ފުރާނަދަންދެން

ފުރާނަދަންދެން - 48

3

"ދިޔުމުގެ ކުރިން އެންމެފަހަރަކު ހަތަރުކަޅި ހަމަކޮށް އަހަރެންގެ ދެލޮލަށް ބަލައިލަބަލަ" ނާހިދް ބުނެލިއެވެ. އަޒްކާ މަޑުމަޑުން އޭނާގެ އެސްފިޔަތައް އުފުލައިލަމުން ނާހިދުގެ ދެލޮލަށް ބަލައިލިއެވެ.

"ކޯޗެއް ފެންނަނީ؟" ނާހިދް ބުނެލިއެވެ. އެއްޗެއް ބުނަން އަޒްކާގެ ދެ ތުންފަތް ހުޅުވާލިއެވެ. ކުޑަކުޑަކޮށް ދެތުންފަތް ތަޅުވާލާފައިވެސް އޭނާގެ ދޫ ޚިޔާރުކުރީ ހިމޭންކަމެވެ. ނާހިދް މަޑުމަޑުން އަޒްކާގެ އަތްތިލައިގައި ހިފާ ގެނެސް އޭނާގެ ހިތާ ދިމާލުން މޭގައި ޖައްސާލިއެވެ.

"އެބަ އިހުސާސްވޭތަ؟ މި ހިތް އެތެޅެނީ ހަމައެކަނި އަޒްއަށްޓަކައި؟ ހައު ކެން އައި ސްޓޮފް؟" ނާހިދް ބުނެލިއެވެ.

މިއަދުވެސް އެހެން މާނައެއްގައި ނާހިދް އަޒްކާދެކެ ލޯބިވާކަން ހާމަކޮށްފިއެވެ. ކުއްލިއަކަށް އަޒްކާ އަތް ދަމައިގަތެވެ. އޭނާ ޖެހޭނީ ނާހިދް ހުއްޓުވާށެވެ.

"ސޮރީ... އައިމް ސޮރީ... އަހަރެންނަށް އެއްވެސް ކަމެއް ކޮށެއްނުދެވޭނެ" އަޒްކާ ދޮރާއި ދިމާލަށް ދުއްވައިގަތެވެ. މިފަހަރު ނާހިދް އަޒްކާ ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ކޮޓަރިން ނިކުތުމުގެ ކުރިން އަޒްކާ ފަސްއެނބުރި ނާހިދަށް ބަލައިލިއެވެ. ނާހިދްގެ ދެލޮލުން އޭނާއަށް ކަރުނަ ފެނިއްޖެއެވެ. އެހިނދު ނާހިދް އޭނާގެ މޭގައި ދެއަތުން ހުރަސްކޮށް ކޮށްލި ހަރަކާތަކާއެކު އަޒްކާދެކެ ވާ ލޯބި ހާމަކޮށްލިއެވެ. އަޒްކާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނާ ގޮތްހުސްވެފައިވާ މީހެއް ފަދައިން ކޮޓަރީ ދޮރުލައްޕާލިއިރު ހިތް ރޮމުންދިޔައެވެ.

އޮފީހުގައި އިނދެފައި ބުރުހާނުއްދީން ބޭރަށް ނިކުމެލީ މާބޮޑަށް ދިރިއުޅުމާމެދު ފިކުރު ކުރެވެން ފެށުމުންނެވެ. މާބޮޑަށް އޭނާއަށް އެކަނިވެރިކަން އިހުސާސްވާން ފެށުމުންނެވެ. އޭނާގެ ހަޔާތަށް ބައިވެރިއެއް ބޭނުންވެފައިވާކަން މިހާރު އޭނާއަށް ގަބޫލުކުރެވިއްޖެއެވެ. މެންދުރުފަހުގެ އެ ވަގުތުގައި އޭނާ ސައިކަލުގައި ދުއްވާފައި ދިޔައިރު ދިރިއުޅުމުގައި ދެން ނަގަންޖެހޭ ފިޔަވަޅުތަކާމެދު ވިސްނަމުން ދިޔައެވެ. އޭނާގެ ނަޒަރު ކުއްލިއަކަށް ގޮސް ހުއްޓުނީ ބޭސް ފިހާރައަކަށް ވަން ނާހިދް ފެނިފައެވެ. އޭނާގެ ހިތް އުފަލުން ފުރުނެވެ. އަމިއްލަ ދަރިފުޅު އެފެނުނީ ހާދަ ދުވަހެއް ފަހުންނެވެ. ބަފާވަންތަކަމުގެ އިހުސާސު އޭނާގެ ހިތް ފުރި ބަންޑުންވި ކަހަލައެވެ. އެދަރިފުޅަށް ހަގީގަތް އަންގަންވީ ވަގުތު ޖެހުނީކަން އޭނާއަށް އެނގިއްޖެއެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއިރު ދެލޮލަށް އުފާވެރިކަމުގެ ސިފައިގައި ކަރުނަތައް ޖަމާވިއެވެ. ސައިކަލުގައި މަޑުކޮށްލައިގެން އޭނާ އިނީ ބޭސްފިހާރަ ކުރިމަތީގައެވެ.

ނާހިދް ބޭސްފިހާރައިން ނިކުތްއިރު ބުރުހާނުއްދީން އިނީ ބަލަހައްޓައިގެންނެވެ. ނާހިދްގެ ނަޒަރު އެއްފަހަރު ބުރުހާނުއްދީނަށް ހުއްޓުނެވެ. އެ މޫނަކީ އޭނާއަށް ބީރައްޓެހި މޫނަކަށް ނުވާތީ އޭނާ އެއްފަހަރު ހީލިއެވެ. ސައިކަލާ ދިމާލަށް ދަނިކޮށް ދެވަނަ ނަޒަރު ހުއްޓުނީ ފަހަތުން އޭނާއަށް ސަލާން ގޮވާލުމުންނެވެ. އޭނާ ހުއްޓި ފަހަތް ބަލައިލިއިރު ސައިކަލުން ފައިބައިގެން ބުރުހާނުއްދީން ހުރީ އޭނާއާ ދާދި ކައިރީގައެވެ.

"އައްސަލާމް އައަލައިކުމް" ބުރުހާނުއްދީން އިސްވެ ސަލާމް ގޮވިއެވެ. ނާހިދް އިރުކޮޅަކު ބަލަހައްޓައިގެން ހުރިއިރު އެއި ކާކުކަން އޭނާގެ ހަނދާނަށް އަތުވެއްޖެއެވެ.

"ވަޢަލައިކުމުއްސަލާމް" ނާހިދް ސަލާމް ގަބޫލުކޮށް އަތާއަތް ޖޯޑުކުރީ ސަލާމް ގޮވުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދެންޖެހޭ ޙައްގަކަށް ވާތީއެވެ.

"އެދުވަހު ކުރެވެން އުޅުނީ ވަރަށް ހަޑިކަމެއް. އެކަމަށްޓަކައި ނިހާޔަތަށް މަޢާފަށްއެދެން" ނާހިދް ބަލައިލުމާއެކު ބުރުހާނުއްދީން ބުނެލިއެވެ. އޭނާ ވަރަށް ފުން ނަޒަރަކުން ބުރުހާނުއްދީންގެ މޫނަށް ބަލައިލިއެވެ.

"ހަނދާންވެއްޖެ. އެކަމަށްޓަކައި އަޅުގަނޑު ބޭބެއަށް މަޢާފްކޮށްފިން" ނާހިދް ބުނެލިއެވެ.

ބުރުހާނުއްދީންގެ ހިތުގައި އިންތިހާއަށް ރިއްސާލިއެވެ. އޭނާގެ އުފަން ދަރި، އެދަރިފުޅަށްޓަކައި މިހާރު އޭނާއަށް އެތައް އުންމީދެއްކުރެވޭ ދަރިފުޅު އޭނާއަށް މުހާތަބް އެކުރީ ބޭބެގެ ނަމުންނެވެ.

"ވާހަކައެއް ދައްކާލަން މިތާ ކައިރި ތަނަކަށް ދެވިދާނެތޯ. ވަގުތު އޮތިއްޔާ" ބުރުހާނުއްދީން އެދުނެވެ. ނާހިދް އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ބޯޖަހައިލިއެވެ.

އެންމެ ކައިރި ތަނަކަށް ދެބަފައިން ވަނީ މަޖީދީމަގުގައި ހުރި ތަނަކަށެވެ. މޭޒެއް ކައިރީގައި އިށީނުމަށްފަހު ކޮފީއަށް އޯޑަރދިނެވެ. ދެބަފައިން އެކަކު އަނެކަކަށް ބަލައިލީ އެކުއެކީގައެވެ.

"ކޮންވާހަކައެއް ބުނުއްވަންތޯ އުޅުނީ" ނާހިދް ބުނެލިއެވެ.

"އެއީ...އެއީ... އެނގިލައްވާތޯ މާހިލް. ފަހަރަކު ނޭނގިވެސްދާނެ" ބުރުހާނުއްދީން ވާހަކަފެށިއެވެ.

"އިނގޭ... އެކަމު ނޭނގެނީ އަޅުގަނޑު ދަންނަ މާހިލްގެ ވާހަކަކަމެއް ބުނަން ތިއުޅެނީ" ނާހިދް ބުނެލިއެވެ.

"މާހިލް އަކީ އަޅުގަނޑުގެ އުފަން ދަރިއެއްނޫން. އެކަމަކު ބަލާ ބޮޑުކުރީ އުފަން ދަރިއަކުވެސް ބަލާނެހާ ލޯބިން" ބުރުހާނުއްދީން ބުނެލިއެވެ.

"އެހެންތަ! ގޯޑް ބްލެސް ޔޫ... ދެން އަޅުގަނޑު ކައިރީގަ ތިވާހަކަ ބުނުއްވުމުގެ ބޭނުމަކީ ކޮބާތޯ؟" ނާހިދް ހީލަމުން އަހައިލިއެވެ.

"އެއީ ތީ.. ތިއީވެސް އަހަރެންގެ ދަރިއެއް. އަހަރެންގެ އުފަން ދަރިފުޅު. އިނާޝާ އަހަރެންނަށް ވިހޭ ދަރިފުޅު" ބުރުހާނުއްދީން ހިތްވަރުކޮށްލާފައި ބުނެލިއެވެ. ހިނދުކޮޅަކަށް ނާހިދްގެ ހަރަކާތްތައް ހުއްޓުނެވެ. މޯހަންދާސް އަކީ އޭނާގެ އުފަން ބައްޕަ ނޫންކަން އޭނާއަށް އިނގެއެވެ. މާކުރިން އެދެމަފިރިން ވަނީ އެހަގީގަތް ނާހިދަށް ކިޔައިދީފައެވެ. އޭނާއަށް ނޭނގެނީ އުފަން ބައްޕައަކީ ކާކު ކަމެވެ.

"ތީ ދޯ އަޅުގަނޑުގެ ބައްޕައަކީ...؟" ނާހިދް ބުނެވުނީ އެވަރަށެވެ. ފާޅުނުކުރިޔަސް އޭނާގެ ހިތުގައި ކުރިމަތީގައި އިން ބައްޕައަށްޓަކައި އިހުސާސެއް އުފެދުނެވެ.

"ދަރިފުޅާ...!! ބައްޕައަށް ކަންތައްކުރެވުނީ ރަނގަޅަކަށް ނޫން. ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހެއް. ބައްޕައަށް ކުރެވުނު ކުށްތަކުން ﷲ ތަޢާލާގެ ހަޟްރަތަށް ތައުބާވެސް ވެއްޖައިން. ބައްޕައަށް މަޢާފްކުރޭ... ތި ދެމައިންގެ މަޢާފް ލިބިގެން މެނުވީ މި ބައްޕައަށް ހެޔޮ މަރެއްގައި މަރެއްވެސް ނުވެވޭނެ" ބުރުހާނުއްދީންގެ އަސަރުގަދަ ވާހަކަތަކުން ނާހިދްގެ ހިތަށް އަސަރަކުރިއެވެ. ނަމަވެސް އޭނާ އެހާ ދެރަވެސްވިއެވެ. ޔަގީނުންވެސް ތުއްތުއިރު އޭނާ އެއްލައިލާނީ އެހިތުގައި އޭނާގެ މައްޗަށް އެއްވެސް ގަދަރެއް ލޯތްބެއް ހަމްދަރުދީއެއް ނެތުމުންނެވެ.

"ހެހެހެ... އަޅުގަނޑު ހިތްހެޔޮކޮށްފިން. މަޢާފްވެސްކޮށްފިން. އެކަމަކު މިހާރު އަޅުގަނޑުގެ ބައްޕައެއް އެބަހުރި" ނާހިދް ބުނެލިއެވެ.

"ބައްޕައަށް އިނގޭ. ބައްޕަ ބޭނުންވަނީ ދަރިފުޅު މިބައްޕައާވެސް ގުޅުން ބާއްވަން. އަދި މި ބައްޕަގެ މުދަލުން ދަރިފުޅަށްވީ ހިއްސާ ދަރިފުޅަށްވެސް ދޭން" ބުރުހާނުއްދީން ބުނެލިއެވެ.

"އަޅުގަނޑު ބޭނުމެއްނޫން. އެކަމަކު ތިއީ ބައްޕަކަން އަބަދުވެސް ގަބޫލުކުރާނަން. އެހީވެސްވާނަން. ލޯބިވެސްވާނަން. އަޅުގަނޑަށް މަންމަގެ ގޮތެއް ނޭނގެ. ބައްޕައަށް މަންމައަށް ދިނީ އަނިޔާގެވެސް އިންތިހާ. އަދި އަދަށްވެސް މަންމަ އެބަލިން އަރައިނުގަނޭ. މަންމަގެ ނުކުޅެދުންތެރިކަމެއް ހުރޭ. އެހުރިހާކަމަކާ އެކު މޯހަންބައްޕަ އަޅުގަނޑާ މަންމަ ގަބޫލުކުރީ" ނާހިދް ވާހަކަދެއްކިއެވެ.

"ބައްޕައަށް ތިހުރިހާ ކަމެއް އިނގޭ. ބައްޕަ ހަމައެކަނި ބޭނުމީ މަޢާފް. އެކަމަކު މަޢާފް ހޯދާށޭކިޔާފަ އިނާޝާ ކުރިމައްޗަށް ދާނެ ހިތްވަރެއް ނެތް" ބުރުހާނުއްދީން ބުނެލިއެވެ.

"އަޅުގަނޑު ދެން ދަނީ. ބައްޕަގެ ތި މެސެޖްތައް އަޅުގަނޑު މަންމައަށް ރައްދުކޮށްދޭނަން" ނާހިދް ތެދުވަމުން ބުނެލިއެވެ. ބުރުހާނުއްދީނަށް އެއްޗެއް ނުބުނެވުނެވެ. އޭނާއަށް ރޮވެނީއެވެ.

އެރޭ ކާގަޑި ނިމުމާއެކު ނާހިދް އިނާޝާއާއި މޯހަންދާސް ކައިރީގައި އެވާހަކަ ބުނެލިއެވެ. އިނާޝާ ކަންބޮޑުވިއެވެ. އެތައް އަހަރަކަށްފަހު ނާހިދް އުފަން ބައްޕައާ ބައްދަލުކުރި ވާހަކަ ބުނުމުން އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. ބުރުހާނުއްދީން ނުބައި ރޯލެއް ކުޅެ އޭނާގެ ދަރިއާ ދުރުކުރުވަން އުޅެފާނޭ ހިތަށް އެރުމުން އޭނާއަށް ނާހިދްގެ ޓީޝާޓުގައި ހިފަހައްޓާލެވުނެވެ. ނާހިދް އިނާޝާގެ މޫނަށް ބަލައިލިއިރު އިނާޝާ ބަލަހައްޓައިގެން އިނީ ނާހިދްގެ މޫނަށެވެ. އޭނާގެ ދެލޮލުގައިވާ ކަންބޮޑުވުން ނާހިދަށް ސިއްރެއްނުވިއެވެ.

"މަންމަ ހާސްނުވޭ! އެ ބައްޕަގެ އެކަހަލަ ވިސްނުމެއްނެތް. ވިސްނުމެއް އޮތަސް މަންމަ ދޫކޮށްލާފައި އެއްވެސް ތަނަކަށް އަޅުގަނޑު ނުދާނަން. މިއީ އަޅުގަނޑުވާ ވަޢުދެއް" ނާހިދް އިނާޝާ ހިތްހަމަޖައްސައިދިނެވެ.

"ދެން އޭނަ ދަރިފުޅާ ބައްދަލުވިއްޔާ ބުނޭ މަންމަވެސް ބައްޕަވެސް މަޢާފްކޮށްފީމޭ. ހިތުގަ ބުރަކަމެއްނެތޭ" މޯހަންދާސް ބުނެލިއެވެ. އިނާޝާ ބޯޖަހައިލިއެވެ.

ދުވަސްތަކަށްފަހު ނިރާޝްގެ ކޯލް ނާހިދަށް ލިބުނީ އޭނާ ފިލްމެއް ބަލަން އެނދުގައި އޮށްވައެވެ. ވަގުތަކީ އިޝާނަމާދު ފަހުގެ ވަގުތެކެވެ. ކާންހަދަން ނައިޝީ ތިރިއަށް ފޭބިގޮތަށް ހަބަރެއް ނުވެއެވެ.

ލެޕްޓޮޕް ކުޑަކޮށް ދުރުކޮށް އަޅައިގެން ހުރި ހެޑްފޯން ދުރުކޮށްލަމުން ނާހިދް ފޯނަށް ޖަވާބުދިނެވެ. އޭނާ ދެތިން މިނިޓު ވާހަކަދައްކަން އިނުމަށްފަހު އެނދުން ތެދުވެ ބޭރަށްދާ ކަހަލަ ހެދުމެއް ލިއެވެ. ޑްރެސިންގޓޭބަލް މަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ހިފައިގެން ނިކުންނަމުން ލައިގެން ހުރި ކަޅު ކުލައިގެ ސޯޓުގެ ޖީބަށް ފޯން ކޮށްޕާލިއެވެ.

ނާހިދް ސިޑިން ފައިބައިގެން އައި ވަގުތު އެއީ ނައިޝީ ނާހިދަށް ގޮވަން ދާން އުޅުނު ވަގުތެވެ. ނަމަވެސް ބަދިގެއާ ދިމާލަށް އައި ނާހިދް ފެނުމުން ނައިޝީ ހުއްޓުނެވެ. އޭރު އިނާޝާއާއި މޯހަންދާސް ކާމޭޒު ކައިރީިގައި ތިއްބެވެ.

"ބޭރުން ކާނީ. ފްރެންޑެއް ދިން ދަޢުވަތަކަށް މިދަނީ" ފެންތައްޓެއް ބޯލަމުން ނާހިދް ބުނެލިއެވެ.

"އެކަމަކު ކައިގެންވެސް ދެވިިދާނެ ދޯ. ކޮންމެހެން ފްރެންޑެއް ދިން ދަޢުވަތަކަށް ނޫންކަން އިނގޭ ތިދަނީ" ހިތްހަމަނުޖެހުނީ ފުރިޖު ކައިރީގައި ހުރީ ނައިޝީއެވެ. ނާހިދް ހުއްޓުނެވެ. އޭނާ ނައިޝީގެ މޫނަށް ބަލައިލިއިރު މޫނުމަތިން ހިތްހަމަނުޖެހިފައި ހުރިވަރު ހާމަވާން ހުއްޓެވެ. ނަމަވެސް ލޯބިވާ މައިންބަފައިންނަށް ކުރެވުނު އިހުތިރާމެއްގެ ސަބަބުން އޭނާ ނައިޝީއަށް ރައްދުނުދީ ނިކުމެގެން ދިޔައެވެ.

"ނައިޝީ...! ދެމަފިރިން ދެމެދުގައި ހިތްހަމަނުޖުހުމެއް އޮތްނަމަ އެކަން ޙައްލުކުރަން ވާހަކަދައްކާނީ ކޮޓަރީ ހަތަރުފާރުން އެތެރޭގަ. ފިރިމީހާގެ އަގުވައްޓާލުމުގެ ބޭނުމަގަ ބޭރު ތެރޭގައި އެވާހަކަ ދެއްކުމަކީ ހަޑިކަމެއް" އިނާޝާ ބުނެލިއެވެ. އޭނާ ތެދުވެގެން ހިނގައިގަތްއިރު ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މިހާރަކަށް އައިސް އިނާޝާގެ ހިތުގައި ނައިޝީއަށްޓަކައި ފޫހިކަމެއް ވަނީ އުފެދިފައެވެ.

"އަދިވެސް އަހަރެންދެކެތަ ހިތްހަމަނުޖެހެނީ. ތިމާގެ ދަރި އުޅޭ ހަޑި ވައްތަރެއް ނުފެނޭ ދޯ" މޯހަންދާސް އާ އިނާޝާ ސިޑިން އަރަމުންދިޔަ މަންޒަރު ބަލަން ހުރި ނައިޝީ ބުނެލިއެވެ. އެ އަޑު ކައިރީގައި އުޅުނު މީކާއަށް ވެސް އިވުނެވެ.

"ކަލޭ ކޯޗެއް ތިބަލަނީ ދެލޯ ވަށްކޮށްފައި" މީކާއަށް ދެލޯ އަޅައިލަމުން އެ ރުޅިގަނޑުން ބައެއް ބޭލިއެވެ.

ނާހިދާއި ނިރާޝް ބައްދަލުކުރީ ކެފޭއެއްގެ ކުރިމަތިންނެވެ. ދެ އެކުވެރިން ފެނުމާއެކު އުފާވެރި ހިނިތުންވުމަކާއެކު އެކަކު އަނެކަކާ ސަލާންކޮށް ބައްދައިލިއެވެ. ދެފަރާތުގެ އާއިލާއާ ބެހޭގޮތުން ސުވާލުކޮށް ހާލުއަޙުވާލު އޮޅުންފިލުވިއެވެ.

"އަނެއްކާވެސް ހާދަ ދުވަހެއް ފަހުންނޭ ދޯ މި ދިމާވީ" ކޮފީއަށް އޯޑަރ ދެމުން ނާހިދް ބުނެލިއެވެ.

"ނިންމާފަ މިއައީ. އެއްކޮށް. ދެން އަބަދުވެސް ފެންނާނެ.. ހެހެހެ... މިރޭ މި ސްޓަރޓް ކުރަނީ ނައިޓް ޑިއުޓީ އިން" ނިރާޝް ބުނެލިއެވެ.

"އެހެންތަ! ދެން ކޮން މުހިންމު ވާހަކައެއް ބުނަންތަ ބައްދަލުކޮށްލަން ބުނީ؟ އަނެއްކާ ޑޭޓެއް ފިކްސްވީތަ؟" ސަމާސާކަން އެކުލެވޭ ރާގެއްގައި ނާހިދް ބުނެލިއެވެ.

"ވެދާނެ... އެކަމަކު އަދި މަންޖެ ރުއްސަންޖެހޭނީ. އަދި ގަބޫލުކުރަނީ ހަމައެކަނި ރައްޓިއްސެއްގޮތަށް" ނިރާޝް ބުނެލިއެވެ.

"އަދި ވާނެ. އިންޝާﷲ" ނާހިދް ބުނެލިއެވެ.

"ކިހިނެއްވަނީ ކަންތައްތައް؟ ކިޑެއް ހޯދާކަށް ނޫޅެންތަ؟" ނިރާޝް އަހައިލިއެވެ.

"ގޯހެއްނޫން. ކިޑެއްވެސް ބޭނުން... އެކަމަކު..." ނާހިދްގެ އަޑަށް ބަދަލުއައެވެ.

"އެކަމަކު ކިހިނެއްވީ؟" ނިރާޝް އަހައިލިއެވެ.

"ވައިފް އެހާ ރެޑީއެއްނޫން. ދެން ބުނެބަލަ ނިރާޝްގެ ގާރލްއަށް ކިޔަނީ ކޮންނަމެއްތަ؟" ނާހިދް އަހައިލިއެވެ.

"އަޒްކާ... ވަރަށް ކިޔުޓް ކުއްޖެއް" ނިރާޝް ބުނެލިއެވެ. ނާހިދަށް އައި ބަދަލު ނިރާޝް ދެނެގަތެވެ. ހިނދުކޮޅަކަށް ނާހިދްގެ ބަސްހުއްޓުނެވެ.

"ފޮޓޯއެއް ދައްކަބަ" ކެތްތެރިކަން ކުޑަވެފައި އިން ނާހިދް އަހައިލިއެވެ. ނިރާޝް ފޯނު ހުޅުވާލާފައި ދައްކައިލީ އޭނާ އާ އަޒްކާ އާ އެކީގައި ނަގާފައި އިން ސެލްފީއެކެވެ. ފޮޓޯގައި އަޒްކާ ހީލައިގެން އިންއިރު އޭނާއަށް ލިބިފައިވާ އުފާވެރިކަން އެއްވެސް އިންސާނަކަށް ސިއްރެއްނުވާނެކަން ކަށަވަރެވެ.

ނާހިދްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ އެ ދެލޮލުން ހިތާމައިގެ ފުން ކަނޑެއް ނިރާޝްއަށް ފެނުނު ކަހަލައެވެ. އަޒްކާއަށްޓަކައި ނާހިދްގެ ހިތުގައިވާ ނިމުމެއްނުވާ ލޯބި ނިރާޝްއަށް އިހުސާސްވިއެވެ. އެގޮތަށް ނާހިދް ތަޅުވަން އޭނާ ދެރަވެސްވިއެވެ.

"އެކަމަކު... އަޒް މެރީޑް... ކިޑެއްވެސް...." ނާހިދް ބުނަން އުޅުނެވެ.

"ނާހިދަށް އަޒްކާއާ ބެހޭގޮތުން ކޯޗެއް އިނގެނީ. އަހަރެންނާ އަޒްކާ އާ ނާހިދް ތި ހީކުރާކަހަލަ ގުޅުމެއްނެތް. ހަމަ އެކަނި އެކުވެރިކަން އޮތީ. އަޒްކާ ނާހިދް ދެކެ ވަރަށް ލޯބިވޭ. އޭނާގެ ވާހަކަތަކުން އިނގޭ ނާހިދްވެސް ލޯބިވާކަން. އެކަން އަހަރެންނަށް މިހާރު ކަށަވަރުވެސް ވެއްޖެ. އެކަމަކު ދެރަ ތަންކޮޅަކީ އަޒްކާ އާ ބެހޭގޮތުން އިނގެންޖެހޭ ވަރަށް މުހިންމު ހަގީގަތެއް ނާހިދަށް ނޭނގިފައިވާކަން. އަދި ހޯދަން މަސައްކަތްވެސް ނުކުރާކަން" ނިރާޝް ވާހަކަދެއްކިއެވެ.

"ކޮ...ކޮން ހަގީގަތެއް. މީހަކާ އިނދެގެން ކިޑެއް ހުންނަކަން އިނގޭ. ދެން ކޮންކަމެއް އިނގެންވީ" ނާހިދް އަހައިލިއެވެ.

"އެންމެ ރަނގަޅުވާނީ އޮޅުންފިލުވިއްޔާ... އޭގެފަހުން ގޮތެއް ނިންމިއްޔާ. ބުނަން މިއުޅެނީ އަޒްކާގެ މާޒީގައި ވަރަށް ވޭނުން ފުރިގެންވި ދުވަސްތަކެއް ހިންގައްޖެއޭ. ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރި ނާހިދަށް ކޮންމެހެން އިނގެންޖެހޭ" ނިރާޝް ބުނެލިއެވެ. ނާހިދް ދެއަތް ޖޯޑުކޮށްލާފައި ގެނެސް ނިތުގައި ޖައްސައިލިއެވެ. އޭނާ ވިސްނަންވީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާއަށް ނޭނގޭ ކަންތައްގަނޑެއް އަދިވެސް އުޅެނީ ހެއްޔެވެ؟ ސުވާލުކުރިޔަސް އަޒްކާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭނެއެވެ. ކޮންމެ ހާލެއްގަވެސް އޭނާ އަޒްކާ ހާޞިލްކުރަން ބޭނުންވެއެވެ.

ނާހިދް ގެއަށް އަންނާނެ ވަގުތަކަށް ކޮޓަރި ތެރޭގައި ހުރި ނައިޝީ އިންތިޒާރުކުރަމުން ދިޔައެވެ. އޭނާ ހުރީ މިރޭ ކޮންމެގޮތެއް ހަދާފައިވެސް އެދެމެދުގައި ލެވިފައިވާ ދުރުކަން ކަނޑުވާލުމަށް ތައްޔާރުވެގެންނެވެ. އެހެން ހުރިއިރު އޭނާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ.

"ޔަގީން މިހާރު އޮންނާނީ އެ އަޒްކާ ތަންމަތި ހޫނުކުރަންކަން" ނައިޝީ ބުނެލިއެވެ.

އެންމެފަހުން އޭނާ އެވަގުތު ގޮތެއް ނިންމިއެވެ. ކޮޓަރި ތެރެއިން ފިރިމީހާގެ ފަރާތުން ނުލިބޭ ލޯބި ހޯދަން ބޭރަށް ނިކުތުމުން މި މީހުން ރުޅި އަންނަންޖެހޭ ހެއްޔެވެ؟ މިހާރަކަށް އައިސް ނާހިދް ރަނގަޅަށް ބަލައިލަނީއެއްވެސް ނޫނެވެ.

އެނދުގައި އިން ނައިޝީ ފޯނު ނަގާފައި މާހިލްގެ ނަމްބަރ ފޯނުގައި ޖަހައިލިއެވެ. އޭނާ މޫނުމަތިން ކަންބޮޑުވުމެއް ނުފެނެއެވެ.

"ނާހިދް ކަލޭވެސް އަޒްކާ ކައިރިން އުފާ ހޯދަމުންދާއިރު އެ އުފާ އަހަރެންނަށް ނުލިބޭނެކަމަށްތަ ހީކުރީ؟" އަމިއްލަ ނަފްސަށް އިވޭ ވަރަށް ނައިޝީ ބުނެލިއެވެ. ރިންގުވާން ފެށުމާއެކު އޭނާ ފޯން ސްޕީކަރަށްލާފައި އެނދުގައި ބޭއްވިއެވެ.

"އައްސަލާމްއަލައިކުމް" މާހިލްގެ އަޑު ޖެހުމާއެކު އޭނާއަށް ރޮވިއްޖެއެވެ.

"މާހިލް... ! އަހަރެން... އަހަރެން މާހިލް މަތިން ވަރަށް މިސްވެގެން މިގުޅާލީ" ނައިޝީ ބުނެލިއެވެ.

"އަހަރެން ހީކުރީ އެހިސާބުން ނިމުނީކަމަށް. އެކަމަކު އިޝީ މިސްވާކަން އިނގުނީމަ ވަރަށް ހެޕީވެއްޖެ. ކިހިނެއްތަ؟" މާހިލް ބުނެލި އަޑު އިވުނެވެ.

"އަހަރެން.. އަހަރެން ބޭނުން މީޓްކޮށްލަން. ބޭނުމީ މާހިލްގެ މޭގައި ބޯއަޅާލައިގެން އޮވެ ނިދާލަން. ވަރަށް ވަރަށް ބޮޑަށް ހަގެއް ބޭނުންވެފަ މީނީ. އަހަރެން މާހިލް ކައިރިއަށް ދިޔުމުން މިފަހަރު ދުރުނުކޮށްލައްޗެ. އަހަރެން ނުހުއްޓުވައްޗެ" އެނދުމަތީގައި އޮތް ފޯނަށް ބަލަހައްޓައިގެން އިން ނައިޝީ ވާހަކަދައްކަމުން ދިޔައިރު އިތުރު އިންސާނެއް އޭނާ ދައްކަމުން ދިޔަ ވާހަކަތައް އިވޭ ހިސާބުގައި ހުރިކަމެއް ނޭނގެއެވެ. ފަރުވާކުޑަކޮށްލެވުމުން ކޮޓަރީ ދޮރު ކުޑަކޮށް ހުޅުވިފައި ހުރިކަންވެސް އޭނާ ހަނދާނުގައި ނެތީއެވެ. ކޮންމެ ކަމަކަށްވެސް ރަނގަޅު ވަގުތެއްވާނެއޭ ބުނާ އުސޫލުން މިފަހަރު ބޭވަފާތެރިއެއް ފަޅާއަރާ ވަގުތު ޖެހިއްޖެއެވެ.

"އޯކޭ... އެކަމަކު މިފަހަރު މީޓް ކުރާނީ ކޮޓަރީގައެއްނޫން ދޯ... އިޝީ ބުނޭ ރަނގަޅުތަނެއް...." މާހިލް ވާހަކަދައްކަމުން ދިޔައެވެ. ނައިޝީ އެއްޗެއް ބުނޭތޯ ފޯނުގައި ހުރި މާހިލް އިރުކޮޅަކު މަޑުކޮށްލިއެވެ.

"އިޝީ....! އިޝީ...! ކީއްވެ ވާހަކަނުދައްކަނީ... އޯވް ބޭބީ ހިތްހަމަނުޖެހުނީތަ؟ އައިމް ސޮރީ.... އައި މިސް ޔޫ މޯރ ޑާލިންގ. އަހަރެން އަބަދުވެސް އިޝީ މަތިން ހަނދާންވޭ. އަހަރެމެން ދެމީހުން މެދުގައި ހިނގާދިޔަ ކަންތައްތައް އެއީ ގޯހެއް. އެކަމަކު އެއިން އެންމެ ރެއެއްވެސް އަހަރެން ހަނދާނުން ފަޅި ސިކުންތަކަށްވެސް ފިލައިގެން ނުދޭ. އައި ރިއަލީ ލަވް ޔޫ ސޯ މަޗް ބޭބީ. ބޭނުމީ މުޅި އުމުރަށް ބޭބީ މިއަތުގެ ތެރެއަށްލާން. އެރެއަކުން އަހަރެން އިޝީ ނުހިފަހައްޓާނަން.... އިނގޭ ކުރިން ރޭގަ އަހަރެންނަށް އިޝީ ދުރުކޮށްލެވުނީ ވަރަށް ބޭނުންވެފަހުއްޓަކަން. އިނގޭ އިޝީ ބޭނުންވާކަން އަދިވެސް. ހިނގާ އަވަހަށް މެރީކުރަމާ ދޯ.... ނާހިދް ކައިރިން މިނިވަންވެގެން އާދޭ.... އައިމް ވެއިޓިންގ ފޯރ ޔޫ" މާހިލްގެ ވާހަތައް އަޑުއަހަން އިން ނައިޝީ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައިރު އޭނާ އިނީ އިސްޖަހާލައިގެންނެވެ. އޭނާ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ގެންނާކަށް ނޭނގުނެވެ. ބިރުގަނެފައި ހުރިވަރުން މީހާ ހީވަނީ ހުރިތަނަށް ދެކަމު އެއްކޮށް ދެވެން އުޅޭހެންނެވެ. ލަދުގަތްވަރުން މީހާ ބިންފަޅާފައި އަޑިއަށްދާނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. ކުށްވެރިއެއް ފަދައިން މީހާ ކުޑަވެގެން ދިޔައިރު އޭނާގެ ފެންވަރަކީ ބިންމަތީގައި ހިނގާފައި އުޅޭ ހިންޏެއް ފަދައެވެ.

"ހެލޯ... ބޭބީ... ގުޅާފައިވެސް ވާހަކަނުދައްކާ ހުރީމަ ކިހާ ދެރަވާނެ... ސޭ ސަމްތިންގް ޕްރިންސަސް" މާހިލް ވާހަކަދައްކަމުން ދިޔައެވެ.

ތުރުތުރުލަމުން ދިޔަ އަތުން އެނދުމަތީގައި އޮތް ފޯނުން ސްޕީކަރ ކަނޑާލަން އުޅުނު ވަގުތު ނައިޝީ ސިއްސައިގެން ދިޔައީ ގައިގަ ހުރި ބާރެއްލާފައި ފޯނު ފާރުގައި ޖެހުމުންނެވެ. ބާރުގަދަ އަޑުފަށްގަނޑަކާއެކު ފޯނު ފުނޑުފުނޑުވެ އެކި އެތިކޮޅު އެކިތަނަށް ބުރައިގެން ދިޔައެވެ. އެނދު ކައިރީގައި ދެކަންފަތްމަތީގައި އަތް އަޅައިގެން ހުރި ނައިޝީއަށް ރުޅިން އެތެރެހަށި ކެކެމުންދިޔަ ނާހިދް ބަލައިލިއެވެ. ނައިޝީ ބަލައިލިއިރު ނާހިދްގެ ދެލޮލުން މިއިން ދުވަހަކުވެސް ފެނިފައިނުވާ ދަރަޖައަށް ނަފްރަތު ފެނުނެވެ. ނާހިދަށް ހުރެވުނުތަންވެސް ނޭނގުނެވެ. ޑްރެސިނގްޓޭބަލް މަތީގައި ހުރި އެއްޗެހިތައް ދެއަތުން އެއްކޮށް ބުރުވާލިއެވެ. އެވަރުންވެސް ނުފުދުނެވެ. އެނދުގެ ހެޑްބޯޑުގައި ބަހައްޓާފައިވާ ހުރިހާ ބިއްލޫރި ވާސްތަކާ އެއްޗެހި ބުރުވާލިއެވެ. އަލަމާރި ހުޅުވާލުމަށްފަހު އޭނާއާއި ނައިޝީ ކައިވެނި ކުރި ދުވަހު ނެގި ބޮޑު ފޮޓޯ ފްރޭމް ފާރުގައި ޖެހިއެވެ. ކުޑަ ހިނދުކޮޅަކަށް ކޮޓަރިއަށް ހީވީ ބާރުގަދަ ބިންހެލުމެއް އައި ހެންނެވެ. ހުރިހާ ކަމެއް ވެގެންދިޔައި ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ވޭތުވެދިޔަ ވަގުތުކޮޅުގައި ނައިޝީއަށް ހީވީ ދުނިޔެ ގިޔާމަތްވާން އުޅުނުހެންނެވެ.

"ނާހިދް.... ނާހިދް... އައިމް ސޮރީ ލަވް..." ނާހިދް އެހާލުގައި ތެޅެން ފެށުމުން ނައިޝީއަށް ދުރުގައި ނުހުރެވުނެވެ. މޯހަންދާސްއާއި އިނާޝާ ހުޅުވާލާފައިވާ ދޮރުން ދުވަމުން އައިސް ވަނީ ކުއްލިއަކަށެވެ.

"ދަރިފުޅާ....!" ދެމަފަރިން އެއްކޮށް ހުއްޓުން އެރީ ކޮޓަރި އޮތް ހާލަތު ފެނުމުންނެވެ.

"ނާހިދް... އަހަރެންނަށް މަޢާފްކުރޭ.. އަހަރެން ދެން އެހެން ނޫޅޭނަން... ސޮރީ ލަވް" އެއްފަހަރު ނައިޝީ ދުރަށް ކޮށްޕާލުމާއެކު ދެވަނަ ފަހަރަށްވެސް އައިސް ނާހިދްގެ ގައިގައި ނައިޝީ ހިފައިގަތެވެ.

"ދުރަށްދޭ... ތި ހަޑި މުޑުދާރު އިންސާނާ އަހަރެންނާ ކައިރިނުވޭ. ތި އަންހެނާއަށް ތަދުވާގޮތަށް އިނގިލި ކުރި ޖައްސާލަންވެސް އަހަރެން ބޭނުމެއްނޫން. އަހަރެންނާ ކައިރިނުވާތި" ޝަހާދަތް އިނގިލިން އިޝާރާތްކޮށް ނާހިދް ފަހުގެ އިންޒާރު ނައިޝީއަށް ދިނެވެ. ދޮރުމަތީގައި ތިބި މޯހަންދާސްއާއި އިނާޝާ ހުރީ ފެންނަމުންދާ މަންޒަރު ގަބޫލުނުކުރެވިފައެވެ. އެންމެފަހުން ނައިޝީ ކުޅެމުންދިޔަ ކުޅިގަނޑު ނާހިދަށް ފަޅާއެރީތާއޭ އިނާޝާ ހިތަށް އެރިއެވެ.

"ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއްދުވަހޭ މީހުން ބުނެއެއްނު. މިއަދު މިވަނީ ވެރިމީހާގެ އެއްދުވަސް އައިސްފަ" އިނާޝާ މޯހަންދާސްއަށް އިވޭ ވަރަށް ބުނެލިއެވެ.

"ނާހިދް... އެކަންތައް މާބޮޑު ކަމަކަށް ނަހަދަބަލަ. ހަނދާންނައްތާލާ. އަހަރެންވެސް ހަނދާން ނައްތާލައިފިން... ޕްލީޒް މަންމަ ކައިރީގަ މިވާހަކަ ނުދައްކާތި އިނގޭ.. ސޮރީ ސޮރީ ލަވް..." މޮޔައެއް ފަދައިން އަނެއްކާވެސް ނައިޝީ ނާހިދްގެ ހަށިގަނޑުގައި ބައްދައިގަތެވެ.

"ދުރަށްދޭ.. މިހާރު މިވަގުތުން ފެށިގެން ތިއީ މަގޭ އަންބެއްނޫން. ވަރިކޮށްފަ ތިހެރީ... ދޭ... ހަމަ މިހާރު މަގޭ ކުރިމަތިން ދުރަށްދޭ..." ފަހުބަސް އިއްވާލުމާއެކު ނައިޝީ ގަނޑުވި ކަހަލައެވެ. އިނާޝާއާއި މޯހަންދާސް ދެލޯ ބޮޑުވެ އަނގަމަތީގައި އަތް އެޅުނެވެ. ހުރި ދިމާލުން ތިރީގައި ނައިޝީއަށް އިށީނދެވުނު އިރު އެނދުގައި އިށީނދެގެން ބޮލުގެ ދެފަރާތުން އަތް އަޅާލައިގެން ނާހިދް އިނެވެ. އޭނާ މައިނޭވާ އަޅަމުން ދިޔައިރު އަދިވެސް އޭނާގެ އެތެރެހަށީގައި ކެކެމުން ދިޔަ އަލިފާންގަނޑަށް ގުޑުމެއްވެސް ނާރައެވެ. އޭނާގެ އަންބެއްގެ ގޮތުގައި ހުރެ ނައިޝީ އެކުރި ހަޑި ކަންތައް ދުވަހަކުވެސް އޭނާގެ ހިތަކުން ނުފިލާނެއެވެ. އެވެސް އޭނާގެ ދެދުނިޔޭގެ އާދާވާތްތެރިއަކާ އެކުގައެވެ. ނައިޝީގެ ހަޔާތް މާހިލް ބަރުބާދު އެކުރީ އޭނާއަށް އެކަމުގެ އިންޒާރު މާހިލް ދީފައިވަނިކޮށެވެ.

ތިރީގައި އިން ނައިޝީ ކައިރިއަށް ދިޔުމުގެ ބަދަލުގައި އިނާޝާ ދުވެފައި ކަހަލަގޮތަކަށް އައިސް އިށީނީ ނާހިދްގެ މަގަތުންނެވެ. ނާހިދްގެ ކޮނޑުގައި އަތް ބާއްވައިލުމާއެކު އޭނާ އިނާޝާއަށް ބަލައިލިއެވެ. ނާހިދްގެ ދެލޯ އޭނާއަށް ފެނުނީ ރަތް ލޭކޮޅެއް ފަދައިންނެވެ. ރުޅިގަނޑު ކޮންޓްރޯލްނުވެ ދިޔުމުގެ ސަބަބުން އޭނާގެ ދެލޮލުން ވަނީ ކަރު ނީރާލާފައެވެ. ބޮލަށް އެނބުރުންއަރާ ކަހަލަ ގޮތްތަކެއްވެސް އޭނާއަށް ވަމުން ދިޔައެވެ.

"އެއީ އަހަރެން އަންބެއްނޫން. އަހަރެން އޭނައަށް ނަފްރަތުކުރަން. އަހަރެންގެ އަންބެއްގެ ގޮތުގައި ހުރެ އޭނަ ހިލޭ ފިރިހެނަކާއެކު ޒިނޭކުރީ. އެއީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގެން އެއީ ކުޑަކުއްޖެއްނޫން. ފިރިއެއްގެ އުފާތަކުން އަހަރެން އޭނާ މަހުރޫމެއް ނުކުރަން. ކައިވެނިކުރެވުނު ރޭގަވެސް އަހަރެން އޭނާ ކައިރީގައި ބުނިން އެ މާހިލްއަކީ މީހަކު ވާހަކަދައްކާ އުޅޭ ފެންވަރުގެ މީހެއްނޫނޭ... އެވަރުންވެސް އެ އަންހެނާ އަހަރެންގެ ބަސް ގަބޫލެއްނުކުރި. އެއްއަތުން އަހަރެންގެ ހިތުގައި ފިރުމަމުން އަނެއް އަތުން އަހަރެންގެ ބުރަކައްޓަށް ވަޅި ހެރީ. އޭނާ ހީކުރަނީ އަހަރެންވެސް އެފާޑަށް އުޅޭ ކަމަށްތަ؟ އަހަރެންގެ ހިތުގައި އަޒްކާއަށްޓަކައި އޮތް ޠާހިރު ލޯބި ކަފުންކޮށް ވަޅުލާފައި އޭނާއަށް އަހަރެން ފިރިއެއް ފަރާތުން ބޭނުންވާ ހުރިހާ ލޯތްބަކާ އޯގާތެރިކަމެއް ދިނިން. މާހިލްގެ މަސްތުގައި ޖެހިފައި އިންވަރުން އޭނާއަށް އަހަރެން މިކޮޓަރިއަށް ވަދެގެން އައިސް ކައިރީގައި ހުއްޓުނު އިރުވެސް ނޭނގުނު. އަހަރެން ހަމަ މާތްﷲ ގަންދީ ހުވާކޮށްފަ މިބުނަނީ މަންމާ. އަޒްކާ ކީއްކުރަން އެއްވެސް އަންހެނަކާއެކު އަހަރެން ނަހަމަ ގުޅުމެއް ނުބާއްވަން. އަނބިމީހާއަށް ވަފާތެރިވިން. ކެތްތެރިވިން.... އަހަރެންގެ ހަޔާތަށް އަޒްކާ އެނބުރި އައި ނަމަވެސް އަހަރެން ހުރީ އެ އަންހެނާއަށް ދެރަގޮތެއް ނަހަދަން.... އަހަރެން މިއަދު ވަރަށް ފޫހިވެއްޖެ..." ނާހިދް އިންތަނުން ތެދުވެގެން ހިނގައިގަތްއިރު އޭނާގެ ދެފައިގައި ތުރުތުރުލުމެއް ހުއްޓެވެ. ކުއްލިއަކަށް އޭނާގެ ލޯމައްޗަށް އަނދިރިވެ ކުދިކުދިވެފައިވާ ބިއްލޫރިތަކުގެ މައްޗަށް އަރިއަޅާލައިގެން ވެއްޓުނެވެ. މަގޭ ދަރި އޭ ބުނެ އިނާޝާ ރޮއެގަތްއިރު ނާހިދްގެ ހަށިގަނޑުގެ އެތަން މިތަނަށް ބިއްލޫރިކޮޅުތައް ވަދެ ނިމިއްޖެއެވެ.

(ނުނިމޭ)