ޔޫއެފާ ޗެމްޕިއަންސް ލީގު

އަޔެކްސް އިން ތިން ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް، ޗެލްސީން އެއްވަރުކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ނެދަލެންޑްސްގެ އަޔެކްސް އިން ތިން ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް، އިނގިރޭސިވިލާތުގެ ޗެލްސީން އެއްވަރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ އަޔެކްސްއާ ދެކޮޅަށް ޗެލްސީ ކުޅުނު "ގްރޫޕު އެޗް"ގެ މެޗު ނިމިގެންދިޔައީ 4-4ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗު ފެށިތާ ދެ މިނެޓުގެ ތެރޭގައި އަޔެކްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެ ލަނޑަކީ ޗެލްސީގެ ފޯވަޑް ޓެމީ އަބްރަހަމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކުއިންސީ ޕްރޮމޭސް ނަގައިދިން ހިލޭ ޖެހުން ޗެލްސީގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އަބްރަހަމް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައެވެ.

އަޔެކްސް އިން ލީޑު ހޯދިތާ މިނެޓެއް ފަހުން ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ޗެލްސީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްދިނީ ޖޯޖީނިއޯއެވެ. ޗެލްސީއަށް އެ ޕެނަލްޓީ ލިބުނީ އަޔެކްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކްރިސްޓިއަން ޕުލިސިޗްއަށް ޖޯލް ވެލްޓްމަން ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ 20 ވަނަ މިނެޓުގައި އަޔެކްސް އިން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ހަކީމް ޒިޔެކް ނަގައިދިން ހުރަހަކުން އަޔެކްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕްރޮމޭސްއެވެ. ޒިޔެކް ނަގައިދިން ބޯޅަ، ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފަސޭހަކަމާއެކު ޕްރޮމޭސް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަޔެކްސް އިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި އަޔެކްސް އިން ޖެހި އެ ލަނޑަކީ ވެސް ޗެލްސީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަޔެކްސްގެ ޒިޔެކް ފޮނުވާލި ހިލޭ ޖެހުން ޗެލްސީގެ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި، ގޯލުގެ ތެރެއަށް ވަދެފައިވަނީ ކީޕަރު ކެޕާ އަރިޒަބަލާގަގެ ބޮލުގައި ޖެހުމުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން އަޔެކްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓުގެ ތެރޭގައި އަޔެކްސް އިން ވަނީ އިތުރު ލަނޑެއް ޖަހައި ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޒިޔެކް ދިން ބޯޅައަކުން އަޔެކްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑޮނީ ވެން ޑެ ބީކްއެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ޗެލްސީން ވަނީ އަޔެކްސް އިން ދަމަހައްޓަމުންދިޔަ ލީޑު ދެ ލަނޑަށް ހަނިކޮށްފައެވެ. އަބްރަހަމް ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސެޒާ އަޒްޕްލިކުއެޓާއެވެ. އަޔެކްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އަޒްޕްލިކުއެޓާއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގައި އަޔެކްސްއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ކައިރިކައިރީގައި ދެ ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ 68 ވަނަ މިނެޓުގައި އަބްރަހަމްއަށް ކުރި ފައުލަކާ ގުޅިގެން ޑެލީ ބްލިންޑަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކި އިރު، މެޗުގެ 69 ވަނަ މިނެޓުގައި އަޔެކްސްގެ ވެލްޓްމަންއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކީ ޗެލްސީގެ ހަޑްސަން އޮޑޮއީ ފޮނުވާލި ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން ވެލްޓްމަންގެ އަތުގައި ޖެހުމުންނެވެ.

އަޔެކްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ވެލްޓްމަންގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ޗެލްސީއަށް ޕެނަލްޓީއެއް ވެސް ދީފައެވެ. ޗެލްސީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޖޯޖީނިއޯއެވެ.

ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 74 ވަނަ މިނެޓުގައެވެ. ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުމުރުން 19 އަހަރުގެ ޑިފެންޑަރު ރީސް ޖޭމްސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވިލިއަން ނަގައިދިން ކޯނަރަކުން ކާޓް ޒޫމާ ފޮނުވާލި ބޯޅަ، އަޔެކްސްގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމާއެކު ލިބުނު ބޯޅައިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

"ގްރޫޕު އެޗް"ގެ އެއްވަނައިގައި އޮތް ޗެލްސީ އާއި ދެވަނައިގައި އޮތް އަޔެކްސް އަދި ތިންވަނައިގައި އޮތް ވެލެންސިއާ، އެއިން ކޮންމެ ޓީމަކަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޗެލްސީ ކުރީގައި އޮތީ ހެޑް ޓު ހެޑް ނަތީޖާއިންނެވެ. އެ ގްރޫޕުގެ ފުލުގައި އޮތް ލިލްއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.