ބޮލީވުޑް

ގަންގޫބާއީ ކާތިއަވާދީގައި އާލިޔާ އާއެކު ރިތިކް

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ގަންގޫބައި ކާތިއަވާދީގެ ލީޑު ރޯލަށް އާލިޔާ ބަޓް ހަމަޖައްސައި މީގެ ކުރިން ވަނީ އިއުލާންވެސް ކޮށްފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގައި ޑޮންގެ ރޯލު ކަމަށްވާ ހާޖީ މަސްތަންގެ ބައި ކުޅުމަށް ބަތަލު ރިތިކް ރޯޝަން އަށް ވަނީ ހުށަހަޅައިފައެވެ. ރަސްމީކޮށް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް ގިނަ ނޫސްތަކުގައި ބުނާ ގޮތުން ރިތިކް ވަނީ މި ފިލްމު ކުޅުމަށް އެއްބަސްވެފައެވެ.

ފިލްމު ގަންގޫބައިގެ ޝޫޓިން ޑިސެމްބަރުގައި ފަށާނެ ކަމަށްވެއެވެ.

ސަންޖޭ ވަނީ އެހެން ފިލްމެއްވެސް އިއުލާންކޮށްފައެވެ. "ބައިޖޫ ބައުރާ" ގެ ނަން ދީފައިވާ މި ފިލްމަކީ ބަދަލު ހިފުމުގެ ވާހަކައަކަށް ހަދާ ފިލްމެކެވެ. ހަބަރުތައް ބުނާ ގޮތުގައި ބައިޖޫ ބައުރާގައި ލީޑް ރޯލުން ފެނިގެންދާނީ ރަންވީރު ސިންގާއި ޕްރިޔަންކާ ޗޯޕްރާއެވެ. ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ 2021 ދިވާލީގައެވެ.