ވޮލީބޯޅަ އެސޯސިއޭޝަން

ވީއޭއެމްގެ އާންމު ޖަލްސާއެއް މިއަދު ބާއްވަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އާންމު ޖަލްސާއެއް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

ވީއޭއެމް އިން މިދިޔަ ހޯމަ ދުވަހު ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:30ގައި ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައެވެ.

ވީއޭއެމްގެ އާންމު ޖަލްސާއެއް ބޭއްވުމަށް އިއުލާންކުރި ނަމަވެސް، އެ އާންމު ޖަލްސާއާ ގުޅޭ މައުލޫމާތު އެ އެސޯސިއޭޝަނުން ހިއްސާކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވީއޭއެމްގެ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމި ނަމަވެސް، ފަހުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ. އެ އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފައިވަނީ އިންތިހާބާ ގުޅޭގޮތުން ސާފުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމާއެކު އެކަންކަން ބަލައި ނިމެންދެން އިންތިހާބު ފަސްކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެދިފައިވާތީއެވެ.

ވީއޭއެމްގެ އިންތިހާބީ ކޮމިޓީ އަތުން ހިންގާ ކޮމިޓީގެ ބާރުތައް ނަގައި، އެ ބާރުތައް ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީނާ ސަލީމް) ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. ވީއޭއެމް ހިންގުމުގެ ބާރުގެ އިތުރުން އެ އެސޯސިއޭޝަންގެ މައްސަލަތައް ބަލައި، އާ އިންތިހާބެއް ބޭއްވުމުގެ ޒިންމާ ވެސް ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފައިވެއެވެ. މިހާރު އެ ކޮމިޓީގެ މުއްދަތުވެސް ހަމަވެފައިވާ އިރު، އެ އެސޯސިއޭޝަންގެ ހިންގުންވެސް ވަނީ ފާޑެއްގެ ހުސްކަމެއްގެ ތެރޭގައެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އެ ނިންމުން ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން ބަލައިގަނެފައެއް ނުވެއެވެ. އެފްއައިވީބީން ބަލައިގަންނާނީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީ ކަމަށް ބުނެ، އެސޯސިއޭޝަން އަލުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް އެ ފެޑެރޭޝަނުން އެންގި ނަމަވެސް، އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ކުރިމަތިކުރުވި ސުވާލުތަކަކަށް ޖަވާބުދެމުން ވެސް އެފްއައިވީބީން ބުނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށެވެ. އަދި އެ ކޮމިޓީން ބާއްވާ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ވެސް އެފްއައިވީބީން ރިޔާޒަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

އޭގެ ފަހުން އަންނަ މަހު ފަށަން ހަމަޖައްސާފައިވާ، އޭޝިއަން ސެންޓްރަލް ސީނިއާ ވިމެންސް ވޮލީ ޗެމްޕިއަންޝިޕްއާ ގުޅޭގޮތުން ހިންގާ މުއާމަލާތްތައް ވީއޭއެމްގެ އިންތިހާބީ ރައީސް، މުހައްމަދު ލަތީފާ ކުރުމަށް އޭޝިއަން ވޮލީބޯލް ފެޑެރޭޝަން (އޭވީސީ) އިން ބަންގްލަދޭޝްގެ ވޮލީބޯލް ފެޑެރޭޝަނަށް ވެސް އަންގާފައިވެއެވެ.