Close
ޚަބަރު

އަފްރާޝީމް އަވަހާރަ ކޮށްލުމާ ގުޅޭ ހުރިހާ މައުލޫމާތެއް ކޮމިޝަނަށް ރިޔާޒު ހިއްސާ ކުރައްވައިފި

ރަހުމުކުޑަ ގޮތަކަށް ގަތުލު ކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީގެ މަރާ ގުޅިގެން ލިބިވަޑައިގެންފައިވާ ހުރިހާ މައުލޫމާތެއް މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް ހިއްސާކޮށްފައިވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އޭރު ކޮމިޝަނަރު އޮފް ޕޮލިސްއަކަށް ހުންނެވީ އަބްދުﷲ ރިޔާޒެވެ.

ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. އަފްރަޝީމް އަވަހާރަކޮށްލި މައްސަލައިގައި ލިބިލައްވާފައިވާ ހުރިހާ މައުލޫމާތެއް މަރުތަކާބެހޭ ކޮމިޝަނާ މިއަދު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރުން ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބު ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. އަފްރަޝީމުގެ މަރާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް ރިޔާޒު ހިއްސާކުރިއިރު، އޭނާ މީގެ ކުރިން ވަނީ އެ މައުލޫމާތު ހާމަކުރައްވާނީ އެކަމަށް ރަނގަޅު ޕުލެޓްފޯމެއް ލިބިވަޑައިގަތުން ކަމަށް ވިދާޅުވެފައެވެ.

އަފްރާޝީމުގެ މަރުގެ މައްސަލައަކީ މަރު ކޮމިޝަނުން އެންމެ އިސްކަންދޭ އެއް މައްސަލައެވެ. އަދި އެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ.

އެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ކޮމިޝަނުން އަދި އާންމު ނުކުރި ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު އެކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި މީހުންގެ ތަފުސީލުތައް ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.