ދިވެހި ފިލްމު އެވޯޑްސް

ދިވެހި ފިލްމު އެވޯޑްސް މިމަހުގެ 15ގައި

ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބާއްވާ ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް މިމަހުގެ 15ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ އެވޯޑަށް ހުށަހަޅާފައިވަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެކެވެ.

ދިވެހި ފިލްމު އެވޯޑަސްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިއަދު މެންދުރު މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ވިދާޅުވީ އެ އެވޯޑަށް ކުރިމަތިލާން ހުޅުވާލީ އެވޯޑުގެ އުސޫލަށް ބަދަލު ގެނައުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައި މިއޮތީ ނޮވެމްބަރު 15ގައި މި އެވޯޑު ބާއްވަން. ކުރީގެ އުސޫލު އޮތް ގޮތުން އަޅުގަނޑުމެންނަށް މިފަހަރު ވެސް އެވޯޑެއް ނުބޭއްވޭ. އެހެންވީމާ އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ބެލީ އެވޯޑުގެ އުސޫލު ބަދަލުކުރަން ކޮމިޓީއެއް ނަގަން. ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލީ މި ދާއިރާގެ ފުންނާބު އުސް ބޭފުޅުން ހިމަނައިގެން. ޓެކްނިކަލް ކޮމިޓީ އެކުލަވާލައި، އެ ކޮމިޓީން އުސޫލު ކަނޑައެޅުމަށްފަހު އެބޭފުޅުން އެންސީއޭގެ މަޝްވަރާގެ މަތިން ޖަޖުން ނެގީ،" އޭނާ ވިދާޅުވިއެވެ.

ވަލީދާ ވިދާޅުވީ ޖަޖުންގެ ގޮތުގައި ހިމެނެނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ބޭފުޅުން ކަމަށާއި މިހާރު ޖަޖިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެންމެ ލަސްވެގެން މިމަހުގެ 10ގައި އެވޯޑުގެ ނޮމިނޭޝަންތައް އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ އެވޯޑުގެ ޖަޖިން ޕެނަލުގައި ހިމެނެނީ ހަތް ބޭފުޅެކެވެ. އެ ބޭފުޅުންނަކީ މުހައްމަދު ނިޔާޒް (ޓެޑްރީ) އާއި އާމިނަތު ނަޖީބާއި އާމިނަތު އީނާސް އާއި އަހްމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރުގެ އިތުރުން ޝާރިފް އަލީއެވެ. އެބޭފުޅުންނަކީ މިހާރު ފިލްމީ ދާއިރާގައި މަސައްކަތް ނުކުރައްވާ ބޭފުޅުން ކަމަށް އެންސީއޭ އިން މައުލޫމާތުދެއެވެ.

ވަލީދާ ވިދާޅުވީ ފަންނާނުންނަށް މިއަހަރު މާގިނަ ކަންތައްތަކެއް ކުރެވިގެން ނުދިޔަ ނަމަވެސް، އަންނަ އަހަރުން ފެށިގެން ގިނަ ކަންތައްތަކެއް ރޭވުމަށް މިނިސްޓްރީންނާއި މިނިސްޓަރު ޔުމްނާ މައުމޫން ވެސް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އަދި މިނިސްޓަރުގެ ވެސް ވަރަށް ބޮޑު އުންމީދެއް، އަންނަ އަހަރު އެންސީއޭގެ ފަރާތުން ފަންނާނުންނަށް ޓްރެއިނިންވާނެ ފުރުސަތުތަކެއް އަދި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުން ފަސޭހަކަމާއެކު ފިލްމު އަޅުވައި، އޮލިމްޕަސް ވެސް ރަނގަޅު ވެގެންދިއުން. އަޅުގަނޑު ވެސް އުންމީދުކުރަނީ ފިލްމީ ފަންނާނުންނަށް އަންނަ އަހަރުން ފެށިގެން ސަރުކާރުން ވެސް ވަރަށް ހާއްސަކަމެއް ދީގެން އޮލިމްޕަސް ރަނގަޅުވެގެން ގޮސް، ފަންނާނުންނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް." ވަލީދާ ވިދާޅުވިއެވެ.

މިފަހަރުގެ އެވޯޑަށް ހުށަހަޅާފައިވާ ފީޗާ ފިލްމުތަކަކީ ދެވަންސޫރަ (2018)، ވަކިން ލޯބިން (2018)، ރޭވުމުން (2018)، ތިޔަ ލޯތްބާ ދުރަށް (2018)، މަލިކާ (2017)، ނޯޓީ 40 (2017)، ބޮސް (2017)، މީ ލޯތްބަކީ (2017)، ހައްދު (2017)، ވިޝްކާ (2017)، ނޭދެން ވަކިވާކަށް (2017) އަދި އިލް ނޮއިސް (2017) އެވެ. ކުރު ފުލްމު ކެޓަގަރީއަށް ހުށަހެޅި ހަމައެކަނި ފިލްމަކީ "ކަނޑު އިބިލީސް" އެވެ.

މިއަހަރުގެ އެވޯޑަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ފިލްމުތަކާއި 2017ގެ ފިލްމުތަކަށެވެ.