އިނގިރޭސި ލީގު ކަޕް

ލިވަޕޫލާއި ޔުނައިޓެޑް ކުއާޓާއަށް

އިނގިރޭސި ލީގު ކަޕްގެ ގަދަ 16ގައި އާސެނަލް އަތުން ލިވަޕޫލް މޮޅުވި އިރު، މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު ކަޕްގެ ގަދަ 16ގެ މެޗުގައި އާސެނަލް އަތުން ލިވަޕޫލް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-4ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލިވަޕޫލަށް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުވެފައެވެ.

އެ މެޗުގެ ހަވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ލިބުނީ އާސެނަލްގެ ޑިފެންޑަރު ޝްކޮރަޑާން މުސްތާފީ އަތުން ބައިކޮޅަށް ވަން ލަނޑާ ގުޅިގެންނެވެ. އެ ލަނޑަށްފަހު އާސެނަލުން ވަނީ ތިން ލަނޑު ކާމިޔާބުކޮށް، ފަހަތުން އަރައި ލީޑު ހޯދައިފައެވެ. އެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ލޫކަސް ޓޮރޭރާ ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ގެބްރިއަލް މާޓިނެއްލީއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ލިވަޕޫލަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-2ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ 54 ވަނަ މިނެޓުގައި އާސެނަލަށް އައިންސްލޭ މެއިޓްލޭންޑް ނައިލްސް އަލުން އާސެނަލަށް ލީޑު ފުޅާކޮށްދިން ނަމަވެސް، ލިވަޕޫލުން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ލިވަޕޫލުގެ ތިންވަނަ ލަނޑު އެލެކްސް އޮކްސްލޭޑް ޗެމްބާލޭން ކާމިޔާބުކޮށްދިން އިރު، މެޗުގެ 62 ވަނަ މިނެޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިވޯކް އޮރިގީއެވެ.

މެޗުގެ 70 ވަނަ މިނެޓުގައި އާސެނަލުން ވަނީ އަލުން ލީޑު ހޯދައިފައެވެ. އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯ ވިލޮކްއެވެ. މެޗުގައި ލިވަޕޫލު ސަލާމަތްވީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އޮރިގީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު 5-5ގެ ނަތީޖާއަކުން އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލުގެ ފަސް ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިލްނާ އާއި އެޑަމް ލަލާނާ އާއި ރިއަން ބްރޫސްޓާ އާއި އޮރިގީ އަދި 18 އަހަރުގެ މިޑްފީލްޑަރު ކާޓިސް ޖޯންސްއެވެ. އާސެނަލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހެކްޓާ ބެލެރިން އާއި މެޓިއޯ ގުއެންޑޫޒީ އާއި މާޓިނެއްލީ އަދި މެއިޓްލޭންޑް ނައިލްސްއެވެ. އާސެނަލް އަތުން ނާކާމިޔާބުވި ޕެނަލްޓީއަކީ ޑެނީ ކަބެޔޯސް ފޮނުވާލި ޕެނަލްޓީއެވެ.

ރަށުން ބޭރުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު ގަދަ 16ގެ މެޗުން މޮޅުވެ، ޔުނައިޓެޑުން ވެސް ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 25 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ހޯދީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޔުނައިޓެޑަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ މާކަސް ރަޝްފާޑެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ 61 ވަނަ މިނެޓުގައި މިޝީ ބަޓްޝުއާއީ ވަނީ ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި، އަލުން ލީޑު ހޯދައިފައެވެ. އެ ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރަޝްފާޑެވެ.