ސްޕެނިޝް ލަލީގާ

ލަލީގާގައި ވާދަކުރާ ސެލްޓާގެ އޮފިޝަލް ސްޕޮންސަރަކަށް ރާއްޖެ

ސްޕެނިޝް ލަލީގާގެ އޮފިޝަލް ސްޕޮންސަރު އަދި އޮފިޝަލް ޓޫރިސްޓް މަންޒިލަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޑަބްލިޔުޓީއެމްއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެކަމަކީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕޮޒިޝަން ކުރުމާއި ބްރޭންޑް ކުރުމަށް ކުރަން ޖެހޭ އެންމެހާ އުސޫލުތައް ކަނޑައެޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރެއިން ކުރެވިގެން އަންނަ މަސައްކަތެއް ކަމަށެވެ.

"އެ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް ނުވަތަ ޑައިވާސިފައި ކުރަން، ކުރަމުންދާ މަސައްކަތުގެ ތެރެއިން ސްޕޯޓްސް ޓޫރިޒަމްގެ ދާއިރާއަށް ސްޕެއިންގެ ލަލީގާގައި ވާދަކުރަމުންދާ ސެލްޓަ ވީގޯގެ ޖާޒީގައި އަޅުގަނޑުމެންގެ ސަނީ ސައިޑް އޮފް ލައިފް، ވިޒިޓް މޯލްޑިވްސްގެ ލޯގޯ ކުރިއަށްއޮތް ތިން އަހަރު ބޭނުންކުރުމަށް އެ ކްލަބާއެކީގައި އެމްއޯޔޫއެއް ހެދިފައި. އެއަށްފަހު އަޅުގަނޑުމެން މިދަނީ ނޮވެމްބަރު ހަތަރުވަނަ ދުވަހު ބާއްވާ ބައިނަލްއަގުވާމީ ނޫސް ކޮންފަރެންސެއްގައި އެފަރާތާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަން،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ލަލީގާގައި މިފެށޭ މަހުގެ ނުވަވަނަ ދުވަހު ބާސާއާ ދެކޮޅަށް ކުޅޭ މެޗުގައި ސެލްޓާ ވީގޯ އިން ބޭނުންކުރާނީ ވިޒިޓް މޯލްޑިވްސްގެ ލޯގޯ ޖަހާފައިވާ ޖާޒީ ކަމަށާއި އެ މެޗުން ފެށިގެން އެ ކްލަބުގެ ހުރިހާ ޖާޒީއަކުން ވެސް އެ ލޯގޯ ފެނިގެންދާނެ ކަމަށެވެ. އެ މެޗަކީ ބާސާގެ ދަނޑު، "ކޭމްޕް ނޯ"ގައި ކުޅޭ މެޗެކެވެ.

"އެހެންވީމާ އެ މެޗުން ފެށިގެން އެކްލަބުގެ ހުރިހާ ޖާޒީތަކެއްގައި ބޭނުންކުރެވޭނެ. އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން މި އެއްބަސްވުމުގެ ދަށުން ސެލްޓާ ވީގޯގެ އޮފިޝަލް ސްޕޮންސަރު އަދި އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަންގެ މަގާމުގެ އިތުރުން ކުޅުންތެރިންގެ އޮފިޝަލް މެޗު ޖާޒީގައާއި ޓްރޭނިން ޖާޒީގައާއި ސްޓާފުންނާއި ޓްރޭނިން ސްޓާފުންގެ ޔުނީފޯމުގައާއި ވިޓިޒް މޯލްޑިވްސްގެ ލޯގޯ ބޭނުންކުރަމުންދާނެ. އަދި ވިއްކަން ބެހެއްޓިފައި ހުންނަ ޖާޒީތަކުގައާއި ކްލަބު ދަތުރުކުރަން ބޭނުންކުރާ ބަހުގައި ވެސް ދިވެހިރާއްޖޭގެ ލޯގޯ ބެހެއްޓިފައިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ސެލްޓާ ވީގޯގެ ސްޓޭޑިއަމްގައި ކުޅޭ މެޗުތަކުގައި ޕެރިމީޓާ ލެޑް ސްކްރީނުގައި ރާއްޖޭގެ ވީޑިއޯ ވެސް ދައްކާނެ ކަމަށާއި އެކްލަބުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެކްލަބުގެ ކުޅުންތެރިން ރާއްޖެ އިސްތިހާރުކުރުމަށް ވެސް ބޭނުންކުރަމުންދާނެ ކަމަށެވެ. އަދި ޓެކްސްއާއި ވީއޭޓީ ހިމަނައިގެން ރާއްޖެއިން އެކަމަށް ހަރަދުކުރަން ޖެހޭނީ 996،000 ޑޮލަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެއީ 15.3 މިލިއަން ރުފިޔާއެވެ.

ސްޕެނިޝް ލަލީގާގެ ތާވަލުގައި މިވަގުތު ސެލްޓާ އޮތީ ރެލިގޭޝަން ޒޯނުގައެވެ. ކުޅުނު 11 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު އޮތީ ލަލީގާ ތާވަލުގެ 18 ވަނައިގައެވެ. ސެލްޓާ ދެ މެޗުން މޮޅުވެފައިވާ އިރު، ހަ މެޗުން ވަނީ ބަލިވެފައެވެ. އަދި ތިން މެޗުން ވަނީ އެއްވަރުވެފައެވެ. ސެލްޓާ އިން 2011 އަށްފަހު ލަލީގާ އިން އަދި ރެލިގޭތްވެފައެއް ނުވެއެވެ.