ސެލްޓާ ވީގޯ

ސެލްޓާ އިން ރާއްޖެ އިސްތިހާރުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފި

ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓާ ވީގޯ އިން ރާއްޖެ އިސްތިހާރުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސްޕެއިންގެ ވީގޯގައި ހުންނަ ސެލްޓާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ސެލްޓާގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބުގެ ރައީސް ކާލޯ މޮއުރީނޯއެވެ.

އެ ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ އެއްބަސްވުމުގެ ދަށުން އިސްތިހާރުކުރުމަށް ރާއްޖެއިން އަހަރަކު 900،000 ޑޮލަރު ހަރަދުކުރާނެއެވެ. އެ އެއްބަސްވުމަކީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން ސެލްޓާގެ ޖާޒީތަކުގައި ސަނީ ސައިޑް އޮފް ލައިފް، ވިޒިޓް މޯލްޑިވްސްގެ ލޯގޯ ކުރިއަށްއޮތް ތިން އަހަރު ބޭނުންކުރާނެއެވެ. ސެލްޓާގެ އޮފިޝަލް ސްޕޮންސަރު އަދި އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ރާއްޖެ ހަމަޖެހުމާއެކު އޮފިޝަލް މެޗު ޖާޒީގައާއި ޓްރޭނިން ޖާޒީގައާއި ސްޓާފުންނާއި ޓްރޭނިން ސްޓާފުންގެ ޔުނިފޯމުތަކުގައި ވެސް ވިޓިޒް މޯލްޑިވްސްގެ ލޯގޯ ބޭނުންކުރާނެއެވެ. އަދި ވިއްކަން ބެހެއްޓިފައި ހުންނަ ޖާޒީތަކުގައާއި ކްލަބު ދަތުރުކުރަން ބޭނުންކުރާ ބަހުގައި ވެސް ވިޒިޓް މޯލްޑިވްސްގެ ޖާޒީ ބެހެއްޓިގެންދާނެއެވެ.

ސެލްޓާގެ ސްޓޭޑިއަމްގައި ކުޅޭ މެޗުތަކުގައި ޕެރިމީޓާ ލެޑް ސްކްރީނުގައި ރާއްޖޭގެ ވީޑިއޯ ދެއްކުމުގެ އިތުރުން އެކްލަބުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެކްލަބުގެ ކުޅުންތެރިން ރާއްޖެ އިސްތިހާރުކުރުމަށް ވެސް ބޭނުންކުރާނެއެވެ.

ލަލީގާގައި އަންނަ ހޮނިހިރު ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ސެލްޓާ އިން ބޭނުންކުރާނީ ވިޒިޓް މޯލްޑިވްސްގެ ލޯގޯ ޖަހާފައިވާ ޖާޒީއެވެ. އެ މެޗަކީ ބާސާގެ ދަނޑު، "ކޭމްޕް ނޯ"ގައި ކުޅޭ މެޗެކެވެ.

ސްޕެނިޝް ލަލީގާގެ ތާވަލުގައި މިވަގުތު ސެލްޓާ އޮތީ ރެލިގޭޝަން ޒޯނުގައެވެ. ކުޅުނު 12 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު އޮތީ ލަލީގާ ތާވަލުގެ 18 ވަނައިގައެވެ. ސެލްޓާ ދެ މެޗުން މޮޅުވެފައިވާ އިރު، ހަތް މެޗުން ވަނީ ބަލިވެފައެވެ. އަދި ތިން މެޗުން ވަނީ އެއްވަރުވެފައެވެ. ސެލްޓާ އިން 2011 އަށްފަހު ލަލީގާ އިން އަދި ރެލިގޭޓްވެފައެއް ނުވެއެވެ.