ބޮލީވުޑް

ޕަތީ ޕަތްނީ އޯރް ވޯގެ ޓްރެއިލާ ރިލީސްކޮށްފި

ގިނަ ދުވަސްތަކެއްގެ އިންތިޒާރަށް ފަހު ޕަތީ ޕަތުނީ އޯރް ވޯގެ ޓްރެއިލާ ރިލީސްކޮށްފިއެވެ.

ދެ މިނެޓާއި 40 ސިކުންތުގެ މި ޓްރެއިލާގައި ކާތިކް އާރްޔަން، ބުމީ ޕެޑްނޭކަރު އަދި އަނަންޔާ ޕަންޑޭގެ ލަވް ޓްރެއިންގަލް ފެނިގެންދެއެވެ. ފިލްމުގައި ކާތިކް ކުޅެނީ ޗިންތޫ ތިޔާގީ ކިޔާ މީހެއް ރޯލެވެ.

ޓްރެއިލާއިން ޗިންތޫ އޭނާގެ އަންހެނުން ބޫމީ އަދި ލޯބިވެރިޔާ އަނަންޔާ އިމްޕްރެސް ކުރަން ކުރާ ކަންތައްތައް ފެނިގެންދެއެވެ. އަންހެނުން ބޫމީއާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން ދިޔަ ޗިންތޫގެ ދިރިއުޅުން ބަދަލުވެގެންދަނީ އަނަންޔާ އޭނާގެ ދިރިއުޅުމަށް އަންނަ ހިސާބުންނެވެ. މަޖާ ކަންތައްތައް ފެށިގެން ދަނީ އެހާ ހިސާބުންނެވެ.

ފިލްމާ ގުޅޭ ގޮތުން ފިލްމުގެ ޑައިރެކްޓަރު މުދައްސަރު އަޒީޒް ބުނީ ކާތިކް، ބޫމީ އަދި އަނަންޔާ ފަދަ ޓެލެންޓް ހުރި ތަރިންތަކެއް ޑައިރެކްޓް ކުރަން ލިބުމަކީ ކުރެވުނު ވަރަށް ސަޅި ތަޖުރިބާއެއް ކަމަށެވެ.

"ވަރަށް ބުރަ މަސައްކަތް މި ފިލްމަކީ. އޯޑިއަންސްގެ އެކްސްޕެކްޓޭޝަނަށް ވާސިލު ކުރުމަށް ވަރަށް މަސައްކަތް ކުރިން. ހިތްހަމަޖެހޭނެ ކަމަށް އުންމީދު ކުރަން" މުދައްސަރު ބުންޏެވެ.

މި ފިލްމަކީ 1978ގައި ނެރުނު ހިންދީ ފިލްމު ޕަތީ ޕަތްނީ އޯރް ވޯ ގެ ރީމޭކެކެވެ. މި ފިލްމު ރިލީސްކުރަނީ އަންނަ މަހު ހައެއްގައެވެ.