އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 04

އަބްދުﷲ ފާރޫގް ހަސަން

(26 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

ކުއްލިއަކަށް ރޯމާއި އީރާނުގެ ތާރީޚުގެ އާ ދައުރެއް ފެށިއްޖެއެވެ. ޤައިސަރު ހިރަގުލްއިރާނުގެ ސިފައިންނަށް ޖަވާބީ ޙަމަލަދެއްވަން ފައްޓަވައިފިއެވެ. އެތައް އަހަރެއް ވަންދެން ހަނގުރާމައިގެ މައިދާނުން ލިބިވަޑައިގެންފައިވާ ނާކާމިޔާބީގެ ހިސާބު ހަމަޖެއްސެވުމަށްޓަކައެވެ. އެހެންކަމުން ޕަރުވޭޒަށް އިތުރު ސިފައިން ބޭނުންފުޅުވިއެވެ. ޕަރުވޭޒް ޚިޔާލުވެސް ނުކުރައްވައި ހުންނަވަނިކޮށް ޤައިސަރު ކުރިޔަށް ވަޑައިގަންނަވަން ފެށްޓެވި ފެށްޓެވުމަށް ހުއްޓުން އަރުވައިލެއްވުމަށްޓަކައެވެ. އީރާނުގެ މުރުޒުބާނުންނާއި ޖާގީރުދާރުން އެބައިމީހުންގެ ދަނޑުވެރިންނާއި ގެރިބަކަރި ހުއިހައްޕާ މީހުންނަށް ޢަސްކަރީ ޚިދުމަތުގެ ދޮރު ހުޅުވައިލިއެވެ.

حسّان ސިފައިންގެ ތެރެއަށް ވެދެވަޑައިގަތުމަށްފަހު ސަރަޙައްދީ ކޭމްޕެއްގައި ތިންމަސްދުވަހުގެ ތަމްރީނު ހޯއްދެވިއެވެ. އެއަށްފަހު އަސްވާރުންގެ ޔުނިޓުތަކަކާއެކު އޭނާ ފޮނުވުނީ އީރާނުގެ އުތުރު ސަރަޙައްދުގައިވާ ދިފާޢީ މަރުކަޒަކަށެވެ. އެތާނގެ އެންމެ އިސްވެރިއަކީ ޖިހާންދާދެވެ. حسّان އެތަކެއް ދުވަހުއްސުރެ ދެކެވަޑައިގަންނަވަމުން ގެންނެވި އުފާވެރި ހުވަފެންފުޅެއް ޙަޤީޤަތަކަށްވީއެވެ. އެއަށްފަހު ސިފައިންގެ ދިރިއުޅުމުގެ އިމްތިޙާނުތަކާއި ހަނގުރާމައިގެ މުސީބާތްތަކާއި ހައްޔަރުވުމުގެ ހިތްދަތި ވޭންތައް އުފުއްލެވުމުގައި حسّان އާއި ޖިހާންދާދަކީ އެއްބޭފުޅަކު އަނެއްބޭފުޅެއްގެ ބައިވެރިޔާއެވެ.

ގާތްގަނޑަކަށް ނުވައަހަރުފަހުން އޭނާ ޖިހާންދާދުގެ ގެއަށް އެވަޑައިގަތީ ޖިހާންދާދު އަވަހާރަވި ޚަބަރު ދެއްވުމަށްޓަކައެވެ. އޭނާ ޤަޞްދުކުރައްވައިފައިވަނީ އެހިތާމަވެރި ވާޖިބު އަދާކުރެއްވުމަށްފަހު އޭނާގެ ގެއަށް ވަޑައިގަތުމަށެވެ. އިރުއޮއްސިއްޖެއެވެ. އަދިވެސް ހަތަރު ކޯހަށް ދަތުރުކުރައްވަން އޭނާއަށް ޖެހިވަޑައިގަންނަވައެވެ. ނޯކަރެއް ބައްތިއެއް ހިފައިގެން އެކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ބުންޏެވެ. "ކަލާ މަޑުކުރައްވާށެވެ. ސާހިބާ އެބަވަޑައިގަނެއެވެ."

حسّان ދޫލަމަތީގައި އިށީނދެވަޑައިގެންފިއެވެ. ނޯކަރު ބައްތި ބަހައްޓައިފައި އެނބުރި ހިނގައްޖެއެވެ. ކުޑައިރުކޮޅެއްގެފަހުން قبــاد އާއި ماه بانو އާދެ ބައްޕާކަލުން ކޮޓަރިއަށް ވެދެވަޑައިގެންފިއެވެ. قبــاد ގެ އެއަތްޕުޅުގައި އޮތީ އަސާކޮޅެކެވެ. އަނެއް އަތްޕުޅުއޮތީ ماه بانو ގެ ކޮނޑުފުޅުމަތީގައެވެ. އޭނާގެ އިސްތަށިފުޅުގެ ހުރިހާ އިސްތަށިކޮޅުތަކެއް ވަނީ ހުދުވެފައެވެ. އޭނާ ހިކިފުޅުކަމުން ماه بانو އޭނާގެ އަރިހުގައި ނެތްނަމަ ނުވަތަ އެގެނޫން ތަނަކުން އޭނާ ފެނިވަޑައިގެންނެވިނަމަ حسّان އަށް އެއީ ޖިހާންދާދުގެ ބައްޕާފުޅުކަން ޔަޤީނެއް ނުކުރެއްވުނީހެވެ.

+ + + + +

حسّان އަދަބު އަދާކުރެއްވުމުގެ ގޮތުން ތެދުވެވަޑައިގެންނެވިއެވެ. ނަމަވެސް قبــاد ގެ އަތްޕުޅުގެ އިޝާރާތަށް އޭނާ އަލުން އިށީނދެވަޑައިގެންފިއެވެ. قبــاد، حسّان ގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ޖިހާންދާދު ކަހަލަ ދަރިޔަކު މަރުވެއްޖެކަން ބައްޕައަކަށް ޔަޤީންކުރެވުމަކީ ފަސޭހަކަމެއް ނޫނެވެ. ހަނގުރާމަ ހުއްޓުނުފަހުންވެސް އެތައް ދުވަހެއް ވެއްޖެއެވެ. މިމުއްދަތުގެ ތެރޭގައި އަހަންނާ ބައްދަލުވި ޖިހާންދާދު ދެނެވަޑައިގަންނަވާ އޮފިސަރުންނާއި ސިފައިންގެ ތެރެއިން އެއްވެސް ބޭފުޅަކު އޭނާ މަރުވެއްޖެކަމަށް ހެކިދީފައެއް ނެތެވެ. ގިނަމީހުން ބުނަނީ އަރްމިޔާހުގައި އަހަރެމެންގެ ލަޝްކަރު ބަލިވިފަހުން އޭނާއަށް ވީނުވީގޮތެއް ނޭނގި ގެއްލުނީކަމަށެވެ. އޭނާ ޒަޚަމްވީކަމަށާއި، އަސްވާރަކު އޭނާ އަސްމައްޗަށް ލައިގެން ފިލައިގެން ދިޔައީކަމަށްވެސް ބައެއް މީހުން ބުނެއެވެ. މިއަދު ކަލާ ތިޔަ ވަޑައިގަތީ އޭނާ މަރުވި ޚަބަރު ހިއްޕަވައިގެންކަމުގައިވާނަމަ އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ މިހާދުވަސްވަންދެން ކަލާ އުޅުއްވީ ކޮންތަނަކުތޯ މިސުވާލެވެ."

حسّان ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ހުރީ ރޫމީންގެ އަތްދަށުގައި ހައްޔަރުވެފައެވެ. ޖިހާންދާދުވެސް އަވަހާރަވަންދެން އުޅުއްވީ އަޅުގަނޑާ އެކުގައެވެ. އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑު މިއައީ އެއްވެސް ރަނގަޅު ޚަބަރަކާއިގެންނެއް ނޫނެވެ. އޭނާ އަރްމިޔާހުގެ ހަނގުރާމައިގައި ޒަޚަމްވެވަޑައިގަތީއެވެ. އޭނާ އަސްމައްޗަށް ލައިގެން މައިދާނުން ނެރުނީ އަޅުގަނޑެވެ. އަޅުގަނޑުމެން ރޭގަނޑު ހަތަރުދަމު ދަތުރުކުރުމަށްފަހު ބަކަރި ހުއިހައްޕާ މީހެއްގެ ގެއިން ސަލާމަތް ހޯދީމުއެވެ. ޖިހާންދާދަށް ދަތުރު ކުރެއްވޭވަރުވީ ދިހަދުވަސްފަހުންނެވެ. އެހައިތަނުން އަޅުގަނޑުމެން ފިލައިގެން ދާނެގޮތަކާމެދު ވިސްނަން ފަށައިފީމުއެވެ. ނަމަވެސް ކުއްލިއަކަށް ރޫމީންގެ ސިފައިންގެ ބަޔަކު އެގެއަށް ޙަމަލަދީ އަޅުގަނޑުމެން ހައްޔަރުކޮށްފިއެވެ. ތަންކޮޅެއްފަހުން އަޅުގަނޑުމެންނަށް އެނގުނުގޮތުގައި އެއަވަށުގެ ގެރިބަކަރި ހުއިހައްޕާ އެހެންމީހަކު އަޅުގަނޑުމެން ރޫމީންނަށް ވިއްކައިލީއެވެ. ރޫމީ ސިފައިން އޭނާގެ ގެއާދިމާއަށް އަންނަތަން ފެނުމާއެކު އަޅުގަނޑުމެންގެ ހިތްހެޔޮ މޭޒުބާން ފިލައި ރައްކާވެއްޖެއެވެ. އޭނާއަށް ދެންވީގޮތެއް އަޅުގަނޑުމެންނަކަށް ނޭނގުނެވެ.

ރޫމީން އަޅުގަނޑުމެން ގެންދިޔައީ ތަރުބަޒޫނަށެވެ. އެތަނުން އަޅުގަނޑުމެން ފޮނުވީ ނާފަހަރުގެ ފަލިޖަހާ އަޅުންގެ ތެރެއަށެވެ. ނަވުގެ ކެޕްޓަން އަޅުގަނޑުމެންނާމެދު ބަލަނީ އިންސާނުން ކަމުގައެއް ނޫނެވެ. މަސައްކަތްކުރުވާ ޖަނަވާރުތަކެއް ކަމުގައެވެ. އެހައިތަނުން ފެށިގެން އަޅުގަނޑުމެންގެ ދުނިޔެއެއް ކަމުގައި ހިމެނުނީ ނަވުގެ އަޑީބައެވެ. އަޅުގަނޑުމެންނަށް އެނގޭހައިވެސް ކަމަކީ ނާދަތުރު ފަށާކަމާއި ނަގިލިލާކަމެވެ. ގާތްގަނޑަކަށް އެއްއަހަރުވަންދެން އަޅުގަނޑުމެންނަށް ނުލާހިކު ބޮޑުއަދަބު ލިބެމުން ދިޔައެވެ. ޖިހާންދާދުގެ ޞިއްޙީ ޙާލުކޮޅު ދުވަހެއް ދުވަހަކަށް ދިޔައީ ދެރަވަމުންނެވެ. އެންމެފަހުން އެއްދުވަހަކު އޭނާ އަޅުގަނޑުގެ އުނގުގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި ފުރާނަފުޅު ދޫކޮށްލައްވައިފިއެވެ. ނަވުގައި މަރުވާމީހުންގެ ހަށިތައް އުކައިލެވެނީ ކަނޑަށެވެ. ހިތާމަޔަކީ، އޭރު އަޅުގަނޑުމެން ދަތުރުކުރަމުން ގެންދިޔައީ ކޮންތަނަކުން ކޮންތަނަކަށް ކަމެއްވެސް ނޭނގުނުކަމެވެ.

އެދުވަހަށްފަހު އަޅުގަނޑުގެ ހިތުންވެސް ދިރިހުރުމުގެ ހުރިހާ އުއްމީދެއް ކެނޑިއްޖެއެވެ. އަޅުގަނޑުމެންގެ ނާ ކުރީމަހު އޮތީ ކޮންބަނދަރެއްގައި ކަމެއް މިހާރު ޠަވާފުކުރަމުން ގެންދަނީ ކޮންރަށެއްގެ އައްސޭރީގައިކަމެއް ނޭނގެއެވެ. ނަވުގެ ފަލިޖަހާ އަޅުން، ހެނދުނާއި ހަވީރާއި ހަފްތާތަކާއި މަސްމަހާއި އަހަރުތަކުގެ ބަދަލުގައި އިންތިޒާރު ކުރަނީ ހަމައެކަނި މަރަށެވެ. އަޅުގަނޑުގެ ކުރީގެ އެކުވެރީންގެ ގިނަމީހުން މަރުވެ އެމީހުންގެ މަޤާމު އާމީހުން ހޯދަމުން ގެންދެއެވެ.

ހައްޔަރުވީތާ ކުރީކޮޅު އެހެންވެސް އަލަށް ހައްޔަރުވާ މީހުންނެކޭ އެއްގޮތަކަށް އަޅުގަނޑުވެސް އަބަދުމެ ވިސްނަމުން ގެންދިޔައީ ސަލާމަތްވެވޭނެ ގޮތަކާ މެދުގައެވެ. ނަމަވެސް އަޅުގަނޑުވެސް ފަހުން ވިސްނަމުންދިޔައީ ކޮންމެވެސް ދުވަހަކުން ޖިހާންދާދެކޭ އެއްގޮތަށް އަޅުގަނޑުގެ ހިތްވަރުވެސް ކޮޅުންލާނެކަމެވެ. އަޅުގަނޑުގެ އަތުން ނަވުގެ ބަރުފަލި ދޫވެދާނެކަމެވެ. އޭރުން އަޅުގަނޑުގެ ހަށިގަނޑުވެސް ކޮންމެވެސް ނޭނގޭ ކަނޑަކަށް އެއްލައިލެވިދާނެކަމެވެ. ނަމަވެސް ނަވެއްގެ ކެޕްޓަން އަޅުގަނޑުގެ ހިލިހިލާ ނައްޓުވައިފިއެވެ. ބަނދަރުތަކުން ނާފަހަރަށް ކޮއްތުބޯފެން ގެނައުމުގައި ފަޅުވެރީންނަށް އެހީވެދޭ އިތުބާރުކުރެވޭ އަޅުންގެ ތެރޭގައި ހިމަނައިފިއެވެ. އަޅުގަނޑަށް ހާމަވައިގެ ތެރެއަށް ނޭވާލެވެން ފަށައިފިއެވެ. ދުވާލުގެ އިރާއި ރޭގަނޑުގެ ހަނދާއި ތަރިތައް ފެންނަން ފަށައިފިއެވެ. ޖިހާންދާދު އަވަހާރަވުމުގެ ކުރިން އަޅުގަނޑު ލައްވައި ވަޢުދުކުރުއްވައިފައިވަނީ އަޅުގަނޑަށް މިނިވަންކަން ލިބިއްޖެނަމަ އޭނާގެ ގަނޑުވަރަށް ދިއުމަށެވެ. އެހެންކަމުން އަޅުގަނޑަށް ފަހަރެއްގައި ކޮންމެވެސް ދުވަހަކުން ފިލައިގެން ދިއުމުގެ ފުރުޞަތެއް ލިބިދާނެހެންވެސް ހީވާން ފަށައިފިއެވެ.

އަޅުގަނޑު ނަވުގައި ކުރި އެންމެފަހު ދަތުރު ފެށެނީ އިސްކަންދަރިއްޔާއިންނެވެ. އަޅުގަނޑުމެންގެ ނަވަށް އަރުވައިފައިއޮތީ ގޮދަނެވެ. ވަރަށް ވިއްސާރަ ދުއްޕާން ރެއަކު އަޅުގަނޑުމެންގެ ނާ ޝާމްކަރައިގެ އައްސޭރީގައި ނަގިލި ޖައްސައިފިއެވެ. އަޅުގަނޑު ތަންވަޅެއް ލިބޭއިރަށް ކަނޑަށް ފުންމައިލައިފީމެވެ. ރޭދެބަޔާ ކައިރިވެފައި ހުއްޓައި ހޭނެތޭ ނުނެތޭ ޙާލެއްގައި އަޅުގަނޑަށް އެއްގަމަށް އެރިއްޖެއެވެ. އިރުކޮޅަކު އަރާމުކޮށްލައިފައި ތެދުވެ ފަތިސްވަންދެން ފަރުބަދަތަކުގެ ތެރެއިން ދަތުރުކުރަމުން ގެންދިޔައީމެވެ. އަޅުގަނޑު ނަވުން ފުންމައިލީ މަރާ ނުވަތަ ދިރިހުރުމާ ކުރިމަތިލުމުގެ ޢަޒުމްގައެވެ. އައްސޭރިޔަށް އާދެވުމަށްފަހު އެތައް ދުވަހެއް ވަންދެން އަޅުގަނޑަށް ދަތުރުކުރެވެމުންދިޔައީ ދިރިހުރުމަށްވުރެ މަރާ ކައިރިޔަށެވެ. އަޅުގަނޑު ރަށަކާ ނުވަތަ އަވަށަކާ ދިމާޔަށް މިސްރާބު ޖެހުމުގެ ބަދަލުގައި ޓަކިދެމުން ގެންދިޔައީ މީހުންނާ ވަކިން ހުންނަ ޖިފުޓިތަކުގެ ދޮރުތަކުގައެވެ. އެއީ ދަނޑުވެރީންނާ ގެރިބަކަރި ހުއިހައްޕާ މީހުންގެ ޖިފުޓިތަކެވެ. އެމީހުން ހާލުގައި ޖެހިފައިވާ މީހކަށް ކާއެތިކޮޅެއް ބޯފެންފޮދެއް ދިއްކޮށްލާއިރު މާގިނަ ސުވާލުތަކެއް ނުކުރެއެވެ. އަޅުގަނޑުގެ އުނުގައި އޮތީ ބާފޮތިކޮޅެކެވެ. ގައި ނިވާކޮށްލާނެ ހެދުންގަނޑެއް ދިނީވެސް ޢަރަބިދަނޑުވެރިއެކެވެ. ފުރާތު ކޯރުގެ އައްސޭރީގެ ބިންމޮޅު ހިސާބުގަނޑަށް އާދެވުމުން އަޅުގަނޑަށް ނުރައްކާތެރި ސަރަޙައްދުން ބޭރުވެވިއްޖެއެވެ. ޢަރަބި ޤަބީލާތަކުގެ އަވަށްތަކުން އަޅުގަނޑަށް ހުރިހާ ބޭނުންތަކެއް ފުދޭން ފަށައިފިއެވެ.

حسّان މިހާތަނަށް ގެންދަވައިފައި އޭނާގެ ވާހަކަފުޅު ހުއްޓަވައިލައްވައިފިއެވެ. قبــاد ވިދާޅުވިއެވެ. "ކަލާގެ ގެހުންނަނީ ކޮންތަނަކުތޯއެވެ؟"

"އަޅުގަނޑުގެ ގެ މިތަނާ މާދުރެއް ނޫނެވެ. އަޅުގަނޑުގެ ޢާއިލާއަކީ މަނިކުފާނުގެ ބިމުގައި ދަނޑު ހައްދާ ބައެކެވެ. އަޅުގަނޑުގެ ބައްޕައަކީ عتبـة އެވެ. މިތާނގެ ދެކުނުފަރާތުން މަނިކުފާނުގެ ޖާގީރު ނިމޭ އަވަށަކީ އަޅުގަނޑުމެންގެ އަވަށެވެ."

قبــاد އާއި އޭނާގެ ދަރިކަނބަލުން ސިހިވަޑައިގެން ދިއުމާއެކު އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އަނެއްކާވެސް އެބޭފުޅުންގެ ނަޒަރު ހުއްޓަވައިލެއްވީ حسّان ގެ މޫނުފުޅަށެވެ. ކުޑަކޮށް މަޑުޖައްސަވައިލައްވައިފައި އަނެއްކާވެސް ސުވާލުކުރެއްވީ قبــاد އެވެ. "ކަލާ ތިޔަވަޑައިގަތީ ސީދާ އަޅުގަނޑުގެ ގާތަށްތޯއެވެ؟"

"އާދޭހެވެ! އަޅުގަނޑު އެދެނީ ދެން އަޅުގަނޑު ދިއުމުގެ ހުއްދަ ދެއްވުމެވެ. އަޅުގަނޑަށް އަހެއް ލިބޭގޮތް ވެއްޖެނަމަ ވަރަށް އަވަހަށް އެހިސާބަށް ދެވިދާނެއެވެ. މާދަމާ މަނިކުފާނުގެ އަސްކޮޅު އަނބުރާ ފޮނުވާނަމެވެ."

"ކަލާ ތިޔަހުންނެވީ ވަރަށް ވަރުބަލިފުޅުވެވަޑައިގެންފައެވެ. އިހަށް ފަރިއްކުޅުއްވައިގެން އަވަހާރަފުޅު ލައްޕަވާށެވެ. ފަތިހު ކަލާއަށް އަހެއް އަރުވާނަމެވެ. އަޅުގަނޑު ކަލާގެ ބައްޕާފުޅު ދަންނަމެވެ. އަޅުގަނޑު ބިރުގަންނަނީ ގެއަށް ވަޑައިގެންފައި ކަލާ ..." މިހައިތަނަށް ވިދާޅުވެފައި قبــاد އޭނާގެ ވާހަކަފުޅު ހުއްޓައިލައްވައިފިއެވެ. ދެން އޭނާ ماه بانو އާ ދިމާޔަށް ވިދާޅުވިއެވެ. "ދަރިފުޅާއެވެ! މެހުމާނަށް ފަރީއްކޮޅު ގެނުވާށެވެ!"

ماه بانو ތެދުވެވަޑައިގެން ވަޑައިގެންފިއެވެ. حسّان ކުޑަކޮށް ފިކުރުފުޅު ބޮޑުވާގޮތްވެވަޑައިގަތުމާއެކު ސުވާލުކުރެއްވިއެވެ. "މަނިކުފާނު ތިޔައުޅުއްވީ އަޅުގަނޑުގެ ގެއާބެހޭގޮތުން އެއްޗެއް ވިދާޅުވަންތޯއެވެ؟"

قبــاد ޖަވާބުދެއްވިއެވެ. "އަޅުގަނޑު ދަންނަވަން އުޅުނީ ހަނގުރާމައެއްގައި ބަލިވެފައިވާ ލަޝްކަރެއްގެ ސިފައިންގެ މީހަކު އެނބުރި ގެއަށްދާއިރު ބައެއްފަހަރު އޭނާއަށް އާކަންތައްތަކަކާ ކުރިމަތިލާން ޖެހިދާނެ ވާހަކައެވެ. ކަލާ އަޅުގަނޑު ގާތު ވަޢުދުވެ ވަޑައިގަތުން އެދެމެވެ. ކަލާ އެއްވެސް އެހީފުޅަކަށް ބޭނުންފުޅުވެއްޖެނަމަ ކަލާގެ ރަޙުމަތްތެރިޔާގެ ގޭގެ ދޮރުގައި ޓަކިޖައްސަވަން ފަސްޖެހިވަޑައިނުގަންނަވާށެވެ. މިހާރު ވަރަށް އަނދިރިވެއްޖެއެވެ. ކަލާގެ މޫނުފުޅުމަތިން ހެކިދޭގޮތުގައި ކަލާ ތިޔަ ހުންނެވީ ވަރަށް ވަރުބަލިފުޅު ވެފައެވެ. ކަލާ ހެނދުނުއްސުރެ އެއްޗެއް ފަރީއްކުޅުއްވި ކަމެއްވެސް ނޭނގެއެވެ."

(ނުނިމޭ)