ގައުމީ ބައިސްކަލް ޗެމްޕިއަންޝިޕް

ގައުމީ ބައިސްކަލް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންނަށް އަލްޔާން އާއި އަސްމާ

ބައިކް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ގައުމީ ބައިސްކަލް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންނަށް އަލްޔާން މިރުޝާނާއި އަސްމާ ހަސަން ހޮވިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެ މުބާރާތުގައި އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އަލްޔާން ހޮވުނު އިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އަސްމާއެވެ.

ގައުމީ ބައިސްކަލް ޗެމްޕިއަންޝިޕްގައި ގިނަ އިވެންޓުތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ފިރިހެނުންގެ 200 މީޓަރުގެ ސްޕްރިންޓް އިވެންޓުގެ އެއްވަނަ އަލްޔާން ހޯދި އިރު، ދެވަނަ ހޯދީ މުހައްމަދު އަފްޒަލްއެވެ. އަދި ތިންވަނަ ހޯދީ އިބްރާހިމް ޝުއާއުއެވެ. ފިރިހެނުންގެ 1000 މީޓަރު ސްޕްރިންޓް އިވެންޓުގެ އެއްވަނަ އަލްޔާން ހޯދި އިރު، ދެވަނަ ހޯދީ ޝުއާއުއެވެ. އަދި އެ އިވެންޓުގެ ތިންވަނަ ހޯދީ އަފްޒަލްއެވެ.

ފިރިހެނުންގެ 3000 މީޓަރު ސްޕްރިންޓް އިވެންޓުގެ އެއްވަނަ މުހައްމަދު މާއިޒް ހޯދި އިރު، ދެވަނަ ހޯދީ މަޚްދޫމް ހުސައިނެވެ. އަދި އެ އިވެންޓުގެ ތިންވަނަ ހޯދީ އަފްޒަލްއެވެ. ފިރިހެނުންގެ ފަސް ކިލޯމީޓަރު އިވެންޓުގެ އެއްވަނަ އަލްޔާން ހޯދި އިރު، ދެވަނަ ހޯދީ ޝުއާއުއެވެ. އަދި އެ އިވެންޓުގެ ތިންވަނަ ހޯދީ މުހައްމަދު ފާހިރެވެ.

ފިރިހެނުންގެ ދިހަ ކިލޯމީޓަރު އިވެންޓުގެ އެއްވަނަ ފާހިރު ހޯދި އިރު، ދެވަނަ ހޯދީ މުހައްމަދު އާދަމްއެވެ. އަދި އެ އިވެންޓުގެ ތިންވަނަ ހޯދީ ހުސައިން އަލީ ހަބީބެވެ. ފިރިހެނުންގެ 40 ކިލޯމީޓަރު އިވެންޓުގެ އެއްވަނަ މުހައްމަދު ޝިޔާމް ހޯދި އިރު، ދެވަނަ ހޯދީ ކާލޯ ކްރެވެލްޒޯލާއެވެ. ފިރިހެނުންގެ 60 ކިލޯމީޓަރު އިވެންޓުގެ އެއްވަނަ ރޮބިން ވޯލް ހޯދި އިރު، ދެވަނަ ހޯދީ ހުސައިން ހަލީމެވެ. އަދި އެ އިވެންޓުގެ ތިންވަނަ ހޯދީ މުހައްމަދު ޝިޔާމެވެ.

އަންހެނުންގެ 200 މީޓަރު ސްޕްރިންޓް އިވެންޓުގެ އެއްވަނަ މަރިޔަމް ޝާރަތު ޝަރީފު ހޯދި އިރު، ދެވަނަ ހޯދީ އަސްމާ ހަސަނެވެ. އަދި އެ އިވެންޓުގެ ތިންވަނަ ހޯދީ އާމިނަތު އާދަމެވެ. އަންހެނުންގެ 1000 މީޓަރު ސްޕްރިންޓް އިވެންޓުގެ އެއްވަނަ އަސްމާ ހޯދި އިރު، ދެވަނަ ހޯދީ ޝާރަތުއެވެ. އަދި އެ އިވެންޓުގެ ތިންވަނަ ހޯދީ އާމިނަތު އާދަމެވެ.

އަންހެނުންގެ 3000 މީޓަރު ސްޕްރިންޓް އިވެންޓުގެ އެއްވަނަ އަސްމާ ހޯދި އިރު، ދެވަނަ ހޯދީ ޝާރަތުއެވެ. އަދި އެ އިވެންޓުގެ ތިންވަނަ ހޯދީ ހަމްދިއްޔާ އަބްދުލް ގަފޫރެވެ. އަންހެނުންގެ ފަސް ކިލޯމީޓަރު އިވެންޓުގެ އެއްވަނަ ނިޒްމީން ލަތީފު ހޯދި އިރު، ދެވަނަ ހޯދީ ޒުލައިޚާ ހަސަން ދީދީއެވެ. އަދި އެ އިވެންޓުގެ ތިންވަނަ ހޯދީ ޚަދީޖާ ހަސަން ދީދީއެވެ. އަންހެނުންގެ ދިހަ ކިލޯމީޓަރު އިވެންޓުގެ އެއްވަނަ ނިޒްމީން ލަތީފް ހޯދި އިރު، ދެވަނަ ހޯދީ އާމިނަތު އާދަމެވެ.

އެ މުބާރާތުގެ ޓީމް އިވެންޓުން ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތުރީ ސްޓާއެވެ. ދެވަނަ ކިޔަވާ ސްޕޯޓްސް ހޯދި އިރު، ތިންވަނަ ހޯދީ އެމްއެސް އެކެޑަމީއެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ މައްޗަންގޮޅި ވިމެންއެވެ. އެ އިވެންޓުގެ ދެވަނަ މުލަކު ރެކްރިއޭޝަން ކްލަބު ހޯދި އިރު، ތިންވަނަ ހޯދީ ތުރީ ސްޓާއެވެ.