ވިކްޓަރީ ސްޕޯޓްސް ކަލްބު

ވިކްޓަރީ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު އެފްއޭއެމް އިން ދީފި

ވިކްޓަރީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ހާޒިރުނުވާ މައްސަލައާއި ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭ މައްސަލަ އަދި ކްލަބު ލައިސަންސިން މައްސަލައާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކްލަބަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުމުގައި އެ ކްލަބާ ދޭތެރޭ އަމަލުކުރާނެ ގޮތްތަކެއް ވަނީ ނިންމައިފައެވެ. އެގޮތުން ވަކި މުއްދަތެއްގެ ކުރިން ކުޅުންތެރިންނާއި ކޯޗުންގެ މުސާރައިގެ މައްސަލަ ހައްލުކުރުމަށް އެންގުމަށް ނިންމާފައިވެއެވެ.

ވިކްޓަރީގެ ކުޅުންތެރިންނާއި ކޯޗުން ހުށަހަޅާފައިވާ މުސާރަ ނުދޭ މައްސަލައާ ގުޅިގެން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ މިމަހުގެ 15ގެ ކުރިން ދީ ހަލާސްކުރުމަށް އެފްއޭއެމް އިން ވަނީ އެ ކްލަބަށް އަންގައިފައެވެ. އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެގްޒެކެޓިވް ކޮމިޓީއަށް ލިބިދޭ ބާރުގެ ދަށުން ވިކްޓަރީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ޕްރޮވިޝަނަލީ ސަސްޕެންޑްކުރާ ގޮތަށް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ވިކްޓަރީން ކްލަބު ލައިސަންސްގެ ގަވާއިދާ ހިލާފުވެފައިވާތީ މިމަހުގެ 15ގެ ކުރިން ކްލަބު ލައިސަންސްގެ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ވެސް އެކްލަބަށް އެފްއޭއެމް އިން ވަނީ އަންގައިފައެވެ. އެފްއޭއެމް އިން އެކި ފަހަރު މަތިން ވިކްޓަރީއާ ބައްދަލުކޮށް، ކްލަބު ލައިސަންސިންގެ ކަންކަން ފުރިހަމަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވި އަދި އެކަމަށް ފުރުސަތުތަކެއްދީ، އެކަންކަން ފުރިހަމަކުރެވެންދެން އެ ކްލަބަށް ވަގުތީ ޕްރޮވިޝަނަލް ލައިސަންސެއް ދީފައިވާނެ ކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ.

"މިހާރު ދޫކުރެވިފައިވާ 'ކްލަބު ލައިސަސް' ދިނުމުގައި ސެންކްޝަން ކޮށްފައިވާ ނުވަތަ ފުރިހަމަކުރުމަށް އަންގާފައިވާ ކަންތައްތައް ފުރިހަމަވެފައި ނުވުމުގެ ސަބަބުން ކްލަބު ލައިސަންސިންގެ ގަވާއިދާ ހިލާފުވެފައިވާތީ، 15 ނޮވެމްބަރު 2019ގެ ކުރިން ކްލަބު ލައިސަންސިންގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިންމުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި މިކަންކަން ފުރިހަމަނުވެއްޖެ ނަމަ މި މައްސަލަ ކްލަބު ލައިސަންސިން ކޮމިޓީއަށް ހުށަހެޅޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ..،" އެފްއޭއެމް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

ވިކްޓަރީން ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލައިގައި ތަކުރާރުކޮށް ފިޔަވަޅު އެޅުމުން ވެސް އެކަން އިސްލާހުވެފައިނުވާތީ، އެކްލަބަށް ކުޅުންތެރިން ނުގަނެވޭ ގޮތަށް ޓްރާންސްފާ ހުއްޓުވުމަށް އެފްއޭއެމް އިން ވަނީ ނިންމައިފައެވެ. ވިކްޓަރީން މެޗުތަކަށް ހާޒިރުނުވާ މައްސަލައިގައި މީގެ ކުރިން އެފްއޭއެމް އިން ވަނީ ދެ ފަހަރެއްގެ މަތިން އެ ކްލަބަށް ފިޔަވަޅު އަޅައިފައެވެ.