ވޮލީބޯޅަ އެސޯސިއޭޝަން

ވީއޭއެމްގެ އާންމު ޖަލްސާ އޮލިމްޕިކް ކޮމިޓީން ހުއްޓުވައިދިނުމަށް ލަތީފް އެދިއްޖެ

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އާންމު ޖަލްސާ ހުއްޓުވައިދިނުމަށް އެ އެސޯސިއޭޝަންގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި އެދިވަޑައިގެންފިއެވެ.

ވީއޭއެމްގެ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:30ގައި ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައެވެ. އެ އާންމު ޖަލްސާއާ ގުޅޭ މައުލޫމާތު އެ އެސޯސިއޭޝަނުން ހިއްސާކޮށްފައެއް ނުވެއެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް އެޑްރެސްކުރައްވައި، ލަތީފް ފޮނުއްވި ސިޓީގައި ވިދާޅުވީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން ފޮނުވި ސިޓީގައި ވޮލީގެ އެއްވެސް ހަރަކާތެއް ހިންގުމުގެ ބާރު ނޯމަލައިޒޭޝަން ކޮމިޓީއަށް ނެތް ކަމަށް ސާފު އިބާރާތުން ބަޔާންކޮށްފައިވާތީ، އެ ކޮމިޓީން މިއަދު ބާއްވަން އުޅޭ އާންމު ޖަލްސާ ހުއްޓުވައިދިނުމަކީ އޮލިމްޕިކް ކޮމިޓީން ކުރަން ޖެހޭ ކަމެއް ކަމަށާއި އާންމު ޖަލްސާ ހުއްޓުވައިދިނުމަށް އެދޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ހުރިހާ އޮލިމްޕިކް ކުޅިވަރުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން، އެފްއައިވީބީގެ 4 ސެޕްޓެމްބަރ 2019 ގެ ސިޓީގައިވާ ކަންކަން އެގޮތުގެ މަތިން، ތަންފީޒުކުރުމަށް ބާރު އަޅުއްވައިދެއްވައި، އެފްއައިވީބީގެ ސިޓީގައި ބަޔާންކުރައްވާފައިވާ ގޮތަށް، ނޮމަލައިޒޭޝަން ކޮމިޓީގެ ފަރާތުން މިހާރު ކުރަމުންގެންދާ ކަންތައްތައް ހުއްޓާލުމަށް ނޮމަލައިޒޭޝަން ކޮމިޓީއަށް އަންގަވައިދެއްވުން އެދެމެވެ..،" ޝަވީދަށް ފޮނުއްވި ސިޓީގައި ލަތީފް ވިދާޅުވެފައިވެއެވެ.

ލަތީފް ވިދާޅުވީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީއަށް ނޭނގި އެ އެސޯސިއޭޝަންގެ ނަމުގައި އެއްވެސް ފަރާތަކަށް މުއާމަލާތު ނުކުރެވޭނެ ކަމަށާއި އެފަދަ ކޮންގްރެސްއެއް ބޭއްވުމަށް ވީއޭއެމްގެ އިންތިހާބީ ކޮމިޓީން އިއުލާންކޮށްފައިނުވާނެ ކަމަށެވެ. އަދި މިއަދު ބާއްވަން އުޅޭ އާންމު ޖަލްސާގައި ބައިވެރިވާ ގިނަ މެމްބަރުންނަކީ ވީއޭއެމްގެ ދަފުތަރުގައި ހިމެނިފައިވާ ސައްހަ މެމްބަރުން ނޫން ކަމަށް ވެސް ލަތީފްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ވީއޭއެމްގެ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމި ނަމަވެސް، ފަހުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ. އެ އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފައިވަނީ އިންތިހާބާ ގުޅޭގޮތުން ސާފުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމާއެކު އެކަންކަން ބަލައި ނިމެންދެން އިންތިހާބު ފަސްކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެދިފައިވާތީއެވެ.

ވީއޭއެމްގެ އިންތިހާބީ ކޮމިޓީ އަތުން ހިންގާ ކޮމިޓީގެ ބާރުތައް ނަގައި، އެ ބާރުތައް ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީނާ ސަލީމް) ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. ވީއޭއެމް ހިންގުމުގެ ބާރުގެ އިތުރުން އެ އެސޯސިއޭޝަންގެ މައްސަލަތައް ބަލައި، އާ އިންތިހާބެއް ބޭއްވުމުގެ ޒިންމާ ވެސް ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފައިވެއެވެ. މިހާރު އެ ކޮމިޓީގެ މުއްދަތުވެސް ހަމަވެފައިވާ އިރު، އެ އެސޯސިއޭޝަންގެ ހިންގުންވެސް ވަނީ ފާޑެއްގެ ހުސްކަމެއްގެ ތެރޭގައެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އެ ނިންމުން ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން ބަލައިގަނެފައެއް ނުވެއެވެ. އެފްއައިވީބީން ބަލައިގަންނާނީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީ ކަމަށް ބުނެ، އެސޯސިއޭޝަން އަލުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް އެ ފެޑެރޭޝަނުން އެންގި ނަމަވެސް، އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ކުރިމަތިކުރުވި ސުވާލުތަކަކަށް ޖަވާބުދެމުން ވެސް އެފްއައިވީބީން ބުނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށެވެ. އަދި އެ ކޮމިޓީން ބާއްވާ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ވެސް އެފްއައިވީބީން ރިޔާޒަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

އޭގެ ފަހުން އަންނަ މަހު ފަށަން ހަމަޖައްސާފައިވާ، އޭޝިއަން ސެންޓްރަލް ސީނިއާ ވިމެންސް ވޮލީ ޗެމްޕިއަންޝިޕްއާ ގުޅޭގޮތުން ހިންގާ މުއާމަލާތްތައް ވީއޭއެމްގެ އިންތިހާބީ ރައީސް، މުހައްމަދު ލަތީފާ ކުރުމަށް އޭޝިއަން ވޮލީބޯލް ފެޑެރޭޝަން (އޭވީސީ) އިން ބަންގްލަދޭޝްގެ ވޮލީބޯލް ފެޑެރޭޝަނަށް ވެސް އަންގާފައިވެއެވެ.