އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 05

އަބްދުﷲ ފާރޫގް ހަސަން

1

(2 ނޮވެމްބަރުގެ އަދަދާ ގުޅޭ)

حسّان ޖަވާބުދެއްވިއެވެ. "މިއަދު އަޅުގަނޑު އެއްވެސްތަނަކު މަޑެއް ނުކުރަމެވެ. އަޅުގަނޑު ޤަޞްދުކޮށްގެންހުރީ މަނިކުފާނުގެ ފައިންޕުޅު ހަމަދެކިލައިފައި އަޅުގަނޑުގެ އަވަށާ ދިމާޔަށް ދަތުރު ފަށާންކަމަށެވެ."

"ނޫނެކެވެ. ދަރިފުޅާއެވެ! މިރޭ އަރާމުކޮށްލައްވައިފައި މާދަމާ ހެނދުނު ވަޑައިގަންނަވާށެވެ. އަޅުގަނޑު ކަލާއާ ވަރަށްގިނަ ވާހަކަ ދައްކަން ބޭނުމެވެ."

حسّان ސުވާލުކުރެއްވިއެވެ. "ޒަރުބަޚުތު ކޮބައިތޯއެވެ؟"

"އޭނާވީ މަދާއިނަށް ގޮހެވެ. މާގިނަ ދުވަހެއްނުވެ އަތުވެދާނެއެވެ. ކަލާ ދެން ފަރީއްކުޅުއްވާށެވެ. އޭގެފަހުގައި ވާހަކަ ދައްކާނީއެވެ."

حسّان ވިދާޅުވިއެވެ. "މަނިކުފާނުގެ ކަރާނީންގެ ތެރޭގައި މިއިން ދުވަހަކު އަޅުގަނޑުމެންގެ އަވަށަށްދިޔަ މީހަކު ހުރިކަމުގައިވާނަމަ އެމީހަކު ގެނެސްދެއްވަފާނުތޯއެވެ. އަޅުގަނޑު އަވަށުގެ ޚަބަރު އޮޅުންފިލުވާން ބޭނުމެވެ."

قبــاد ކަންބޮޑުވެ ވަޑައިގަތުމާއެކު އޭނާގެ ދަރިކަނބަލުންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. قبــاد حسّان އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ. އަޅުގަނޑުގެ މީހުން އަވަށްއަވަށަށްދަނީ ގޮވާންކަނޑާ ދުވަސްވަރުއެވެ. އަދިއެއް ގޮވާންކަނޑާ މޫސުމެއް ނާދެއެވެ."

"މަނިކުފާނު މިއިން ދުވަހަކު އަޅުގަނޑުގެ ބައްޕަ ނުވަތަ ބޭބެއަކު ދެކެވަޑައިގަތީމުތޯއެވެ؟"

قبــاد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ބަލިވެއުޅޭތާ ވަރަށްގިނަދުވަސް ވެއްޖެއެވެ. ކަލާ ތިޔަހާ ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ."

އިރުކޮޅެއްގެފަހުން حسّان އިންނެވީ ފަރީއްކުޅުއްވާށެވެ. قبــاد އާއި ماه بانو އާ ދެބަފައިކަލުން އޭނާގެ އަރިހުގައި ތިއްބެވިއެވެ. އެބޭފުޅުން އެއްބޭފުޅަކަށްފަހު އަނެއްބޭފުޅަކު حسّان އާ ސުވާލުތައް ކުރައްވަމުން ގެންދަވައެވެ. حسّان ޖަވާބުގައި ހަނގުރާމައިގެ ވާހަކަތަކާއި ހައްޔަރުވެވަޑައިގަތުމާއި ސަލާމަތްވެވަޑައިގަތުމާ ބެހޭގޮތުން ތަފްޞީލުތައް ވިދާޅުވެދެއްވަމުން ގެންދެވިއެވެ. ފަރީއްކުޅުއްވައި ނިމިވަޑައިގަތުމަށްފަހު حسّان ގެ އަޑުފުޅު ބަރުވަމުން ލޯފުޅު މެރެމުންދާން ފެށުމުން قبــاد ތެދުވެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ދަރިފުޅާއެވެ! މިތާނގައި އޮށޯވެވަޑައިގަންނަވާށެވެ." حسّان ދެބަދޭތެރެކަހަލަ ގޮތަކަށް އޮންނަވައިފައި ލޯފުޅު ހުޅުއްވައިލެއްވުމަށްފަހު ލޯފުޅު މަރުއްވައިލައްވައިފިއެވެ.

قبــاد އާއި ماه بانو އާ ދެބައްޕައިކަލުން އެކޮޓަރިން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން ماه بانو ރަޖައެއް ހިއްޕަވައިގެން ވަޑައިގެން އެކޮޓަރިއަށް ވެދެވަޑައިގެންނެވިއިރު حسّان އޮންނެވީ ގަދަ އަވަހާރަފުޅުގައެވެ. ماه بانو މަޑުމަޑުން حسّان ގެ ގައިކޮޅުގައި ރަޖާ އަޅުއްވައިފިއެވެ. އޭނާ މަޑުމަޑުން ފައިންޕުޅުގެ އަޑުވެސް ނުއިވޭގޮތަށް ޖެހިގެންހުރި ކޮޓަރިއަށް ވެދެވަޑައިގެންފިއެވެ.

قبــاد އެނދުގައި އޮށޯވެވަޑައިގެން އޮންނެވިއެވެ.

"ބައްޕާފުޅާއެވެ!" ماه بانو ވިދާޅުވިއެވެ. "މިއީ އެ عتبـة ގެ ބޭފުޅެއްތޯއެވެ؟"

"އާނއެކެވެ. އަހަންނަށް އޭނާގެ ސިފަ ފެންނައިރަށްވެސް ޝައްކުވެއްޖެއެވެ."

"ބައްޕަ އޭނާއަށް ހުރިހާ ވާހަކަތަކެއް ވިދާޅުވެނުދެއްވީ ކީއްވެތޯއެވެ؟"

"އޭނާ ހުންނެވީ ނުލާހިކު ބަނޑުހައިފުޅުވެފައެވެ. ވަރުބަލިފުޅުވެފައެވެ. އޭނާ އަރާމުކުރެއްވުން ކޮންމެހެން ބޭނުމެވެ. އެހެންކަމުން ބައްޕަޔަށް އެވާހަކަ ފަށަން ނުކުރެނީއެވެ."

"ބައްޕާއެވެ! އެއީ ޖިހާންދާދުގެ ރަޙުމަތްތެރިއެކެވެ. އޭނާ މިތަނުން ވަޑައިގަތުމުގެ ކުރީން ހުރިހާ ވާހަކައެއް ސާފުކޮށް ދެންނެވުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ.

"އާނއެކެވެ! ދަރިފުޅާއެވެ. އޭނާއަށް ރައްކާތެރިވެވަޑައިގެން އުޅުއްވަން ދެންނެވުމަކީ އަހަރެމެންގެ ވާޖިބެކެވެ. ނަމަވެސް ފަތިހުވެސް އަހަންނަށް އެވާހަކަ ދައްކަން ކެރޭނެކަމެއް ނޭނގެއެވެ."

"ބައްޕާފުޅު ހުއްދަދެއްވައިފިނަމަ އަޅުގަނޑު އޭނާއަށް އެވާހަކަތައް ދަންނަވައިފާނަމެވެ."

"ދަރިފުޅަށް އަމުރު އެބައޮތެވެ. އޭނާ މިތަނުން ދަތުރު ފެށްޓެވުމުގެ ކުރިން ކަންހުރިގޮތް ބަޔާންކޮށްދިނުމަކީ ކޮންމެހެން ބޭނުންކަމެކެވެ."

ماه بانو ވިދާޅުވިއެވެ. "ބައްޕާފުޅާއެވެ! މިހާރު މަސްރަޙު އޮތްގޮތުން އޭނާ ގެއަށް ވަޑައިގެން ކުރައްވާނީވެސް ކީއްތޯއެވެ؟ އޭނާގެ ފުރާނަފުޅު ސަލާމަތްކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. އަޅުގަނޑުމެންނަށް އޭނާ ވަޑައިގެންނެވިޔަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެތޯއެވެ؟"

"އާނއެކެވެ. ބައްޕަޔަށް އޭނާ ފެންނަނީ ނުރައްކަލެއް ފެންނައިރަށް ފިލަންދުވާ މީހުންނާ ތަފާތުކޮށެވެ. އަހަރެމެންނަށް އޭނާ ވަޑައިގަތަނުދީ ހިފެހެއްޓުނުކަމުގައިވިޔަސް އޭނާއަށް އެއްވެސް އެހީފުޅެއް ނުފޯރޭނެއެވެ. މިއަދު އަހަންނަކީ އޭނާއަށްވުރެވެސް އާރެއްބާރެއް ނެތްމީހެކެވެ."

"ލޯބިވާ ބައްޕާފުޅާއެވެ! ޒަރުބަޚުތު މަދާއިނުން ކޮންމެވެސް ރަނގަޅު ޚަބަރެއް ގެންނަވާނެކަން ޔަޤީނެވެ. އަޅުގަނޑުމެންނަށް މިއަނިޔާވެރިންގެ ކިބައިން މިންޖުވެވޭނެކަން ކަށަވަރެވެ."

قبــاد ޖަވާބުދެއްވިއެވެ. "ދަރިފުޅާއެވެ! ބައްޕަ ތިޔަކަމަކާ މާބޮޑަކަށް އުއްމީދެއް ނުކުރަމެވެ. މަދާއިނުގައި ތިއްބެވި ބައްޕަގެ އެކުވެރީންގެ ތެރެއިން ގިނަބޭފުޅުންވަނީ ހަނގުރާމައިގައި އަވަހާރަވެފައެވެ. ދެން ތިއްބެވި ބޭފުޅުން ތިއްބެވީ އާ ޝަހެންޝާހާއި އޭނާއަށް ވައިއަޅުވާ މީހުންގެ ސަބަބުން އަހަރެމެންނެކޭ އެއްގޮތަށް އާރެއް ބާރެއް ނެތިފައެވެ. އެބޭފުޅެއްގެ ޢިއްޒަތް ހިފެހެއްޓެވިފައިވަނީ ދާދި މަދުބޭފުޅަކަށެވެ. ނަމަވެސް އަހަރެމެންނަށްޓަކައި އެބޭފުޅުން ހުރުމުޒާ ބެހިވަޑައިގަންނަވާނެކަމެއް ނޭނގެއެވެ. ތޫރަޖަކީ ވަރަށް ގޮތްކުޑަ ވިޔާނުދާ މީހެކެވެ. އާދައިގެ ދެރަމީހެކެވެ. ހުރުމުޒު އޭނާ ޙިމާޔަތްކޮށްނުދެއްވާނަމަ އޭނާއަށް އަހަރެންގެ އާދައިގެ ދަނޑުވެރިޔަކާވެސް ވައިއެޅޭކަށެއް ނުކެރޭނެއެވެ. އަނިޔާލިބޭ މީހެއްގެ ގޮތުގައި ހުރުމުޒު އަރިހަށް ދެވުނުކަމަށްޓަކައި އަހަރެންގެ ޒަމީރު އަބަދުވެސް އަހަންނަށް މަލާމަތްކުރާނެއެވެ. ޤައުމުތަކާއި ދައުލަތްތައް ވެއްޓެމުންދާއިރު ވަޒީރުންނާއި ކޮމާންޑަރ އިން ޗީފުންގެ ޙަޔާތްޕުޅާމެދު ނިޔާކަނޑައަޅަމުން ގެންދާނީ ޝާހީ ދަރުބާރުގައި އުޅޭ ހެއްވާ ވާހަކަ ދަންނަވައި އުޅޭ ޖޯކަރުންނެވެ. އަހަރެމެން ދުޢާ ކުރަންވީ ޒަރުބަޚުތު ހެޔޮޙާލުގައި އެނބުރި އާދޭތޯއެވެ. އޭނާ އައުމުން ރަނގަޅުވާނީ އަހަރެން މިހިސާބުގަނޑު ދޫކޮށްލައިފައި ކޮންމެވެސް ދުރު އަވަށަކަށް ދިއުމެވެ. އަހަރެމެން ދަންނަ ބަޔަކު ނުއުޅޭ ހިސާބަކަށެވެ. ޤައުމަށް އެހެން އިންޤިލާބެއް އައިސް هـُـرمُــز ކަހަލަ ބޭފުޅުންގެ ބާރުކެނޑޭ ދުވަހެއްގެ އިންތިޒާރުގައި ތިބޭނީއެވެ."

"ބައްޕާފުޅާއެވެ. ޒަރުބަޚުތަށް މަތީ މަގާމެއް ލިބިވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަގީނެވެ. ހަމައެކަނި ތޫރަޖުގެ ކިބަޔަކުން ނޫނެވެ. ހުރުމުޒުގެ ކިބައިންވެސް އޭނާ ކޮންމެވެސް ދުވަހަކުން ބަދަލު ހިއްޕަވާނެއެވެ."

"ދަރިފުޅާއެވެ. ޒަރުބަޚުތަށް އީރާނުގެ ލަޝްކަރުން މަގާމެއް ލިބިގެންނަކުން ހުރުމުޒާ ކުރިމަތިލެވޭވަރެއް ނުވާނެއެވެ. ރަނގަޅުވާނީ އޭނާ އީރާނުގެ ސިފައިންގެ ތެރެއަށް ވަނުމެވެ. ރަސްކަމުގެ ބޮޑުން ޝަހެންޝާހުގެ ދަރުބާރަށް ވަނުމުގެ ކުރީން އޭނާއަށް ސަލާމްކުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި ދެކޭ ދުވަހެއް އަންނަންދެން އޭނާގެ ދުޝްމިނުންގެ މަތިން ހަނދާން ނައްތައިލުމެވެ. ޖިހާންދާދު ދުނިޔޭގައިހުރެ އެނބުރި އައިނަމަވެސް އަހަރެން ދިނީހީ މިމަޝްވަރާއެވެ."

"އެކަމަކު ބައްޕާފުޅު މީގެކުރިން ވިދާޅުވެ އުޅުއްވީ ޖިހާންދާދު ވަޑައިގެންފިނަމަ އިރުކޮޅަކަށްވެސް ބައްޕާފުޅުގެ ލޯފުޅުމަތިން ކެހިވަޑައިގަތަނުދެއްވާނެ ކަމުގައެވެ. އޭނާ އީރާނުގެ ކޮމާންޑަރ އިން ޗީފްގެ މަގާމުގައި ހުންނަވަނިކޮށް ފެނިވަޑައިގަތުމަށްވުރެ ބޮޑަށް ބޭނުންފުޅުވަނީ އާދައިގެ ދަނޑުވެރިޔެއްގެ ގޮތުގައި ދެކެވަޑައިގަތުން ކަމުގައެވެ."

"އަހަރެން ތިޔަހެން ބުނި ދުވަސްވަރު އަހަރެން ކުދީންނަށް ބޭނުންވާނެ ހުރިހައި ކަމެއް އަހަރެންގެ ގޭގައި ހަމަޖެހިފައި ހުއްޓެވެ. ނަމަވެސް މިހާރު މިގެއާއި ދެތިން ދަނޑެއް ފިޔަވައި އެހެން ހުރިހާ އެއްޗެއްވަނީ އަހަރެންގެ އަތުން ފޭރިގަނެވިފައެވެ. ޢަރަބި ދަނޑުވެރީން ސަރުކާރާ ދެކޮޅަށް ބަޣާވަތްކުރަން ހިތްވަރުދެނީ އަހަރެންކަމުގައި މަދާއިންގެ ދަރުބާރަށްވަނީ ޝަކުވާ އުފުލިފައެވެ. ތޫރަޖު ކަހަލަ އަނިޔާވެރިޔަކު ދަނޑުވެރިއެއްގެ އަތުން މަރުވިޔަސް ހުރުމުޒަށް މިގެއަށް ވެރިވާނެ ބަހަނާއެއް ލިބުނީއެވެ. އަހަރެން އޮންނާނީ އޭނާގެ އަރިހުގައި ބުނެފައެވެ. ކަލާ ވެއްޓިވަޑައިގަތުމުގެ ދުވަސްއައުމުން ތޫރަޖަށްވުރެވެސް ރަޙުމްކުޑަބަޔަކާ ކަލާޔަށް ކުރިމަތިލައްވަން ޖެހޭނެއެވެ. ހުރުމުޒަކީ އޭނާގެ ދުޝްމިނަކު މައިދާނަށް ވެއްޓުމުން އަލުން ތެދުވާނެ ފުރުޞަތު ދެއްވާނެ ބޭފުޅެއްނޫނެވެ."

ماه بانو ގެ ލޯފުޅު ކަރުނަފޮދުން ފުރިގެން ދިއުމާއެކު ވިދާޅުވިއެވެ. "އެކަމަކު ބައްޕާފުޅު އޭނާއަށް ދެއްވީ ކޮން ގެއްލުމެއްތޯއެވެ؟"

"އަނިޔާވެރިވުމުން އެބައެއްގެ ހިތްތަކަށް އުފާވެރިކަން ލިބޭ މީހުން އަނިޔާލިބޭ މީހުން ތިމަންމެންނަށް ދިނީ ކޮން ގެއްލުމެއްތޯ ބަލައެއް ނުއުޅެއެވެ. އެކަހަލަ މީހުންގެ އެންމެބޮޑު ބޭނުމަކަށްވެފައި އޮންނަނީ އަނިޔާލިބޭ މީހުންގެ ޙައްޤުގައި އަޑުއުފުލާ މީހުންގެ ކަރުއަނބުރައިލުމެވެ. އަހަންނަކީ ޢަރަބި ދަނޑުވެރިންނާމެދު ހަމްދަރުދީވާ މީހެއްކަން މިހާރުވަނީ ހުރުމުޒަށް ޔަޤީންވެފައެވެ. އެމީހުންގެ އަތުން އަހަރެން އަތުލަނީ ހަމައެކަނި އަހަރެންގެ ޙައްޤުކަމާއި އެމީހުން ލޫޓުވަން އަހަރެން ނޭދޭކަންވެސް އޮންނަނީ އެނގިފައެވެ. އަހަރެން މިގޮތަށް ކަންތައްކުރާތީ އީރާނުގެ އެހެނިހެން ބިންވެރީން ގެންގުޅޭ ދަނޑުވެރީންގެ ހިތުގައި އެބައިމީހުންނަކީ އަނިޔާލިބޭ ބައެއްކަމުގެ އިޙްސާސްވަނީ އުފެދިފައެވެ. އެހެންކަމުން އެ އިޙްސާސްތައް ކަނޑުވައިލުމަށްޓަކައި އަހަރެންގެ ކަންތައް ނިންމައިލުމަކީ ކޮންމެހެން ބޭނުންކަމެއްކަމަށް ހުރުމުޒު ދެކެއެވެ."

ماه بانو ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "ހުރުމުޒުގެ ކަނދުރާ އަނބުރައިލެވޭހާ ބާރު އަޅުގަނޑުގެ މުލައްދަނޑީގައި ހުރިނަމައެވެ."

قبــاد، ماه بانو ގެ ހިތްޕުޅު ހަމަޖައްސަވައިދެއްވަމުން ވިދާޅުވިއެވެ. "ދަރިފުޅާއެވެ. ކޮންމެ އަނިޔާވެރިޔެއްގެވެސް ނިމުމެއް އަންނާނެއެވެ. ޤުދުރަތުން އަނިޔާލިބޭ މީހުންގެ ފަރިޔާދު އައްސަވައިވޮޑިގެން އެބައިމީހުންނަށް ނަޞްރުދެއްވުމުގެ ވަގުތު އައުމުން ނުލާހިކު ބަލިކަށި މީހުންގެ އަތްތައްވެސް އަނިޔާވެރީންގެ ކަނދުރާގެ އެންމެފަލަ ނާރާ ހަމަޔަށް ފޯރާނެއެވެ. ބައްޕަ މިހިރީ ޚުސްރޫޕަރުވޭޒާއި އޭނާގެ ބައްޕާފުޅާއި ކާފާފުޅުގެ ޢިބްރަތްތެރި ނިމުންވެސް ދެކެފައެވެ. ބައްޕަޔަށް ޔަޤީނެވެ. ކޮންމެ އަނިޔާވެރިޔަކު އެމީހަކު ވެއްޓޭނެ އަނދަވަޅެއް އެމީހެއްގެ އަތުން ތައްޔާރުކުރާނެއެވެ. ދެން ދަރިފުޅު ގޮސް ނިދައިލާށެވެ."

(ނުނިމޭ)