ޚަބަރު

ސަރުކާރުގެ އަމާޒު އޮތީ މުޅިންވެސް ސެޓެލްމަންޓް އެގްރީމަންޓް ހަދައިގެން ކޯޓުން ބޭރުން މައްސަލަތައް ނިންމުމަށް: މުއިއްޒު

މަރިޔަމް ޝަހުދާ

މިހާރުގެ ސަރުކާރުގެ އަމާޒު އޮތީ މުޅިންވެސް ސެޓެލްމަންޓް އެގްރީމަންޓް ހަދައިގެން ކޯޓުން ބޭރުން މައްސަލަތައް ނިންމުމަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ.މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން އުވާލުމާ ގުޅޭގޮތުން ޑރ. މުއިއްޒު ނެދަލޭންޑްސްގެ އާބިޓްރޭޝަނަކަށް ދެއްވާފައިވާ ބަޔާން އެކޮމިޓީން ދިރާސާކުރަން ފަށައި، މިއަދު އެމަނިކުފާނާ ސުވާލު ކުރުމަށް ކޮމިޓީއަށް ހާޒިރު ކުރުމުންނެވެ.

މުއިއްޒު ވިދާޅުވީ މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ ވަކި އަމާޒެއް އޮވެގެން ކަމަށެވެ. ނޫމަޑި މައްސަލައިގައިވެސް ކޯޓުން ބޭރުން މައްސަލަ ނިންމައި، އެކުންފުންޏަށް ބޮޑު ބަދަލެއް ދިނީ މި އަމާޒުގެ ދަށުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ސަރުކާރުގެ މުޅި އަމާޒު އޮތީ މައްސަލަތައް މި މޭރުމުން ނިންމުމަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ނޫމަޑީގެ މައްސަލައަކީ، ސަރުކާރު ކޮޅަށް އާބިޓްރޭޝަންގައި ނިންމެން އޮތް މައްސަލައެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި މައްސަލަ އަކީ ސަރުކާރުން ނޫމަޑިއަށް ހަަމައެކަނި އެ ކުންފުނިން ކުރި މަސައްކަތަށް ފައިސާ ދީގެން ނިންމާލެވެން އޮތް މައްސަލައެއް ކަމަށާއި ނަމަވެސް ސަރުކާރުން ފެށުނީއްސުރެ މަސައްކަތް ކުރީ އާބިޓްރޭޝަނުން ބޭރުން މި މައްސަލަ ނިންމާލަން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މި މައްސަލަ ފަހުން ބަދަލުވެގެން ދިޔައީ މިހާރުގެ ސަރުކާރުގައި މަސައްކަތް ކުރާ، ކުރީ ސަރުކާރުގައިވެސް މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުން ދީފައިވާ ބަޔާން ތަކަކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެފަރާތްތަކުން ބަޔާން ދީފައިވަނީ މިއަހަރު އޭޕްރީލް ނުވަަތަ މޭމަހު ކަމަށެވެ. މުޅި މައްސަލަ ބަދަލުވެގެން ދިޔައީ އެތަނުން އެއް ބޭފުޅަކު ދިން ބަޔާނަކާ ގުޅިގެން ކަމަށާއި އެގޮތުން ކުރީ ސަރުކާރުން ނޫމަޑިއާއެކު ވީ އެއްބަސްވުން އުވާލައި އެމީހުންނަށް ދިން ރަށް އަނބުރާ ދައުލަތަށް ނެގީ ސަރުކާރުގެ ބޭނުމުގައި ކަމަށާއި މިކަމުގެ ސަބަބުން ނޫމަޑިއަށް ދައްކަން ޖެހެނީ ހަމައެކަނި އެ ކުންފުނިން އެރަށުގައި ކޮށްފައި ހުރި މަސައްކަތުގެ ފައިދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ފަހުން ސަރުކާރުގައި މިހާރުވެސް މަސައްކަތް ކުރާ ފަރާތަކުން ދިން ބަޔާނުގައި ނޫމަޑިން މަސައްކަތް ކުރަމުން އައި ޅ. ދިއްފުށިމާދޫ ކުރީގެ ސަރުކާރުން ނަގާފައިވަނީ އެހެން އިންވެސްޓަރަކަށް ދިނުމަށް ކަމަށް ބުނެފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ނޫމަޑީގެ މައްސަލަ ރާއްޖެއަށް ގެއްލުނީ މި ބަޔާނުގެ ސަބަބުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ބަޔާން ހުށަހަޅާފައިވަނީ އެ ބަޔާނަށް ސަޕޯޓު ދިނުމަށް ލިޔެކިޔުން ތަކަކާއެކު ކަމަށެވެ. އެ ބަޔާނަކީ ނޫމަޑިއާއި ރާއްޖޭގެ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމާއި ހިލާފު އެއްބަސް ވުމެއް ކަމަށާއި، މި ބަޔާން ނުދިން ނަމަ ރާއްޖެއަށް މި މައްސަލަ އާބިޓްރޭޝަންގައި ކާމިޔާބު ކުރެވުނީސް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަގީގަތުގައި ނޫމަޑީގެ މައްސަލައާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވި ނަމަވެސް އެކަން ކުރީ މި ބަޔާނުގެ ސަބަބުން ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި މި ބަޔާނުގައި ނޫމަޑިއަތުން ދިއްފުށިމާދޫ އެހެން އިންވެސްޓަރަކަށް ދިނުމަށް ނެގީ މުއިއްޒުކަމަށް ބުނެފައިވާ ކަމަށާއި، މިއީ ދޮގެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ މައްސަލައިގައި ދިން ބަޔާނަކީ މިކަމާ ގުޅިގެން ދިން ބަޔާނެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި މައްސަލައިގެ ބަދަލުގައި މިދިޔަ މަސް ތެރޭ ނޫމަޑިއަށް ސަރުކާރުން ވަނީ 55 މިލިއަން އެމެރިކާ ޑޮލަރު (849 މިލިއަން ރުފިޔާ) ދައްކާފައެވެ. މި އަދަދު ދެއްކުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އާބިޓްރޭޝަނުން މައްސަލަ ނިންމުނު ނަމަ މި އަދަދަށް ވުރެ ބޮޑު އެއްޗެއް ސަރުކާރުން ނޫމަޑިއަށް ދައްކަން ޖެހުނީސް ކަމަށް ވިދާޅުވެފައެވެ.