ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ޖުމްލަ 39 މިލިއަން ރުފިޔާއަށް އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް އެ މަސައްކަތް ހަވާލުކުރީ ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ސެނޮކް ކޮމްބައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބަތް ރަވަންޕޫރާއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ މަޝްރޫއު ނިމުމުން ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.
މިނިސްޓަރު ހުސެއިން ރަޝީދު ހަސަން ތިނަދޫއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެރަށުގައި ފެން ހިންދާ ނިޒާމު ގާއިމްކުރުމަށް ބަޔަކާ ހަވާލުކުރުމުގެ އިތުރުން އެރަށުގައި ދެ މެގަވޮޓްގެ ސޯލާ ފާމެއް ގާއިމްކުރުމަށާއި ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނެރޭޓަރެއް ބެހެއްޓުމަށް ވެސް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
އޭގެ އިތުރުން ތިނަދޫ ކައުންސިލާއި ބައްދަލުކޮށް އެރަށުގެ ކުނި މެނޭޖްކުރުމުގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ތިނަދޫގެ ކުޅި އާއި ކުނި މެނޭޖްކުރާ މަރުކަޒާއި ރަށް ގިރަމުންދާ ސަރަހައްދު އަދި އެރަށުގެ ފެން ޕްލާންޓާއި ނަރުދަމާ ނިޒާމާއި ޕަވާ ހައުސް އާއި ސްޓޯމް ވޯޓާ ޕަމްޕިން ސްޓޭޝަންވެސް ބައްލަވާލެއްވިއެވެ.