ކުޅިވަރު

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގުރުނަގައިފި

މުހައްމަދު އައުޒަމް

ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގުރުނަގައިފިއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 600،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ ދޭއިރު ފެއާ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މުބާރާތުގެ ގުރުނެގުމަށް އާޓް ގެލެރީގައި މިރޭ ބޭއްވި ހަޕްލާ ޝަރަފްވެރި ކޮށްދެއްވީ ކެނދިކުޅެދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި މުބާރާތުގެ އެއް ބާނީ ކަމަށްވާ އަލީ މައުރޫފެވެ. އަދި ރާއްޖޭގެ ފުޓުބޯޅަ އާއިލާގެ ފާހަގަކޮށްލެވޭ ފަރާތްތައް މިރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

ނ. އަތޮޅުގެ ޓީމުތަކަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 11 ޓީމު ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ކުޅެވޭނީވެސް ނ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. މުބާރާތުގައި ނ. އަތޮޅުގެ ދެ ރަށް ފިޔަވައި ހުރިހާ ރަށަކުންވެސް ވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ 11 ޓީމު ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. "ގުރޫޕް އޭ" ގައި ހަ ޓީމު ހިމެނޭ އިރު، "ގުރޫޕް ބީ" ގައި ހިމެނެނީ ފަސް ޓީމެވެ.

ގްރޫޕް އޭ:

 • ކެނދިކުޅުދޫ
 • މާޅެންދޫ
 • ހެނބަދޫ
 • މަނަދޫ
 • މިލަންދޫ
 • މަގޫދޫ


ގުރޫޕް ބީ:

 • ވެލިދޫ
 • ލަންދޫ
 • މާފަރު
 • ހޮޅުދޫ
 • ކުޑަފަރި

ގްރޫޕް ސްޓޭޖުގައި ޖުމްލަ 25 މެޗު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ހަތަރު ޓީމު ސެމީއަށް ދާނެއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

މުބާރާތް ހުޅުވާ މެޗުގައި ކުޅެން ހަމަޖެހިފައިވަނީ ކެނދިކުޅުދޫ އާއި މާޅެންދޫއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ އިސްވެ ހުންނަވައި ބާއްވާ މުބާރާތެކެވެ.