ކުޅިވަރު

އިންގްލެންޑްގެ ޖޯ ކޯލް ކުޅުން ހުއްޓާލައިފި

އިންގްލެންޑް ޤައުމީ ޓީމަށާއި ޗެލްސީއަށް ކުރިން ކުޅެފައިވާ ޖޯ ކޯލް އުމުރުން 37 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ވެސްޓް ހޭމް އިން ޔޫތު ކެރިއަރު ފެށި ކޯލް ވަނީ ގިނަ ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން، އިނގެރޭސިވިލާތުގެ ޗެލްސީ، ލިވަޕޫލް، އެސްޓަން ވިލާ، ކޮވެންޓްރީ ސިޓީގެ އިތުރުން ފްރާންސްގެ ލީލް ހިމެނެއެވެ.

އިނގެރޭސި ޤައުމީ ޓީމަށް 2001 އާއި 2010 އާ ދެމެދު 56 މެޗު ކުޅެދީ 10 ގޯލު ކާމިޔާބުކޮށްފައިވާ ކޯލް ބުނެފައިވަނީ، ކުރިއަށް އޮތް އަހަރުތަަކަކީ ވެސް ވޭތުވެދިޔަ 20 އަހަރުކަހަލަ ހާއްޞަ އަހަރުތަކަކަށް ވާނޭކަމަށް އުއްމީދުކުރާ ކަމަށެވެ.

އުމުރުން 17 އަހަރުގައި ވެސްޓް ހޭމްގެ ފުރަތަމަ އެގާރައިން ޖާގަހޯދި ކޯލް ވަނީ އޭގެ ހަތަރު އަހަރު ފަހުން އެޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފައެވެ.

ޖޯ ކޯލްގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ހޭދަކުރީ 2003 ވަނަ އަހަރު ޗެލްސީއަށް ބަދަލުވުމަށްފަހުގައެވެ. އެގޮތުން އޭނާ ވަނީ ޗެލްސީ އާއެކު ތިން ފަހަރު ޕްރިމިއާ ލީގު ހޯދައި، ދެ އެފް އޭ ކަޕް ހޯދާފައެވެ. އަދި 2007/08 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ކޯލް ވަނީ ޗެލްސީގައި ހަތް ސީޒަން ހޭދަކޮށް 280 އަށްވުރެއް ގިނަ މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ 2007/08 ވަނަ އަހަރު ޗެލްސީގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

ކޯލް ވަނީ އިންގްލެންޑާއެކު 2002، 2006 އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ކުޅެފައެވެ.