ކުޅިވަރު

ޕޮގްބާ، މާޝިއާލް އަދި މެންޑީ ފްރާންސް ޓީމުން ބާކީކޮށްފި

ކުރިއަށް އޮތް ބައިނަލް އަޤުވާމީ މެޗުތަކަށް ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝާމްޕް ނެގި ފްރާންސްގެ ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި އެންތަނީ މާޝިއާލްގެ އިތުރުން މެންޗެސްޓާ ސިޓީގެ ވާތު ފުލްބެކް ބެންޖަމިން މެންޑީ ބާކީކޮށްފިއެވެ.

އަންނަ ހުކުރު ދުވަހު ފީފާ ނޭޝަންސް ލީގުގައި ފްރާންސް ނިކުންނާނީ ވަރުގަދަ ނެދަލޭންޑްސް އާއި ދެކޮޅަށެވެ. އެއަށްފަހު، މި މަހުގެ 20 ވަނަ ދުވަހު ރަހުމަތްތެރިކަމުގެ މެޗެއްގައި އެޓީމު ނިކުންނާނީ އުރުގުއޭ އާއި ދެކޮޅަށެވެ.

މި ދެ މެޗަށް ފްރާންސްގެ ސްކޮޑު އެކުލަވާލުމުގެ ކުރިން އޮތް ފިޓްނަސް ޓެސްޓަށްފަހު، މި ކުޅުންތެރިން ބާކީ ކޮށްފައިވަނީ އަނިޔާގެ މައްސަލަ ތަކެއްވެސް ހުރުމުންނެވެ. ނިމިގެންދިޔަ ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައިވެސް ޕޮގްބާ ކުޅެފައެއް ނުވެއެވެ. ފައިގެ ފަލަ މަސްގަނޑަށް ލިބިފައިވާ އަނިޔާއިން އޭނާ ރަނގަޅުވަމުން އަންނައިރު، އެޓީމުގެ މާޝިއާލް ރަނގަޅު ފޯމެއްގައި ހުއްޓައި އޭނާއަށްވެސް ވަނީ އަނިޔާވެ ޓީމާ ދުރަށް ދާން ޖެހިފައެވެ. މާޝިއާލް ވަނީ ޔުނައިޓެޑް އެންމެފަހުން ކުޅުނު ފަސް މެޗުގައި ހަ ގޯލް ކާމިޔާބުކޮށްފައެވެ.

މެންޑީގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބާކީކުރިއިރު، އާސެނަލްގެ ފޯވާޑު އެެލެގްޒެންޑާ ލަކަޒެޓް ވެސް ވަނީ ސްކޮޑް އިޢުލާން ކުރިތާ ދެ ގަޑިއިރު ފަހުން އަނިޔާގެ މައްސަލައާ ހެދި ޓީމާ ދުރައްދާންޖެހިފައެވެ. އެހެންކަމުން، ފްރާންސް އިން ވަނީ މި ދެކުޅުންތެރިންގެ ބަދަލުގައި ބޮރޫޝިއާ މޮންޗެންގްލަޑްބެކްގެ ފޯވާޑް އަލެކްސެންޑަ ޕްލެއާ އާއި ލިޔޯންގެ ޑިފެންޑަރު ފާލަންޑް މެންޑީ އަށް ފުރުޞަތު ދީފައެވެ. ޕްލެއާ ވަނީ ޖަރުމަނު ލީގުގައި މިހާތަނަށް އޭނާ ކުޅުނު 11 މެޗުގައި 8 ގޯލް ކާމިޔާބުކޮށްފައެވެ.