ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރަޙައްދުގެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ތަސައްވުރެއް: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ތަސައްވުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބަނޑޮސް މޯލްޑިވްސްގައި ފެށި ކެޕިޓަލް މާކެޓް ފޯރަމް ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިން އާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓްގެ ވަސީލަތްތައް ބޭނުންކޮށްގެންކަމަށެވެ.

ސަރުކާރުގެ އިސްނެގުމާއެކު، އިސްލާމިކް ޓޫރިޒަމް ރާއްޖޭގައި ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަކަމަށާއި އެ މަޝްރޫއާއި އަދި މި ފަދަ އެހެން މަޝްރޫއުތަކަށް ބޭނުންވާ ފައިސާ، އާންމުންގެ ބައިވެރިވުމާއެކު، އިސްލާމިކް ކެޕިޓަލް މާކެޓުގެ ތެރެއިން ހަމަޖެއްސުމަކީ، މި ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''ރާއްޖެއަކީ މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސިންގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ ތަސައްވުރެއް. އެހެންކަމުން، ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިން އާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓުގެ ވަސީލަތްތައް ބޭނުންކޮށްގެން.'' ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ވިޔަފާރިތައް ފެށުމަށާއި، ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ، އިތުރު ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މާކެޓު ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން ނިޒާމު އޮތްކަމުގައި ވީނަމަވެސް ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ލިބެން ނެތްކަމަށެވެ.

އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަންކުރާ އުސޫލަށް ބަލާއިރު ރާއްޖޭގައިވެސް މި މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކެޕިޓަލް މާކެޓްކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ފަށާފައިވާ ސްކީމްތައް، ކެޕިޓަލް މާކެޓު ނިޒާމުގެ ތެރެއިން ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ފުޅާކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ މިހާރުގެ ހާލަތަށް ބަލާއިރު، ކެޕިޓަލް މާކެޓް ތަރައްގީކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިގުތިސޯދު މިހާރަށް ވުރެ މަތީ ހަރުފަތަކަށް ގެންދިޔުމުގައިވެސް ވަރަށް ބޭނުންތެރި ކަމެއްކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކަށްވެސް، މާލީ ނިޒާމު ތައްޔާރުވެފައި އޮތުމަކީ، މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ވެސް، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާއިރު، ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްގީ ހާސިލުކުރަން ބޭނުންވަނީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަމަށާއި އެކަން ކުރެވޭނީ، ވަގުތީ ހައްލުތައް ލިބިދޭ ކުރު ރާސްތާގެ ރޭވުންތަކުގެ ބަދަލުގައި، ދާއިމީ ހައްލަށް އަމާޒުކުރެވޭ ދުރު ރާސްތާގެ ރޭވުންތަކަށް އިސްކަން ދީގެންކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެއަކީ ފަސްގަނޑު ތިރިވެފައި، ތިމާވެށީގެ ގޮތުން ވަރަށް ނާޒުކު ހާލަތެއްގައި އޮތް ގައުމެއް ކަމަށެވެ. އެހެންކަމުން، ރާއްޖެ ތަރައްގީގެ ރޮނގުން އެންމެ ފިޔަވަޅެއްވެސް އަޅަން ޖެހޭނީ، ދެމެހެއްޓެނިވި ގޮތަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކޮށްފައިވާ އަށް ކުންފުންޏަކަށް ދެއްވާ ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ފެށި މި ފޯރަމަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމެވެ. ކެޕިޓަލް މާކެޓް ފޯރަމެއް ބޭއްވުމުގެ އެންމެ މުހިންމު މަގުސަދަކީ ރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ފައިސާ، ކެޕިޓަލް މާކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމެވެ.

މި ފޯރަމުގައި ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ކެޕިޓަލް މާކެޓްގައި ޝާމިލުވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ދާއިރާއާއި ގުޅުންހުރި ރާއްޖެއިން ބޭރުގެ މާހިރެއްގެ މަޝްވަރާތަކާއި ހުށަހެޅުންތައް މި ފޯރުމުގައި ކުރިޔަށްދާނެއެވެ.