ރިޕޯޓް

އެމްޓީސީސީ، ރައްޔިތުންގެ ކުންފުނީގެ ޝަރަފާއެކު ރާއްޖެ ތަރައްގީ ކުރުމުގައި އަވަދިނެތި

އެމްޓީސީއަކީ ވަސީލަތްތަތަކުގެ ގޮތުން ބަލާއިރު، ރާއްޖޭގައި މަޝްރޫއުތައް ހިންގުމަށް އޮތް އެންމެ ގާބިލު ކުންފުންޏެވެ. ބިން ހިއްކުމާއި ބަނދަރު ހެދުމާއި އެނޫން ވެސް އެފަދަ މަސައްކަތްތަކަށް އިންސާނީ ވަސީލަތުގެ ގޮތުން ބަލާ އިރު ވެސް އެންމެ ގާބިލު ކުންފުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރީން ބައެއް ފަރާތްތަކުން އެންމެ ގަދަޔަށް ފެތުރި އަޑަކީ އެމްޓީސީސީއަށް މަސައްކަތް ނުކުރެވޭނެ ވާހަކަ އާއި އަމިއްލަ ފަރާތްތަކަށް މަސައްކަތް ދިނުމަށެވެ. މި ވާހަކަޔާ ދެކޮޅު މީހުން ގިނަ އެވެ. ދެކޮޅަށް ވާހަކަދައްކާ މީހުންގެ އޮތީ މައިގަނޑު ދެތިން ސަބަބަކެވެ.

އެއް ސަބަބަކީ، ކޮންމެ ގޮތަކުން ބެލިޔަސް މިވަރުގެ ބޮޑެތި މަޝްރޫއުތައް އެންމެ ގާބިލުކަމާ އެކު ހިންގޭނެ ވަސީލަތްތައް ހުރީ އެމްޓީސީސީގައި ކަމެވެ. ދެވަނަ ސަބަބަކީ، އެމްޓީސީސީއަކީ މެޖޯރިޓީ ހިއްސާ ސަރުކާރުގައި އޮތް ކުންފުންޏަކަށް ވެފައި، ބާކީ ހިއްސާއަކީ ސީދާ ރައްޔިތުންގެ ހިއްސާ ކަމަށް ވާތީ، އެ ކުންފުނީން މަސައްކަތް ކުރުމުން އޮތް ފައިދާ އެވެ. މައްސަލައެއް ދިމާވެއްޖެ ނަމަ ސަރުކާރުގެ މެޖޯރިޓީ އޮތް ކުންފުންޏަކަށް ވުމުން ކަންކަން ހައްލުކުރަން ފަސޭހަ ވެއެވެ. ފައިދާ ބޮޑުވެއްޖެ ނަމަ ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވުމުގެ ފުރުސަތު ވެސް އޮވެއެވެ.

އެމްޓީސީސީ ލައްވައި ރަށްރަށުގެ މަޝްރޫއުތައް ހިންގަން ރަށްރަށުގެ މީހުން ބޭނުންވާ އެހެން ސަބަބެއް ވެސް އޮވެއެވެ. އެއީ އެމްޓީސީސީން އެ ރަށްރަށުގައި ކަންކަން ކުރާ އިރު ރައްޔިތުން ލިބޭ އެހެނިހެން ފައިދާ އެވެ. އެ ގޮތުން އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުނި ކަމަށް ވާތީ، ރަށްރަށުގައި ހިންގާ މަޝްރޫއުތައް ނިމޭ އިރު، އޭގެ ބޭރުން ވެސް އެ ރަށްރަށުގައި ކުރާން ހުންނަ ކުދި ކުދި އެހެން ވަރަށް ގިނަ މަސައްކަތްތައް ހުންނަނީ ނިންމާލެވިފަ އެވެ. އެފަދަ ކަންކަން ކައުންސިލުން އެމްޓީސީސީ ލައްވައި ކުރުވަން ފަސޭހަ އެވެ. އެފެންވަރުން ނުވެއްޖެ ނަމަ، އެޔަށްވުރެ ބޮޑެތި ކަންކަން ސަރުކާރުގައި ދެންނެވުމުން އެމްޓީސީސީ ލައްވައި ކުރުވާ ފަހަރުވެސް މަދެއް ނޫނެވެ.

ކުރީން އަދި މިހާރު ވެސް ސީރިއަސް އެއް މައްސަލަ ކަމަށްވާ، ބޮޑެތި އަދަދުތަކުން ބަދަލުދޭން ޖެހުމަކީ ވެސް މީގައި ބައެއް މީހުން ހިމަނާ ސީރިއަސް މައްސަލަ އެކެވެ. އެމްޓީސީސީ އަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެއް ކަމަށްވުމުން، ހިޔާލު ތަފާތުވާ ހާލަތުގައި ވެސް އެކަމާ މަޝްވަރާކޮށްގެން ދައުލަތަށް ގެއްލުން ނުވެ ހައްލެއް ނެރެވޭނެ ފުރުސަތު އޮންނާނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

"ހަގީގަތުގައި ބަނދަރު ހެދުން، ބިން ހިއްކުން އަދި ދަތުރުފަތުރާއި އިމާރާތް ކުރުން އަދި އެނޫނަސް އެފަދަ ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގަން އެމްޓީސީސީ ފަދަ ގާބިލު ކުންފުންޏެއްް ރާއްޖެއަކު ނެތް. ވަސީލަތާއި މީހުންނަށް ބަލާއިރު މިހަގީގަތް ބަދަލެއް ނުކުރެވޭނެ. އެމްޓީސީސީން ކުރާ މަސައްކަތުގެ ފައިދާ ލިބެނީ ސީދާ ރައްޔިތުންނަށް. އެހެން ތަންތަނަށް ބޮޑެތި ބިޔަ މަޝްރޫއުތައް ދީގެން ބަދަލުގެ ގޮތުގައި ބިލިއަނުން ދޭން ޖެހިގެން މިއުޅޭ ސަބަބަށް ވެސް ވިސްނާލަން ޖެހޭ. އޭގެ ތެރޭގަ ވެސް އެމްޓީސީސީއަށް ކުރެވޭނެ ކަންކަން ހުރި. އެހެން ހެދި ނަމަ މިއަދު ރައްޔިތުންނަށް މި ގެއްލުން ވުމުގެ ފުރުސަތު އެތައް ތަނަކުން ކުޑަވާނެ." ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ބޮޑެތި ބިޔަ މަޝްރޫއުތައް ހުރިހާ ގޮތަކުން ރައްޔިތުންނަށް އެންމެ ބޮޑު ފައިދާ ލިބި، ދައުލަތަށް ވެސް އޭގެ ގެއްލުން މިހާރާއި ފަހުން ވެސް ކުޑަ ކުރުމަށް ޓަކައި، އެމްޓީސީސީގެ ކެޕޭސިޓީ އަދިވެސް ފުޅާކުރުން އެއީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެމްޓީސީސީގެ ކެޕޭސިޓީ ފުޅާކޮށްގެން ރާއްޖޭގައި އިގުތިސާދީ ގޮތުން މަންފާ ހޯދިދާނެ އެތައް ގޮތެއް އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ގައުމާ މެދު ހެޔޮކޮށް އަމިއްލަ އެދުމެއް ނެތި ވިސްނާ އެއްވެސް މީހަކު އެކަމާ ދެކޮޅު ހަދަން ޖެހޭނެ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ގަބޫލުކުރަން، ހުރިހާ މަޝްރޫއެއް އެމްޓީސީސީއަކަށް ވެސް ނުހިންގޭނެ. އެކަމަކު މިއަދު އެ ކުންފުނި އެ އޮތީ އާދަޔާ ހިލާފު ބިޔަ ކުންފުންޏަކަށް ވެފަ. އެހެން ވީމަ އެ ކުންފުނީގެ ފުރިހަމަ ބޭނުން ހިފަން ޖެހޭ. އަޅުގަނޑުމެންނަށް ފެނޭ ދުނިޔޭގެ ތަރައްގީވެފަ ހުރި ބޮޑެތި ގައުމުތަކުން ވެސް ބާރު ދުވެލީގައި ގައުމު އާރާސްތުކުރަން ހިފާފަ ހުންނަ އިރު ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެކަން ކުރަނީ. އެހެން އެކަން ކުރަނީ އޭގައި ގިނަ ފައިދާތަކެއް ވެސް އެކުލެވޭތީ. އެންމެ މުހިންމީ މާލީ ގޮތުން އުފެދޭ ހިޔާލު ތަފާތުވުންތައް ހައްލުކުރަން ފަސޭހަކުރުން. އަދި ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ބޮޑު ކަމެއް ދިމާވާއިރު އަބަދުވެސް ފެންނަން މި އޮންނަނީ އެމްޓީސީސީ. މާޒީން އެކަން އެނގޭ. އެމަގަށް ދާއިރު ޕްރައިވެޓް ޕާޓީތަކުގެ ބޭނުންވެސް އެކި ލެވެލްތަކުގައި ކުރެވޭނެ" މާލީ ދާއިރާގައި މަސައްކަތް ކުރާ އެހެން ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި، ދަތުރުފަތުރަށް ބަލާއިރު ވެސް ބައެއް ސަރަހައްދު ތަކުގައި ބޮޑު ގެއްލުމާ އެކު އެމްޓީސީސީން އެ ހިދުމަތް ދެނީ ސަބަބުތަކެއް ހުރެގެން ކަމަށާއި އަމިއްލަ ކުންފުންޏެއް ނަމަ، މިހާރު ރައްޔިތުންނަށް އެ ހިދުމަތް ނުލިބޭނެ ކަމަށެވެ. އެހެން ކަމުން އެމްޓީސީސީއަށް މަޝްރޫއުތައް ދީގެން އެވާހަކަ ދައްކަނީ އެހެން ސަބަބުތަކެއް ހުރެގެން ކަމަށާއި އެއީ ރައްޔިތުންގެ އަޑު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އާންމު ދަތުރުފަތުރުން އެމްޓީސީސީއަށް ލިބޭ ގެއްލުން ފޫބެއްދުމަށް ދެމުން އައި ސަބްސިޑީ ހުއްޓާލީ މިދިޔަ ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން އަހަރަކު އެވްރެޖްކޮށް 80 ވަރަކަށް މިލިއަން ރުފިޔާ އެ ސެކްޓަރުން ގެއްލުން ވަމުން އަންނަ ކަމަށް އެކުންފުނީން ބުނެ އެވެ. އާންމު ދަތުރުފަތުރުގެ އަގު ތަކަކީ ސަރުކާރުން ކަނޑައަޅާފައި އޮންނަ ރޭޓު ތަކަކަށް އެމްޓީސީން ދެމުން އަންނަ ހިދުމަތެކެވެ.

އެމްޓީސީސީގެ މިހާރުގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެފައި ވަނީ، އެ ކުންފުނީން 1.5 ބިލިއަނަށް ވުރެ ގިނަ މަޝްރޫއުތައް މިހާރު ހިންގަމުން އަންނަ ކަމަށާއި އެ މަޝްރޫއުތައް ދަތިކަމެއް ނެތި ހިންގޭނެ ގާބިލުކަން ކުންފުނީގައި އެބަހުރި ކަމަށެވެ. އަދި އިތުރު މަޝްރޫއުތަކަށް ވިސްނުން ބަހައްޓައިގެން ކުންފުނީގެ ވަސީލަތްތައް އިތުރުކޮށް ކެޕޭސިޓީ ބޮޑުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޝާހު ދާދި ފަހުން މީޑިއާގައި ވިދާޅުވެފައި ވަނީ، މަޝްރޫއެއް އެމްޓީސީސީއާ ހަވާލުވުމުން އޭގެ ހަފުތާއެއް ފަހުން އެ ރަށަކަށް ނާރައިފި ނަމަ މަޝްރޫއު ލަސްވީ ކަމަށް ބައެއް މީހުން ވާހަކަ ދައްކާ ކަމަށާއި އެހެން ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. މަޝްރޫއުތައް ލަސްވުމުގައި ވަރަށް ގިނަ ސަބަބު މެދުވެރިވާކަން ފާހަގަ ކުރައްވައި ޝާހު ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ހުރިހާ ކަމެއް ތާވަލާ އެއްގޮތަށް ހަމަޖެހިފައި ހުންނަ ނަމަ އެ މަޝްރޫއެއް ނިންމުމުގައި އެމްޓީސީސީގެ ފަރާތުން ޑިލޭއެއް ނާންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ފަހަކަށް އައިސް ވަރަށް ގިނަ މަޝްރޫއުތައް ލިބެނީ ޑިޒައިން އަދި އީއައިއޭ ވެސް ހަދައިގެން މަޝްރޫއު ކުރިޔަށް ގެންދެވޭ ގޮތަށް ކަމަށާއި އެ މަރުހަލާގައި ދެތިން މަސް ހޭދަވާ ކަމަށެވެ. އަދި ބައެއް މަޝްރޫއުތައް ކުރީން ރާވާފައިވާ އޮންނަ ކޮންސެޕްޓަށް ބަދަލު ގެންނަން ރައްޔިތުން ބޭނުން ވެގެން ސަރުކާރުން ރައްޔިތުންނަށް އެ ބަދަލު ގެނެސްދޭން ބޭނުންވާތީ ވެސް ޑިލޭތައް އަންނަ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ބައެއް ކަންކަމަކީ އާންމުކޮށް ނޭނގޭ ކަންކަން ކަމަށް ޝާހު ފާހަގަކުރެއްވި އެވެ. އަދި މިހާރު ސަރުކާރުގެ ވިސްނުން ހުރީ އެފަދަ ޑިލޭތައް ވެސް މަދުކުރުމުގެ ގޮތުން ބައެއް ޕްރޮޖެކްޓްތައް އެވޯޑު ކުރުމުގެ ކުރީން ޑިޒައިން އާއި އީއައިއޭ ވެސް ނިންމަށް ކަމަށް ޝާހު ވިދާޅުވި އެވެ.

"އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުނި. ރަށްރަށުގައި މަޝްރޫއުތައް ކުރިޔަށް ދާ އިރު ވެސް އަދި ފެށުމުގެ ކުރިން ވެސް ރައްޔިތުން ބޭނުންވާ ބަދަލުތަކުގެ ރިކުއެސްޓް ވަރަށް ގިނައިން އެބަ އާދޭ. އެފަދަ ކޮންމެ ބަދަލަކީ ކިރިޔާ ވެސް ގޮތެއް އޮތް ނަމަ ސަރުކާރުން އެބަދަލު ގެނެސްދޭން ބޭނުންވާ ކަންކަން. އަނެއްކާ މިސަރުކާރުގެ ސިޔާސަތެއް ނޫން ކަމަކަށް ކަމެއް ކުރުން. ކުޑަތަންކޮޅެއް ލަސްވިޔަސް، ކަންކަން ރަނގަޅަށް ބަލައިގެން ރައްޔިތުން ބޭނުންވާ އެންމެ ރަނގަޅަކަށް ކަންކަން ކުރަން ސަރުކާރުން ބޭނުންވޭ. އެކަމުގައި އެމްޓީސީސީ މި އޮތީ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ކުރިޔަށް ދާން ފުރިހަމަޔަށް ތައްޔާރު ވެގެން." އެމްޓީސީސީގެ ސީއީއޯ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ އެ ކުންފުންޏާ ސަރުކާރުން މަޝްރޫއުތައް ހަވާލުކުރައްވާ މައިގަނޑު ސަބަބަކީ އިތުބާރު ކަމަށާއި އެ އިތުބާރު ކުންފުނީން ދަމަހައްޓާނެ ކަމަށެވެ. އަދި އަންނަ އަހަރަށް ތައްޔާރުވުމަށް ކުންފުނީގެ ކެޕޭސިޓީ ފުޅާކުރުމުގެ މަސައްކަތް މިހާރުއްސުރެ ފަށައިގެން ކުރިޔަށް ގެންދަވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ. އެ ގޮތުން ރައްޔިތުން ނާއުއްމީދު ވާނެ ޖާގައެއް އެމްޓީީސީސީން ނުދޭނެ ކަމަށާއި ކުންފުނި މަސައްކަތް ކުރާނީ އެއީ ދިވެހި ރައްޔިތުންގެ ކުންފުނިކަން ފުރިހަމަޔަށް ދަނެގެން ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

ކުރީން ވާހަކަދެއްކެވި ކޮންސަލްޓެންޓް ވިދާޅުވީ ބައެއް ފަހަރަށް މަޝްރޫއެއް ލަސްވަނީ ކޮންމެހެން އެ މަސައްކަތް ކުރާ ކުންފުނީގެ ސަބަބުން ނޫން ކަމަށާއި ރާއްޖޭގެ ތަޖުރިބާއަށް ބަލާ އިރު، މައްސަލަ ޖެހި ހިޔާލު ތަފާތުވުން އުފެދިފައި ހުރި ހިސާބަށް ބަލާ އިރު ވެސް އެމްޓީސީސީގައި އޮތީ "ޕޮސިޓިވް" ރެކޯޑެއް ކަމަށެވެ. އަދި އެމްޓީސީސީން ރާއްޖޭގައި ހިންގާފައި ހުންނަ މަޝްރޫއުތަކަކީ ކޮލިޓީގެ ގޮތުން ރަނގަޅު މަސައްކަތްތަކެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.