ވޮލީބޯޅަ އެސޯސިއޭޝަން

މިއީ ސްޕޯޓްސް ކޮމިޝަނަރު ހިންގި ބޮޑު ބަޣާވާތެއް، ކޮންގްރެސް ސައްހައެއް ނޫން: ލަތީފް

9

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްކަމުން މުހައްމަދު ލަތީފު ވަކިކުރުމަށް ބޭއްވި ކޮންގްރެސްއަކީ ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމް (ހީނާ ސަލީމް) ހިންގި ބޮޑު ބަޣާވާތެއް ކަމަށާއި އެކަމުގައި އޮލިމްޕިކް ކޮމިޓީގެ ބައެއް މެމްބަރުން ވެސް ބައިވެރިވެފައިވާ ކަމަށް ލަތީފު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި މިއަދު ހެނދުނު ބޭއްވި ވީއޭއެމްގެ ކޮންގްރެސްގައި އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި، އެ އެސޯސިއޭޝަނުގެ ރައީސްކަމުން ލަތީފު ވަކިކޮށްފައިވެއެވެ. ނަމަވެސް އެ ކޮންގްރެސްއަކީ ވީއޭއެމްގެ ހިންގާ ކޮމިޓީ ޕެރަލައިޒްކޮށްލާފައި، މަގާމުތައް ބޭނުންވާ މީހުންނާއެކު ބޭއްވި ކޮންގްރެސްއެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

ކޮންގްރެސް ބޭއްވީ ހިންގާ ކޮމިޓީގެ ދެ މެމްބަރުންނާއެކު، މިއީ ބޮޑު ބަޣާވާތެއް!

"ވަން"އަށް ދެއްވި އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ އެ ކޮންގްރެސްގައި ބައިވެރިވި ހިންގާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ބީޗް ވޮލީބޯލް ޑިޕާޓްމަންޓުގެ ޗެއާމަން އަބްދުﷲ ނަޝީދަކީ އިއްޔެ އެ މަގާމުން ވަކިކޮށްފައިވާ މީހެއް ކަމަށާއި އެހެންކަމުން އެ ކޮންގްރެސްގައި ހިންގާ ކޮމިޓީގެ މެމްބަރުންގެ ކޯރަމް ހަމަނުވާ ކަމަށެވެ.

ވީއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ވީއޭއެމްގެ ކޮންގްރެސްއެއް ބޭއްވޭނީ އެންމެ މަދުވެގެން ހިންގާ ކޮމިޓީގެ ތިން މެމްބަރުންނާއެކުއެވެ. ނަޝީދާއެކު އެ ކޮންގްރެސްގައި ބައިވެރިވީ ނައިބު ރައީސް އަލީ ފަޒާދާއި ކޯޗާސް ކޮމިޝަންގެ ޗެއާމަން މުހައްމަދު ސާޖިދު (ކާއްޓޭ)އެވެ.

ލަތީފް ވަނީ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ނަޝީދު ވަކިކުރި ކަމަށް އެންގި ސިޓީގެ ކޮޕީއެއް ވެސް "ވަން"އާ ހިއްސާކޮށްދެއްވައިފައެވެ. މަގާމުން ވަކިކުރުމަށް ނަޝީދަށް ފޮނުއްވި ސިޓީގައި ލަތީފް ވިދާޅުވީ ބީޗް ވޮލީބޯލް ޑިޕާޓްމަންޓް ކޮމިޝަންގެ ރައީސްގެ ޒިންމާ އެކަށީގެންވާ ރަނގަޅު ގޮތެއްގައި އަދާނުކުރާ ކަމަށް ވީއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރުން ތަކުރާރުކޮށް ދަންނަވަމުންދާތީއާއެކު އެކަން ބެލިބެލުމުން ނަޝީދަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ކަމަށް ނުފެންނާތި، އެސޯސިއޭޝަންގެ ހިންގާ ގަވާއިދުން ވީއޭއެމްގެ ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުން މަގާމުން ވަކިކުރާ ކަމަށެވެ. އެ ސިޓީގެ ކޮޕީއެއް ލަތީފް ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީއަށް ވެސް ފޮނުއްވައިފައެވެ.

"މިއީ ޣައިރު ގާނޫނީ ކޮންގްރެސްއެއް. ހިންގާ ކޮމިޓީ ޕެރަލައިޒްކޮށްލާފައި އެމީހުން ބޭނުންވާ ބަޔަކު، ބޭނުންވާ ކްލަބެއް ލައިގެން ބޭއްވި ކޮންގްރެސްއެއް މިއީ. ނަޝީދު މަގާމުން ވަކިކުރުމުން ކޮންގްރެސްގައި ބައިވެރިވީ ހިންގާ ކޮމިޓީގެ ދެ މެމްބަރުން. އެހެންވީމާ އެ ކޮންގްރެސް ބަލައެއް ނުގަނެވޭ. މިއީ މަގާމު ބޭނުންވާ މީހުން ލައިގެން، ސްޕޯޓްސް ކޮމިޝަނަރު ހިންގި ބޮޑު ބަޣާވާތެއް،" އޭނާ ވިދާޅުވިއެވެ.

އެފްއައިވީބީން މި ކޮންގްރެސް ބަލައެއް ނުގަންނާނެ!

ލަތީފް ވިދާޅުވީ ސިޔާސީ ފަރާތްތަކާއި އޮލިމްޕިކް ކޮމިޓީގެ ބައެއް މެމްބަރުން ވެސް ބަޣާވާތުގައި ބައިވެރިވެފައިވާ ކަމަށާއި އޮލިމްޕިކް ކޮމިޓީން ވީއޭއެމްގެ މައްސަލަތައް ހައްލުކުރަން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި މިއީ ދިވެހި ކުޅިވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އަދި މި ކޮންގްރެސް އެފްއައިވީބީން ބަލައިނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންގްރެސް އޮބްޒާވްކޮށްފައި، އޮލިމްޕިކް ކޮމިޓީން ރިޕޯޓު ފޮނުވުމަށް އެފްއައިވީބީން އެންގި. އޮލިމްޕިކް ކޮމިޓީގެ އެ ރިޕޯޓު ސައްހައެއް ނުވާނެ. އެއީ ސައްހަ ރިޕޯޓަކަށް ނުވާނެތީ، އެފްއައިވީބީން އެ ރިޕޯޓު ބަލައެއް ނުގަންނާނެ. ހިންގާ ކޮމިޓީއެއް ނެތިއެއް ކޮންގްރެސްއެއް ނުބޭއްވޭނެ. ކޮންގްރެސްއެއް ބާއްވާ ނަމަ، ހިންގާ ކޮމިޓީއަށް އެކަން އެނގެން ޖެހޭނެ. އަޅުގަނޑު އަދި ވީއޭއެމްގެ ސީނިއާ ނައިބު ރައީސަށް ވެސް އެކަމެއް ނޭނގޭ. ކޮންގްރެސްއެއް ބޭއްވުމަށް ނިންމަން ޖެހޭނީ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން. ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ކޯރަމަކީ ހަ މެމްބަރުން. ދެން ތިބި މެމްބަރުންނަކަށް ވެސް ކޮންގްރެސްއެއް ބާއްވަން އުޅޭ ކަމެއް ނޭނގޭ،" އޭނާ ބުންޏެވެ.

ކޮންގްރެސްގައި ބައިވެރިވީ ފުރިހަމަ މެމްބަރު ކްލަބުތަކުގެ ތެރެއިން އެންމެ ކްލަބެއް!

ލަތީފް ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވި ކްލަބުތަކުގެ ތެރެއިން ފުރިހަމަ މެމްބަރު ކްލަބަކީ ހަމައެކަނި ޕޮލިސް ކްލަބު ކަމަށާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަކީ އެސޯސިއޭޓް މެމްބަރެއް ކަމަށެވެ. އަދި ދެން ކޮންގްރެސްގައި ބައިވެރިވި ކްލަބުތަކަކީ ވީއޭއެމްގެ މެމްބަރު ކްލަބުތައް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންގްރެސްގައި ބައިވެރިވި ކްލަބުތަކުގެ ތެރެއިން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ގުޑީސް އަކީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިނުވާ ދެ ކްލަބު. އަޅުގަނޑުމެން މިއަހަރުގެ 30 މެއިގެ ނިޔަލަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރަން ހުޅުވާލި އިރު، އެ ދެ ކްލަބުން ރަޖިސްޓަރީކޮށްފައެއް ނުވޭ. އެ ތާރީހުގެ ކުރިން ރަޖިސްޓަރީ ނުކުރާ ކްލަބުތައް އެސޯސިއޭޝަންގެ ދަފުތަރުން އުނިކުރެވޭނެ ކަމަށް ވެސް އެންގިން. ދަފުތަރު ފައިނަލް ކުރި އިރު، އެ ދެ ޓީމެއް ނުހިމެނޭ. އެހެންކަމުން އަސާސީ ގަވާއިދުގައި ބުނާ ފުރިހަމަ ކްލަބުތަކުގެ 33 ޕަސެންޓް ބައިވެރިނުވާތީ ކޯރަމް ހަމައެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ކޮންގްރެސްގައި ވީއޭއެމްގެ ރައީސްކަމުގެ މަގާމު ހުސްވުމާ ގުޅިގެން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދު ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބޭއްވުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް ނެގުމަށް ވެސް ހުށަހެޅުމެއް ހުށަހަޅައި ފާސްކޮށްފައިވެއެވެ. ޑީއެސްސީން ހުށަހެޅީ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ފަޒާދާއި ކާއްޓޭ އަދި ނަޝީދު އެ ކޮމިޓީގައި ހިމެނުމަށެވެ. އެ ހުށަހެޅުން ވަނީ އިއްތިފާގުން ފާސްވެފައެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އުވާލި ކަމެއް ވެސް ނާންގާ!

ވީއޭއެމްގެ ރައީސްކަމުން ލަތީފް ވަކިކޮށްފައި މިވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމާއި ލަތީފާ ދެމެދު މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. އެ މައްސަލަތައް ފެށިގެންދިޔައީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީ އަތުން ހިންގާ ކޮމިޓީގެ ބާރުތައް ނަގައި، އެ ބާރުތައް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމުންނެވެ.

ލަތީފް ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީ އުވާލައި އިންތިހާބީ ހިންގާ ކޮމިޓީއަށް އަލުން ބާރުތައް ދިންކަން އަންގާފައި ނުވާ ކަމަށާއި ހިންގާ ކޮމިޓީގެ ބާރުތައް ނެގިކަން އެންގި ގޮތަށް ބާރުތައް އަލުން ދިންކަން ވެސް އަންގަން ޖެހޭނެ ކަމަށެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އެ ނިންމުން ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން ބަލައިގަނެފައެއް ނުވެއެވެ. އެފްއައިވީބީން ބަލައިގަންނާނީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީ ކަމަށް ބުނެ، އެސޯސިއޭޝަން އަލުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް އެ ފެޑެރޭޝަނުން އެންގި ނަމަވެސް، އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ކުރިމަތިކުރުވި ސުވާލުތަކަކަށް ޖަވާބުދެމުން ވެސް އެފްއައިވީބީން ބުނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށެވެ. އަދި އެ ކޮމިޓީން ބާއްވާ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ވެސް އެފްއައިވީބީން ރިޔާޒަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

އޭގެ ފަހުން އަންނަ މަހު ފަށަން ހަމަޖައްސާފައިވާ، އޭޝިއަން ސެންޓްރަލް ސީނިއާ ވިމެންސް ވޮލީ ޗެމްޕިއަންޝިޕްއާ ގުޅޭގޮތުން ހިންގާ މުއާމަލާތްތައް ވީއޭއެމްގެ އިންތިހާބީ ރައީސް، މުހައްމަދު ލަތީފާ ކުރުމަށް އޭޝިއަން ވޮލީބޯލް ފެޑެރޭޝަން (އޭވީސީ) އިން ބަންގްލަދޭޝްގެ ވޮލީބޯލް ފެޑެރޭޝަނަށް ވެސް އަންގާފައިވެއެވެ.