް ކަމަށް އަޑު ފެތުރިފައިވާއިރު ފުލުހުން ވަނީ އެކަން ދޮގު ކޮށްފައެވެ. ފުލުހުން ވަނީ އެ ޓްރެއިނިންގް ސްކޫލަކީ ބައެއްގެ ނުފޫޒެއް ނެތް ތަނެއް ކަމަށާއި، ނަމަވެސް އިންޑިއާ ސަރުކާރުގެ އެހީ ފުލުހުންގެ ބައެއް މަސައްކަތްތަކަށް ލިބެމުން އަންނަ ކަމަށް ބުނެފަ އެވެ. އެގޮތުން އެތަން އިމާރާތް ކުރުމަށް އިންޑީއާ ސަރުކާރުން 18 މިލިއަން ޑޮލަރު ދިން ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެސް އިންޑިއާގެ ކުންފުންޏަކާއެވެ.