ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދެ ދަރިވަރަކަށް ސަރުކާރުން ސްކޮލަޝިޕެއް ދީފި

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންގެ ތެރޭގައި ހިމެނޭ ދެ ދަރިވަރަކަށް މަތީ ތައުލީމު ފުރިހަމަކުރުމަށް ސަރުކާރުން ސްކޮލަޝިޕެއް ދީފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުގައި ބޭއްވި ހަފުލާއެއްގައި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދެ ދަރިވަރަކަށް ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން އެ ދަރިވަރުންގެ ބެލެނިވެރިންނާ ވަނީ ހަވާލުކޮށްފައެވެ. އެ ލިޔުން ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

އެ ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ ލަންޑަނުގެ ވެސްޓްމިންޓާ އިންޓަނޭޝަނަލް ކޮލެޖުގައި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ފުރިހަމަކުރަމުން އަންނަ ދަރިވަރެކެވެ. އަދި އަނެއް ދަރިވަރަކީ މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީގައި އާޓްސް އިން އޮނާސް ޑިގްރީއެއް ފުރިހަމަކުރަމުން އަންނަ ދަރިވަރެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހ. ތިލަފުށި ގޭގައި ހުރި ގުދަނުގައި ރޯވެ، ހިނގި އަލިފާނުގެ ހަ އިމާރާތެއް އެއްކޮށް އަނދާ ހުލިވެފައިވާ އިރު، ހަތަރު ގުދަނެއްވެސް ވަނީ އަނދާ ހުލިވެފައެވެ. އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ހ. ރަދުވާނިއާގޭގައި ދިރިއުޅެމުންދިޔަ އައިޝަތު ޝައުނާއަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތި ތާށިވެ، އޭނާ ވަނީ ނިޔާވެފައެވެ.

އެ އަލިފާނުގެ ހާދިސާގައި 24 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ގެއްލި ހާލުގައި ޖެހުނެވެ.