ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ގދ. މަޑަވެލި/ މޭނާ، މަހާޒު އަލީ ޒާހިރު މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުން ހަވާލުކުރުމުގެ ކުރިން މަހާޒު ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ.
މަހާޒަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.
ޑުރަގް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ބުދަ ދުވަހުއެވެ. އެއީ އެދުވަހުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވި 64 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ ވޯޓުންނެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައިވަނީ ކުރިން ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުކަމުގެ މަގާމުން އަބްދުﷲ ދީދީ، ވަކިކޮށްފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ.
ސުޕްރީމު ކޯޓުގައި ކުރިން ފަސް ފަނޑިޔާރުން ހިމެނުނު ނަމަވެސް، މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ހަތެކެވެ. ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހާއެކު ރައްޔިތުންގެ މަޖިލީހުން އެ ދެ މަގާމަށް އައްޔަންކުރެއްވީ ޑރ. އަޒްމިރަލްޑާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދެވެ.