މަރަދޫ

މަރަދޫ ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަޝްރޫގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

މަރިޔަމް ޝަހުދާ

ސ. މަރަދޫ ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަޝްރޫގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތް ފަށާފައިވަނީ އިއްޔެ އެވެ. މަރަދޫ ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީއައިއޭ މިދިޔަ ބުރާސްފަތި ދުވަހު އެ ކުންފުންޏަށް ލިބުމުންނެވެ.

މަރަދޫ ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިއަހަރު ޖޫން މަހުގައެވެ. 165 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫގެދަށުން އެ ކުންފުނިން މަރަދޫ ބަނދަރުގެ ބްރޭކްވޯޓަރ ހެދުމުގެ އިތުރުން އެރަށުގެ ބިން ހިއްކުމާއި، އެއްގަމު ތޮށި ލުމުގެ އިތުރުން 340 މީޓަރުގެ ރިވެޓްމަންޓެއް ވެސް ޖަހާނެއެވެ.