ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްލާވިއާ ޕްރާހާ އިން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ހިފަހައްޓައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ސްލާވިއާއާ ދެކޮޅަށް ބާސާ ކުޅުނު "ގްރޫޕު އެފް"ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ބާސާގެ ޕޯޗުގަލް ޑިފެންޑަރު ނެލްސަން ސެމޭޑޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޖެރާޑް ޕީކޭ ދިން ބޯޅައަކުން ސެމޯޑޯ ފޮނުވާލި ހަމަލާ، ސްލާވިއާގެ ގޯލްކީޕަރު އޮންދްރޭޖް ކޮލާ ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް، ބާސާގެ ކެޕްޓަން ލިއޮނެލް މެސީއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 35 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހަމަލާ ސްލާވިއާގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، މެޗުގެ 43 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ ސްލާވިއާގެ ކީޕަރު ކޮލާ ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ބާސާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މެޗުގެ 78 ވަނަ މިނެޓުގައި މެސީއަށް ލިބުނު ފުރުސަތެވެ. އަންސޫ ފަޓީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެސީ ފޮނުވާލި ހަމަލާ، ސްލާވިއާގެ ކީޕަރު ކޮލާ ވަނީ މަތަކޮށްފައެވެ.
އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ 3-2ގެ ނަތީޖާއަކުން އިޓަލީގެ އިންޓަ މިލާން ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ޑޯޓްމަންޑުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަޝްރަފް ހަކީމީ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޖޫލިއަން ބްރާންޑްޓްއެވެ. އަދި މެޗުގައި އިންޓަގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓިނޭޒާއި މަޓިއަސް ވެސީނޯއެވެ.
"ގްރޫޕު އެފް"ގެ އެއްވަނައިގައި އަދިވެސް އޮތީ ބާސާއެވެ. ކުޅުނު ހަތަރު މެޗުން ބާސާއަށް އަށް ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޑޯޓްމަންޑަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިންވަނައިގައި އޮތް އިންޓައަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ސްލާވިއާއަށް ހަތަރު މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ވަނީ ރޭ 2-1ގެ ނަތީޖާއަކުން ގެންކް ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު "ގްރޫޕު އީ"ގެ މެޗުގައި ލިވަޕޫލުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ވައިނަލްޑަމް އާއި އެލެކްސް އޮކްސްލޭޑް ޗެމްބާލެއިންއެވެ. އަދި ގެންކްގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމްބުވާނާ ސަމައްޓާއެވެ.