ބޮލީވުޑް

ފިޓުކޮށް ހުރުމަށް ޝިލްޕާގެ ފަރާތުން ޓިޕެއް

ބީ ޓައުންގެ އެންމެ ފިޓު އެއް މަންމަ ޝިލްޕާ ޝެޓީ އަކީ ފިޓުކޮށް ހުރުމަށާއި ރަނގަޅު ސިއްހަތެއްގައި ހުރުމުގެ މުހިންމު ކަމަށް ވަކާލާތުކޮށް ހޭލުންތެރިކުރުމަށް މަސައްކަތްކުރާ އެއް ތަރިއެވެ.

ޝިލްޕާގެ އެތައް މިލިއަން ފޮލޯވަރުންނަށް އޭނާގެ މީސް މީޑިއާއަކީ އިންސްޕިރޭޝަނެކެވެ. މޯޓިވޭޝަން އަދި ފިޓްނަސް ޓިޕްސް އަދި ވޯކްއައުޓް ފޮޓޯއާއި ވީޑިއޯ ދޭތެރެ ދޭތެރެއިން ޝިލްޕާ އޭނާގެ މީސް މީޑިއާގައި ހިއްސާކުރެއެވެ.

މިފަހަރުވެސް މިއޮތީ އެގޮތަށް ޝިލްޕާ ހިއްސާ ކޮށްފައިވާ ފިޓްނަސް ޓިޕެކެވެ.

އިންސްޓަގްރާމުގައި ޔޯގާ ޕޯސްއެއްގައި ޝިލްޕާ ހުއްޓާ ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން އޭގެ ކެޕްޝަނުގައި ލިޔެފައިވަނީ ބަރުދަން ލުއި ކުރުމަށްވުރެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަށް މަސައްކަތް ކުރުމަށެވެ.

"ސިއްހަތު ރަނގަޅަށް ބެހެއްޓުމަށް މަސައްކަތް ކުރުމުން ދިރިއުޅުމުގެ ހުރިހާ ދިމާލަކަށް ފޯކަސް ކުރެވޭނެ. އެއީ ޑައިޓް އާއި ކަސްރަތު ކުރުމާއި އަދި ވޯކްލައިފް ބެލެންސް ކުރުންވެސް. މައެކަނި ބަރުދަން ލުއި ކުރުމަށް ފޯކަސްކުރާނަމަ އެހެން ހުރިހާ މުހިންމު ކަންކަން މަތިން ހަދާންނައްތާލެވޭ. ވެލްނަސް އާއި ސިއްހަތަކީ އެންމެ މުހިންމު ކަންކަން. ރަނގަޅު ސިއްހަތެއް ހުރުމުން އެހެން ހުރިހާ ކަމެއް ހަމައަކަށް އެޅޭނެ" ޝިލްޕާގެ ފޮޓޯ ކެޕްޝަނުގައި ވެއެވެ.

ޝިލްޕާ މިދުވަސްވަރު ގެންދަނީ ޑާންސް ޝޯއެއްގެ ޖަޖެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. 13 އަހަރަށްފަހު ޝިލްޕާ ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. އެއީ ސަބީރު ޚާން ޑައިރެކްޓް ކުރާ ފިލްމު "ނިކަންމާ" އެވެ.