ޚަބަރު

އައިއޭއެސްއަށް ބޮޑު ގެއްލުމެއް، ދެވަނަ ކުއާޓަރުގައި މުވައްޒަފުންގެ މުސާރައަށް އެކަނިވެސް 100 މިލިއަން ރުފިޔާ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އަށް މިއަހަރު މާލީ ގޮތުން ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހުނުއިރު، ދެވަނަ ކުއާޓަރުގައި ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ''ވަން'' އިންކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ، މިއަހަރު އެކުންފުނީގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ގެއްލުމަށްވުރެ ދެވަނަ ކުއާޓަރުގައި ލިބުނު ގެއްލުން ބޮޑު ކަމަށެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި 10 މިލިއަން ރުފިޔާގެ ގެއްލުންވެ، އާމްދަނީ ވަނީ 83 މިލިއަން ރުފިޔާ ދަށްވެފައެވެ. އެއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 15 ޕަސަންޓުގެ ދަށްވުމެވެ.

މީގެ އިތުރުން ދެވަނަ ކުއާޓަރުގެ ހަރަދުތައް 12 ޕަސެންޓު މައްޗަށް ގޮސްފައިވާއިރު، ކާގޯ ހޭންޑްލިން އިން ލިބުނު އާމްދަނީ ވެސް 12 ޕަސެންޓް ވަނީ ދަށްވެފައެވެ.

ރިޒުވީ ވިދާޅުވި ގޮތުގައި، ދެވަނަ ކުއާޓަރުގައި އެންމެ ބޮޑަށް ދަށްވީ އެތެރޭގެ އުދުހުންތަކުން ލިބުނު އާމްދަނީއެވެ. ދެވަނަ ކުއާޓަރުގައި އެތެރޭގެ އުދުހުންތަކުގެ އާމްދަނީ 25 ޕަސެންޓް ވަނީ ދަށްވެފައެވެ.

އޭގެ އިތުރުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުނީގެ ކޭޝް ފްލޯ މެނޭޖް ނުކުރެވި، ކޮންމެ ދުވަހެއްގެ ހަރަދުތައް ހަމަޖައްސަން ބޮޑެތި ދަތިތަކާ ކުރިމަތިވިކަން ފާހަގަކުރައްވައި، ހަރަދުތައް މެނޭޖުކުރަން އެހެން ގޮތް ގޮތުން ފައިސާ ހޯދަން ޖެހުނުއިރު ދަރަނި 442 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޒުވީ ވިދާޅުވި ގޮތުގައި، ދެވަނަ ކުއާޓަރުގައި އެންމެ ބޮޑު ހޭދައެއް ކުރީ މުވައްޒަފުންގެ މުސާރައަށެވެ.

އެގޮތުން ފުރަތަމަ ކުއާޓަރުގައި މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަށް 91،599،595 ރުފިޔާ ހަރަދުކުރިއިރު، ދެވަނަ ކުއާޓަރުގައި މުވައްޒަފުންގެ މުސާރައަށް 100،286،012 ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު ނުވަ ޕަސެންޓްގެ އިތުރުވުމެކެވެ. އަދި އެއާއެކު ދެވަނަ ކުއާޓަރުގައި ކުންފުނީގެ ޖުމުލަ ހަރަދަށް 142،026،196 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރިޒުވީ ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން އެކުންފުންޏަށް ލިބެންވާ 500 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އަދި ދެވަނަ ކުއާޓަރާ ހަމައަށް އެކުންފުނިން ޑޮމެސްޓިކް އެލަވަންސްގެ ގޮތުގައި ރައްޔިތުންނަށް ޑިސްކައުންޓްގެ ގޮތުގައި ޖުމްލަ 73 މިލިއަން ރުފިޔާ ދީފައިވާކަން ފާހަގަކުރެއްވިއެވެ.

މިކަންކަމުގެ އިތުރަށް ދެވަނަ ކުއާޓަރުގައި ކުންފުންޏަށް ގެއްލުންވީ އަލަށް ކޯލް ސެންޓަރެއް ހަދައި އެތަނުގައި 24 ގަޑިއިރު ޑިއުޓީ ކުރަން ޖެހުމާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެހެން އިމާރާތަކަށް ބަދަލުވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮންމެ އަހަރެއްގެ ރޯދަ މަހު އެ ކުންފުންޏަށް ލިބޭ އާމްދަނީ ދަށްވާކަން ފާހަގަކޮށް ރިޒުވީ ވިދާޅުވީ، އެކަން އެގޮތަށް ހިނގަމުންދާތާ މިހާރު 12 އަހަރު ވެއްޖެ ކަމަށެވެ.