އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ކިރްގިސްތާންގެ ކުރިމަތިލުމެއް

އަންނަ ހޮނިހިރު ދުވަހު ފަށާ އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެއިން ކިރްގިސްތާންއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބަންގުލަދޭޝްގައި ބާއްވާ އެ މުބާރާތުގައި ބައިވެރިވެފައިވަނީ ފަސް ޓީމެކެވެ. އެހެންކަމުން މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދާނީ ލީގު އުސޫލުންނެވެ.

އެ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ރާއްޖެ އާއި ކިރްގިސްތާނެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އަފްޣާނިސްތާނާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގުލަދޭޝްއެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފައިނަލް މެޗާ ހަމައަށް ކޮންމެ ދުވަހަކު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ރާއްޖެއިން ފުރަތަމަ ހަތަރު ދުވަހު މެޗެއް ކުޅޭނެއެވެ. ދެވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ނޭޕާލްއާ ދެކޮޅަށެވެ. އަންނަ ހޯމަ ދުވަހު ރާއްޖެ އިން ބަންގުލަދޭޝްއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ލީގު ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި މިމަހުގެ 12 ވަނަ ދުވަހު ނުކުންނަން ޖެހޭނީ އަފްޣާނިސްތާންއާ ދެކޮޅަށެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ލީގު ބުރުގެ މެޗުތައް ކުރިއަށްދާނެއެވެ. އެއަށްފަހު މިމަހުގެ 14 ވަނަ ދުވަހު ކުޅޭ ފުރަތަމަ މެޗަކީ ލީގުގެ ތިންވަނައާއި ހަތަރުވަނަ ހޮވުމަށް ކުޅޭ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިންވަނަ އަދި ހަތަރުވަނަ ހޯދާ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ތިންވަނަ ލިބޭނެއެވެ.

މިމަހުގެ 14 ވަނަ ދުވަހު ކުޅޭ ދެވަނަ މެޗަކީ ފައިނަލް މެޗެވެ. އެ މެޗުގައި ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު މިހާރު ވަނީ އިއުލާންކޮށްފައެވެ. އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތެރިވި އަހްމަދު ސުނާންއެވެ.