ޚަބަރު

އެއްވުމުގައި 2000 މީހުން ބައިވެރިވި، މިއީ މުޒާހަރާތައް ފަށައިފިއްޔާ ހުއްޓާނެ ބައެއް ނޫން: އަދުރޭ

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ކޯލިޝަނުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ރޭ ބޭއްވި އެއްވުމުގައި 2000 އެއްހާ މީހުން ބައިވެރިވި ކަމަށް ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ''ބަޑި ބުރާސްފަތި''ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ފުރަތަމަ ޖަލްސާއެއް ބާއްވަން ނިންމީ ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް ޖަލްސާ ބޭއްވުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ނުދިނުމުން، ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވަން ނިންމިއެވެ.

ރޭ 8:30 ގައި ބޭއްވި އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ އެ އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށްބުނެ އެތަނުން ދިއުމަށް އަންގައިފައެވެ. ނަމަވެސް ފުލުހުންގެ އެއްގުމާ ހިލާފުވެ އިދިކޮޅު ކޯލިޝަންގެ އެއްވުން ފެށުމުން ފުލުހުން ވަނީ އެއްވުން ހުއްޓުވަން މަސައްކަތް ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެއްވުން ނިންމާލިކަން އިއުލާންކުރުމަށްފަހު ޕީޕީއެމް އޮފީހުގައި ބޭއްވި އިދިކޮޅު ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ކުއްލި ގޮތަކަށް ގޮވާލުމުން ވެސް 2000 އެއްހާ ރައްޔިތުން ރޭގެ އެއްވުމުގައި ބައިވެރިވި ކަމަށެވެ.

"ތަން ބަދަލުވެގެން ކުއްލި ގޮތަކަށް ގޮވާލީމަ ވެސް މިތަނަށް އައޭ 2،000 އެއްހާ ދިވެހި ރައްޔިތުން. އަދިވެސް މިތާ މަގުމަތީގައި އެބައުޅޭ 500-600 އެއްހާ ދިވެހި ރައްޔިތުން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވި ނަމަވެސް، އެވަރަށް މުޒާހަރާގައި މީހުން ބައިވެރިވެފައެއް ނުވެއެވެ. އަދި ޕީޕީއެމްގެ ޗީފް ތަރުޖަމާން ހީނާ ވަލީދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެސް ވިދާޅުވީ، އެއްވުމުގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގައި މިހާރު ތިބި މީހުންނަކީ މުޒާހަރާތައް ފަށައިފިއްޔާ ކޮޅެއްގައި ނުޖެހނީސް އެ މުޒާހަރާތައް ހުއްޓާލާނެ ބައެއް ނޫން ކަމަށާއި އެކަން މި ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެމްޑީޕީން އެކަމާ ބިރު ގަންނަ ކަމަށް ވިދާޅުވިއެވެ.

“ވަރަށް ބިރު ގަންނާނެ މުޒާހަރާތަކާމެދު އެމްޑީޕީ ސަރުކާރުން އަބަދުވެސް. އެއީ އެމީހުންނަކީ އެކަން ތަޖުރިބާކޮށްފައި ތިބި ބައެއް. އަޅުގަނޑުމެންނަކީ މުޒާހަރާ ކުރަން ފަށައިފިއްޔާ ދެން ހުއްޓާނެ ބައެއް ނޫން. ކޮޅެއްގަ ޖެހުނީމަ ހުއްޓާނީ. އެކަން ވަރަށް ރަނގަޅަށް އެމްޑީޕީއަށް އެނގޭނެ. އެނގޭތީ އެ ބިރު ގަންނަނީ. އެމީހުންނަކީ މުޒާހަރާތަކަށް މީހުން ނުކުތީމަ ދެން ހަމަ ތުރުތުރު އަޅާނެ،” އަދުރޭ ވިދާޅުވިއެވެ.