ސިޔާސީ

މާގިނަ ހަޅޭއްނުލަވައި ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް ބަޖެޓް ފާސްކޮށްދިނީމަ އެނިމުނީ: ގާސިމު

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިީހުގެ ތެރޭގައި މާ ގަދައަށް ހަޅޭއް ނުލަވައި، ފިނޭންސް މިނިސްޓަރު އިބުރާހީމު އަމީރު ހުށަހެޅުއްވި ގޮތަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް ގޮވާލައްވައިފިއެވެ.

ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ ސަރުކާރުން މީހުންނަށް ބަދަލުދޭ މައްސަލައިގައި މަޖިލީހުގެ ތެރެއިން އަޑުގަދަކުރާ އިރު، މީހުންނަށް އަނިޔާދީ ގެއްލުންދީފައިވާނަމަ އެފަރާތްތަކަށް ސަރުކާރުން ބަދަލު ދޭންޖެހޭނެ ކަމަށެވެ.

ގާސިމު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުމުން، މިއަދު ފެނިގެންދަނީ އޭނާ ރައީސް މައުމޫނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު އޭރުގެ ޑީއާރުޕީން މަޖިލީހުގައި ބަޖެޓާ ދެކޮޅަށް ވާހަކަ ދެއްކި މަންޒަރު ކަމަށެވެ. އެފަދަ މަންޒަރެއް މިއަދު އެމްޑީޕީގެ މެންބަރުންގެ ފަރާތުން ފެންނަމުންދާކަން ގާސިމު ފާހަގަކުރެއްވިއެވެ.

''ދިވެހި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން ނިންމަވާފައި އޮތްގޮތަށް ފޮނުއްވި ބަޖެޓް، ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓު ފާސްކޮށްދެއްވީމަ އެކަން އެނިމުނީއޭ. ދެން ކޮންހާ މާގިނަ ހަޅޭއްތަކެއްތޯ މިލަވަނީ. އޭއްޗެކޭ މީއްޗެކޭ ކިޔަމުން. މުނިސިޕަލްޓީގެ ރައީސް ކަމެއް ކުރީމަ ކަމަކު ނުދިޔަ. 37 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅީމަވެސް ކަމަކު ނުދިޔަ.'' ގާސިމު ވިދާޅުވިއެވެ.

ގާސިމު ވިދާޅުވި ގޮތުގައި އިބްރާހީމު މުހައްމަދު ސޯލިހު ވެރިކަމުން ދުރެއް ނުކުރެވޭނެ އެވެ. ފަސް އަހަރު ދުވަހު ރައީސް ސޯލިހު އަމާންކަމާއެކު ވެރިކަން ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެތެރެއިން އައި ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަތުމުން ބަޔަކަށް އެކަން ގަބޫލުކުރަން ދަތިވެގެން އުޅޭތަން ފެންނަ ކަމަށެވެ. ވެރިކަމަކީ ހަމައެކަނި މާލޭގެ މީހުންނަށް އޮންނަ އެއްޗެއް ނޫންކަން ފާހަގަކުރައްވައި ގާސިމު ވިދާޅުވީ ކޮންމެ މީހަކީވެސް ރާއްޖެތެރޭގެ ކޮންމެވެސް ރަށަކާ ގުޅިލާމެހިފައިވާ މީހެއް ކަމަށެވެ.

ރޭގެ ޖަލްސާގައި ވެސް ގާސިމު ވަނީ އެމްޑީޕީން މި ސަރުކާރު ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ގާސިމު ވިދާޅުވީ ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން، މި ސަރުކާރު ހިނގާލެއް ލަސް ކަމަށް އެމްޑީޕީން ބުނަމުންދާ ކަމަށާއި ނަމަވެސް ސަރުކާރު ހިނގާލެއް ލަސް ނޫން ކަމަށެވެ.