ޚަބަރު

މުސްތަގުބަލު ފެންނަނީ ރަނގަޅަށް، މިދިޔަ އަހަރަށްވުރެ މިއަހަރު ލިބޭ ފައިދާ ރަނގަޅު ވާނެ: ރިޒްވީ

ދެވަނަ ކުއާޓަރުގައި ކުންފުންޏަށް މާލީ ގޮތުން ގެއްލުންވިޔަސް، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ފައިދާ ރަނގަޅުވާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކުންފުންޏަށް ލިބުނު ގެއްލުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޒްވީ ވިދާޅުވީ، ދެވަނަ ކުއާޓަރަކީ ދަތުރުތައް މަދުވެ، ކުންފުންޏަށް އަބަދުވެސް ގެއްލުންވާ މުއްދަތެއް ކަމަށެވެ.

އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް ކުންފުންޏަށް 10 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށާއި އެ ގެއްލުން ވީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށެވެ.

އެއް ސަބަބެއް ކަމަށް ރިޒްވީ ވިދާޅުވީ، ޑޮމެސްޓިކް ޓިކެޓްތަކުގެ އަގު ކުޑަކުރަން ނިންމުމެވެ. އަދި ޓިކެޓް އަގުހެޔޮ ކުރުމަށް ކޭޝް ޑިސްކައުންޓެއްގެ ގޮތުގައި މިއަދާ ހަމައަށް 73 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އަހަރުން ބަލާނަމަ އެ ކުންފުނިން ދޫކޮށްލަން ޖެހުނީ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ކަމަށް ރިޒްވީ ފާހަގަކުރެއްވިއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދާ އެއްގޮތަށް އައިލެންޑް އޭވިއޭޝަނުން ވަނީ ޑޮމެސްޓިކް ޓިކެޓްތަކުގެ އަގު 25-30 ޕަސެންޓަށް ކުޑަކޮށްފައެވެ.

އޭގެ އިތުރުން މިއަހަރުގެ ރޯދަ މަސް ދެވަނަ ކުއާޓަރަށް ވަނުމާއެކު ޖުމްލަކޮށް ދަތުރުކުރާ މީހުންގެ އަދަދު މަދުވުމާއި ޗައިނާ އިން އަންނަ ޓޫރިސްޓުގެ އަދަދު ވެސް ބޮޑުތަން މަދުވުމަކީ ދެވަނަ ކުއާޓަރު ކުންފުންޏަށް ގެއްލުން ލިބުނު ސަބަބެއް ކަމަށް ރިޒްވީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ޓިކެޓްތަކުގެ އަގު ކުޑަކުރުމުން ކުންފުންޏަށް ލިބުނު ފައިދާ މަދުވެ، ދެވަނަ ކުއާޓަރުގައި ކުންފުންޏަށް މާލީ ގޮތުން ފައިދާ ނުލިބުނު ނަަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުންފުނި ހިންގަމުންދަނީ ފައިދާގައެވެ.

"ތާޑް ކުއާޓާ ފައިނޭންސް މި ފައިނަލް ކުރެވުނީ. 2018 ގެ ނުވަ މަހާއި 2019ގެ ނުވަ މަސް ވެސް އަޅުގަނޑުމެން ޕްރޮފިޓޭ. އެއީ އަގުހެޔޮ ކޮށްފައި. އެބައުޅޭ ގާތްގަނޑަކަށް ހަތް ވަރަކަށް މިލިއަން ރުފިޔާގެ ޕްރޮފިޓެއްގަ އަދިވެސް މިއުޅެނީ،" ރިޒްވީ ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ކުރެވޭ އުންމީދު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ކުރިއަށް އޮތް ތިން މަހަކީ ދަތުރުވެރިންގެ ސީޒަން ކަމަށްވެފައި އަދި މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށާއި ކޮޗިންއަށް ދަތުރުތައް ފެށުމެވެ.

އެގޮތުން ކުންފުނި މިހާރު ހިނގަމުންދާ ގޮތުން މިދިޔަ އަހަރަށްވުރެ މިއަހަރު ކުންފުންޏަށް ރަނގަޅު ފައިދާއެއް ލިބޭނެ ކަމަށެވެ.

"މިދިޔަ އަހަރަށްވުރެ ރަނގަޅަށް ނިންމާލެވޭނެހެން ހީވަނީ. އަގުހެޔޮކޮށްފައި.. ކުންފުނީގެ މުސްތަގްބަލް ވަރަށް ރަނގަޅަށް މި ފެންނަނީ،... ކުރިއަށް އޮތް ތްރީ މަންތްސް އަކީ ވަރަށް ޕްރޮމިސިން އަޅުގަނޑުމެންނަށް. މިދާ ގޮތަށްދާނަމަ ރަނގަޅު ޕްރޮފިޓެއްގައި ނިންމާލެވޭނެ. 2018 އާއި 2019 އާ ކޮމްޕެއާ ކުރަންޔާމުން މިއަހަރު އެއަށްވުރެ ރަނގަޅު ޕްރޮފިޓެއްގައި ނިމޭނެ،" ރިޒްވީ ވިދާޅުވިއެވެ.